މައުމޫނާ ގުޅޭ ގޮތުން ތޯރިގް ދެއްކެވި ވާހަކައާ މެދު ރައީސް ޔާމީން ހިތްޕުޅު ހަމަނުޖެހިއްޖެ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ޚިދުމަތަށް ފާޑުވިދާޅުވެ، އެންވަޔަރުމެންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ރޭ ދެއްކެވި ވާހަކަތަކާ މެދު ރައީސް އަބްދުﷲ ޔާމީން ހިތްޕުޅު ހަމަޖެހިވަޑައިނުގެން، އެފަދަ ވާހަކަތައް ނުދެއްކެވުމަށް އެދިވަޑައިގެންފި އެވެ.


ރ. ދުވާފަރުގައި ބޭއްވި، ރައީސް ޔާމީންގެ ކެމްޕެއިން ޖަލްސާގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް ވަނީ އިދިކޮޅު ފަރާތްތަކަށް "ކޮކްޓެއިލް ކޯލިޝަން" ގެ ނަމުން މުހާތަބު ކުރައްވައި އަދި މަލާމާތް ކުރެއްވުމުގެ ތެރޭގައި، ރައީސް ޔާމީންގެ އެއްބަފާ ބޭބޭފުޅު މައުމޫނަށް ރާއްޖެ ތަރައްގީ ނުކުރެއްވުނު ކަމަށް ވިދާޅުވެފަ އެވެ.

"ތިރީސް އަހަރު ރާއްޖޭގައި ވެރިކަން ކުރައްވައި އަދި ރާއްޖެއަށް ގެންނަން ޖެހޭ މުހިންމު ޑިވެލޮޕްމަންޓް، އެ 30 އަހަރުގެ ތެރޭގައި ނުގެނެސް ދެއްވި އަދި އަޅުގަނޑުމެންގެ އިގްތިސާދު އެ ހިސާބަށް ނުގެނެސް ދެއްވި، އޭރު ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް މައުމޫނަކީ މި ކޮކްޓެއިލްގެ އެއް ބައި،" އިދިކޮޅު ކޯލިޝަންގެ ލީޑަރުންނާ ދެކޮޅަށް ދެއްކެވި ވާހަކައިގެ ތެރޭގައި މައުމޫނާ ގުޅޭ ގޮތުން ތޯރިގް ވިދާޅުވި އެވެ.

ރ. އަލިފުށީގައި ސަރުކާރުން ގާއިމްކޮށްދިން ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީނާއި މިނިސްޓަރު ތޯރިގް އަދި މިނިސްޓަރު މުއިއްޒު އިއްޔެ ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

އޭނާގެ އެ ވާހަކަތަކަށް ފަހު، އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއްގައި، މައުމޫންގެ ޚިދުމަތަށް އެއްވެސް ކަހަލަ ކޫރުމެއް އެޅޭ ކަހަލަ ވާހަކަ އެއްވެސް ބޭފުޅަކު ނުދެއްކެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި މައުމޫނަކީ ރާއްޖެއަށް ޚިދުމަތްތެރިއެއް އަދި ރާއްޖެ ތަރައްގީކުރެއްވި ބޭފުޅެއް ކަމަށެވެ.

"ރައީސް މައުމޫނަކީ ދުވާފަރު ވެސް ތަރައްގީ ކުރެއްވި ބާނީ. އެހެންވީމާ ރައީސް މައުމޫނަކީ އިގްތިސޯދީ ކުރިއެރުން ވެސް އަދި އިޖުމާއީ ހަމަޖެހުން ވެސް އަދި ތައުލީމީ ދާއިރާ ވެސް އަޅުގަނޑުމެން ހީނުކުރާ ހިސާބަށް ގެންގޮސް ދެއްވި ބޭފުޅެއް. ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް،" ރައީސް ވިދާޅުވި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށް، ފޯނު ދިނުމަށް ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި މައްސަލާގައި އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ ސާބިތުވެ، އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް މައުމޫން ގެންދަވަނީ ހޭދަކުރައްވަމުންނެވެ.

މިދިޔަ ޖޫން 13 ވަނަ ދުވަހު މައުމޫންގެ މައްޗަށް އެ ހުކުމް ކޮށްފައިވާއިރު، ޓެރަރިޒަމްގެ ދައުވާއެއް ވެސް ދައުލަތުން ވަނީ އުފުލައިފަ އެވެ. އެމަނިކުފާނަށް އެ ދައުވާ ކުރަނީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރަން އުޅުއްވި ކަމުގެ ތުހުމަތުގަ އެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖެއަށް މައުމޫން ޚިދުމަތްތަކެއް ކޮށްދެއްވާފައިވީ ނަމަވެސް ބާރު ސްޕީޑުގައި ކަންކަން ކުރުމަށްޓަކައި މިއަދުގެ ޒުވާނުންގެ ކެތްތެރިކަން ކުޑަ ކަމަށެވެ. އެހެންވެ، އެ ސްޕީޑުގައި ކަންކަން ކުރުމަށްޓަކައި، މައުމޫނަށް "ބައްޕަ" ވިދާޅުވާ ވަރުގެ ބޭފުޅަކު 2008 ގައި ވެރިކަމަށް ގެނައި ނަމަވެސް ކަންކަން ރަނގަޅު ނުކުރެއްވުނު ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރަތްކުރައްވަމުން، ރައީސް ޔާމީން ވިދާޅުވި އެވެ.

"އޭރު ރައީސް ނަޝީދު ވިދާޅުވި، އޭރު ހުރި ހުރިހާ ކަމެއް ތިމަންނަ ރަނގަޅު ކުރާނަމޭ. އެކަމަކު، މާތް ކަލާކޯ! އެބޭފުޅާއަކަށް ދުއްވައެއް ނުގަނެވުނު. ތިން މީޓަރަށް ދުއްވައިގެންފައި އެބޭފުޅާ [ވިދާޅުވީ] މިއީ ތިމަންނަ އަށް އުޅެވޭ ވަރުގެ ރޭހެއް ނޫނޭ. ތިމަންނަގެ ކުރިން މި މަގާމު ފުރީ ހާދަ ފުންނާބު އުސް މީހެކޭ. އެހެންވީމާ، އެ ހިސާބުން އޭނާ ނިންމެވީ [އިސްތިއުފާ ދެއްވާފައި] ގެއަށް ވަޑައިގަންނަވަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ތޯރިގްގެ ވާހަކައިގެ މުރާދަކީ ވެސް މައުމޫނަށް އިހާނެތި ބަހެއް ވިދާޅުވުމެއް ނޫނެވެ.

"[ތޯރިގް] ވިދާޅުވާން އުޅުއްވި ބަސްފުޅުގެ މުރާދަކީ އަޅުގަނޑު ދެކޭ ގޮތުން ވެއްޖިއްޔާ، އޭރަށް ވުރެ ރައްޔިތުންގެ އުންމީދުތައް އިތުރު ވެގެން ހިނގައްޖެއޭ. މިއަދުގެ މި ތަރައްގީ އާ އުންމީދާ އެކީގައި ބޮޑެތި ކަންކަމަށް ރައްޔިތުން އުންމީދު ކުރެއޭ. އެކަންކަން ފުރިހަމަ ކޮށްދޭ މީހަކީ ރައީސް ޔާމީނޭ،" މައުމޫނަށް ކުޑައީމިސް ވާ ގޮތަށް ތޯރިގް ދެއްކެވި ވާހަކަ އިސްލާހު ކޮށްދެއްވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

މައުމޫންގެ ހިދުމަތަށް "ކޫރުމެއް އެޅޭ" ފަދަ ވާހަކަ ނުދައްކަވަން ރައީސް ޔާމީން އެދިވަޑައިގެންނެވި އިރު މައުމޫންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން ގެއަށް ބަދަލުކުރަން ޑޮކްޓަރުން ދިން ލަފަޔަށް ސަރުކާރުން އަމަލެއް ނުކުރެ އެވެ.