ރައީސް ނަޝީދުގެ ކަރު ބުރިކޮށްލަން ގޮވާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

ހުޅުމާލޭގައި ޕީޕީއެމުން ބޭއްވި ރެލީއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރު ބުރިކޮށްލަން ގޮވާލި މައްސަލަ ތަހުގީގުކޮށްދޭން އެދި ފުލުހުންނަށް މިއަދު ހުށަހަޅައިފި އެވެ.


އެމްޑީޕީގެ އޮފިޝަލަކު މިރޭ ވިދާޅުވީ އެއީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށާއި އެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް އެދި ފުލުހުންނަށް އެކަން ހުށަހަޅާފައިވާ ކަމަށެވެ.

ޕީޕީއެމްގެ އަންހެނަކު ނަޝީދުގެ ކަރު ބުރިކޮށްލަން ގޮވާލުމަކީ ސާބިތު ހެކި ލިބިފައިވާ ކަމެއް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.

އެ މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އިންޑިއާއިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސުބްރަމާނިއަމް ސުވާމީ މިިދިޔަ ހުކުރު ދުވަހު ވިދާޅުވެފައިވާތީ އެކަން ކުށްވެރިކޮށް ދެއްކި ވާހަކަ، ޕީޕީއެމްގެ ސަޕޯޓަރު ނިންމާލީ ރައީސް ނަޝީދުގެ ކަރު ބުރިކޮށްލާނެ ކަމަށް ބުނަމުންނެވެ. "ރާއްޖެ އަށް އަރާ އިދިކޮޅު ފަރާތްތައް، އިންޑިޔާ އިން އަޔަސް، ކޮންމެ ތަނަކުން އަޔަސް، އަންނި އަޔަސް ދެން ކަރު ބުރިކޮށްލާނީ. ކަރު ހަމަ ބުރި އަރުވާލާނީ،" ޕީޕީއެމްގެ ފިޔާތޮށި ޓީޝާޓާއި ދިދަތައް ހިފައިގެން ބޭއްވި އެ ރެލީގައި އަންހެން ސަޕޯޓަރު ބުންޏެވެ.

އޭނާގެ އެ ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ޕީޕީއެމަށް ފާޑުކިޔުން އަމާޒުކޮށްފަ އެވެ. ސިޔާސީ ގޮތުން ސިޔާލު ތަފާތުވި ނަމަވެސް ބޮޑެތި ކުށްތައް ނުކުރަން ގޮވާލާފައިވެ އެވެ.

އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިޔާސީ ޕޯޑިއަމްތަކާއި ކެމްޕޭން ހަރަކާތްތަކުގައި ބޯ ބުރިކޮށް މަރަން ގޮވުން ފަދަ ކަންކަމަށް ޖާގަ ދެވިގެންނުވާނެ ކަމަށެވެ. އަދި އެކަން ކުރަމުންދާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް އެ ޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.