ގާސިމާއި ނަޝީދަށް ވޯޓު ލެވޭނީ ޖަލަށް: އިލެކްޝަންސް

އަންނަ މަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ދެ ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވޯޓުލައްވަން ޖެހޭނީ ޖަލު ފޮއްޓަށް ކަމަށް އިލެކްޝަންސް އިން މިއަދު ބުނެފި އެވެ.


ޖަލު ހުކުމް އިއްވާފައިވާ ނަޝީދާއި ގާސިމް ބޭސް ފަރުވާ އަށް ބޭރަށް ވަޑައިގެން ހިމާޔަތް ހޯދަވައިގެން އުޅުއްވާއިރު ގާސިމް ވަނީ ލަންޑަންގައި ވޯޓް ލުމަށް ރަޖިސްޓްރީ ކުރަން އެދިވަޑައިގެންފަ އެވެ. ރައީސް ނަޝީދު ރީ ރަޖިސްޓްރީ ކުރަން އެދިވަޑައެއް ނުގަންނަވަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާން އަހުމަދު އަކްރަމް ވިދާޅުވީ ގާސިމް ލަންޑަނަށް ރީ ރަޖިސްޓްރީ ކުރަން އެދިވަޑައިގަތް ނަމަވެސް އެކަން ކޮށްދެވެން ނެތް ކަން އަންގާފައިވާ ކަމަށެވެ. ޖަލު ހުކުމް އިއްވާފައިވާ ބޭފުޅުންގެ ރީ ރަޖިސްޓްރީ ފޯމް އިލެކްޝަންސް އަށް ހުށަހަޅަން ޖެހޭނީ ކަރެކްޝަނަލް ސާވިސްއިން ކަމަށް އަކްރަމް ވިދާޅުވި އެވެ.

ކޯލިޝަން ލީޑް ކުރައްވާ އަނެއް ދެ ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވަނީ ވޯޓު ލުމަށް ޖަލު ފޮއްޓަށް ރަޖިސްޓްރީ ކުރައްވައިފަ އެވެ. އަދި މިހާރު ގޭ ބަންދުގައި ހުންނެވި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ވެސް ވަނީ ޖަލު ފޮއްޓަށް ރަޖިސްޓްރީ ކުރައްވައިފަ އެވެ.

ނަޝީދާއި ގާސިމް ބޭސް ފަރުވާއަށް ފޮނުވި މުއްދަތު ހަމަވުމުން އަނބުރާ ގައުމަށް ވަޑައިގަތުމަށް އެންގި ނަމަވެސް އެބޭފުޅުން ދިރިއުޅުއްވަނީ ޔޫރަޕުގެ ގައުމުތަކުން ހިމާޔަތް ހޯދަވައިގެންނެވެ. އަދި ސިޔާސީ މަސައްކަތްތަކުގައި އުޅުއްވަ އެވެ.

ސިޔާސީ މަސައްކަތްތައް ކުރެއްވުމަށް އާންމުކޮށް ސްރީ ލަންކާގައި އުޅުއްވާ ރައީސް މުހައްމަދު ނަޝީދަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ބަންދު ކުރި މައްސަލާގަ އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމްގެ މައްޗަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އައީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅިކަން ކްރިމިނަލް ކޯޓުގައި ސާބިތުވުމާ ގުޅިގެންނެވެ.

ވޯޓު ލާން ރަޖިސްޓްރީ ކުރި މީހުންގެ ތެރެއިން 5،000 އަށް ވުރެ ގިނަ މީހުންގެ ފޯމް ބާތިލްކޮށް އަލުން ފޯމް ހުށަހެޅުމަށް އިލެކްޝަންސްއިން ވަނީ އަންގައިފަ އެވެ. ބާތިލްވި ފޯމްތައް ހުށަހެޅުމުގެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.