އިބޫއަށް ދުވާފަރުގެ އެތައް ސަތޭކަ ބައެއްގެ މަރުހަބާ!

އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރ. އަތޮޅު ދުވާފަރަށް ވަޑައިގެންނެވުމުން އެރަށުގެ އެތައް ސަތޭކަ ބަޔަކު ނިކުމެ އޭނާ އަށް އިއްޔެ މަރުހަބާ ކިޔައިފި އެވެ.


އިދިކޮޅު އެމްޑީޕީއަށް މާ ބޮޑު ސަޕޯޓެއް ކުރިން ނޯންނަ ދުވާފަރަށް ވަޑައިގެންނެވުމުން މަރުހަބާކީ ދިދަޔާއި ބެނާ އާއި ޕޯސްޓަރާއި ކޯޑި ހިފައިގެން ނިކުމެ ބަނދަރު ސަރަހައްދުންނެވެ.

އިބޫއާ ސަލާން ކުރަން ތިބި ސަޕޯޓަރުން ގިނަ ކަމުން އެކަން ކުރައްވާ ނިންމެވުނީ ބައިގަޑިއެއްހާއިރު ތެރޭގަ އެވެ.

މިޔުޒިކާއި ބޮޑުބެރާ އެކު ވަރަށް ފޯރިގަދަކޮށް އިބޫ އަށް މިރަށުން ލިބިވަޑައިގެންނެވި ވަރުގެ ތަރުހީބެއް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިރަށުން ލިބިވަޑައިގެންފައެއް ނުވެ އެވެ.

"އަޅުގަނޑަށް ދެ ތިން ފަހަރު އާދެވިއްޖެ މި ރަށަށް ކެމްޕެއިން ދަތުރުތަކުގައި. އަޅުގަނޑަށް އަދި މި ރަށަކުން އަދި މި ރާއްޖެއަކުން މިއަދު ތިބޭފުޅުން ތި ކީ ވަރުގެ ފޯރިޔާއި ޖޯޝާ އެކު މަރުހަބާއެއް ފެނިފައެއް ނެތް،" މި ރަށުގައި ބޭއްވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.

ގިނަ ބަޔަކު އިބޫއާ ސަލާންކުރަން ވަނީ ނުކުމެފައި

އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރިން މި ރަށަކީ އެމްޑީޕީ އަށް މާ ބޮޑު ސަޕޯޓެއް އޮތް ރަށެއް ނޫނެވެ.

"މި އަތޮޅަކީ 2013 ވަނަ އަހަރު ރައީސް ޔާމީނަށް ވަރަށް ބޮޑު ތާއީދެއް ކުރި އަތޮޅެއް. މި ރަށަކީ ވެސް ބޮޑު ތާއީދެއް ރައީސް ޔާމިނަށް ކުރި އަތޮޅެއް. އެއީ އުއްމީދުތަކަކާ އެކީގައި. ބޭނުންވާ މުހިންމު މަގްސަދުތަކެއް ހާސިލް ކުރުމަށްޓަކައި. ހަމަ އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތު ވެސް ރައީސް ޔާމީނުގެ ސަރުކާރަށް ރައްޔިތުން ދިން،" އޭނާ ވިދާޅުވި އެވެ.

ކުރިން ދުވާފަރަކީ ސަރުކާރުގެ ސަޕޯޓް ބޮޑު ރަށެއް

އެކަމަކު، އިބޫ ވިދާޅުވި ގޮތުގައި، ރައްޔިތުންގެ އެ ތާއީދު ރައީސް ޔާމީނަށް ގެއްލުނީ ރައްޔިތުންނަށް އަޅާނުލެއްވުމުންނެވެ.

"ވޭތުވެދިޔަ ފަސް އަހަރު ރައީސް ޔާމީން ވަނީ ރައްޔިތުން ބިކަކޮށްފައި. މާޔޫސްކޮށްފައި. ރައްޔިތުންގެ އެތައް ބަޔަކު މަގުތަކުގައި ގެއްލި މަރުވެފައިވާއިރު މިއިން އެއްވެސް ކަމަކަށް ރައީސް ޔާމީނުގެ ވެރިކަމުގައި މިއަދާ ހަމައަށް އައިއިރު މި ވަނީ އިންސާފު ނުލިބި،" އިބޫ ވިދާޅުވި އެވެ.