ވަޒީފާ އަދާކުރަމުން، ނަރުހުންނަށް ކިޔެވުމުގެ ފުރުސަތު ހޯދައިދެނީ

ވަޒީފާ އަދާކުރަމުން ނަރުހުންނަށް ކިޔެވޭނެ ފުރުސަތު ހޯދައި ދިނުމަށް ހެލްތު މިނިސްޓްރީން ކަމާބެހޭ ފަރާތްތަކާ އެކު މިއަދު މަޝްވަރާ ކޮށްފި އެވެ.


އެ މިނިސްޓްރީން ބުނީ، ނަރުހުންގެ ފެންވަރު މަތިކުރުމާ ބެހޭގޮތުން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި އައިޖީއެމްއެޗާއި ނާސިން އެންޑް މިޑްވައިފްރީ ކައުންސިލްގެ އިސްވެރިންނާ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ބައްދަލު ކުރައްވާފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުމުގައި، ޒަމާނީ ވަސީލަތްތަކަށް އަހުލުވެރި ކުރުވަން ތަމްރީން ޕްރޮގްރާމްތައް ހިންގާނެ ގޮތާ ގުޅޭގޮތުން ވާހަކަ ދެއްކެވި ކަމަށް ބުންޏެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މާލެ އާއި ރަށްރަށުގެ ސިއްހީ ހިދުމަތްތައް އެއް ހަމައަކަށް ގެނައުމަށް ޑޮކްޓަރުންނާ އެއްވަރަށް ނަރުހުންނަކީ ވެސް ގާބިލް ބަޔަކަށް ވާންޖެހޭ ކަމަށެވެ.

ނަރުހުންގެ ފެންވަރު މަތިކުރަން މަޝްވަރާތައް ކުރަމުން އަންނައިރު، މި މަހުގެ އެއްވަނަ ދުވަހު ވަނީ ނަރުހުންގެ ވަޒީފާގެ އާ އޮނިގަނޑަށް އަމަލުކުރަން ފަށައިފަ އެވެ. އެއާ އެކު، ނަރުހުންގެ މުސާރަ އަށް އެވްރެޖުކޮށް 15 ޕަސެންޓުގެ ކުރިއެރުމެއް ދޭން ވަނީ ނިންމައިފަ އެވެ.

ނަރުހުންގެ ވަޒީފާގެ އާ އޮނިގަނޑު ހަދާފައިވަނީ މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް ރިއާޔަތް ކުރުމަށް ފަހު އެވެ. އެއީ ތައުލީމާއި މަސައްކަތުގެ ފެންވަރަށް ބަލައިގެން ކޮންމެ ދެ އަހަރަކުން ކުރިއެރުން ދެވޭ ގޮތަށާއި ނާސިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމުން އެ ދާއިރާއިން ކުރިއަށް ދިއުމަށް މަގުފަހިވާ ގޮތަށާއި ނަރުހުންގެ ދާއިރާއިން ހާއްސަ ނަރުހުން ހިދުމަތަށް ތައާރަފުވެގެން ދިއުމުގެ އިތުރުން އާއްމު އަދި ހާއްސަ ދާއިރާތަކުގެ މަގާމުގެ ކުރިއެރުން ލިބޭނެ ގޮތަށެވެ.