ނަޝީދުގެ ކަރު ބުރިކޮށްލަން ގޮވާލި މައްސަލައަށް ފުލުހުންގެ ބަހެއް ނެތް

ހުޅުމާލޭގައި ޕީޕީއެމުން ބޭއްވި ރެލީއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރު ބުރިކޮށްލަން ގޮވާލި މައްސަލައާ ގުޅޭގޮތުން ފުލުހުން އެއްވެސް އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށް އެތަނުން މިއަދު ބުނެފި އެވެ.


ނަޝީދުގެ ކަރު ބުރިކޮށްލަން ގޮވާލި މައްސަލަ ތަހުގީގު ކޮށްދޭން އެދި އެމްޑީޕީން ހުށައަޅާފައި ވަނީ އާދިއްތަ ދުވަހު އެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާ އިން ރާއްޖެ ހިފަން ޖެހޭނެ ކަމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސުބްރަމާނިއަމް ސުވާމީ މިިދިޔަ ހުކުރު ދުވަހު ވަނީ ވިދާޅުވެފަ އެވެ. އަދި އެކަން ކުށްވެރިކޮށް ދެއްކި ވާހަކަތަކަށް މިދިޔަ ހޮނިހިރު ދުވަހު ޕީޕީއެމުން ބޭއްވި ރެލީއެއްގައި އަންހެން ސަޕޯޓަރަކު ނިންމާލީ ރައީސް ނަޝީދުގެ ކަރު ބުރިކޮށްލާނެ ކަމަށް ބުނެ އެވެ. "ރާއްޖެ އަށް އަރާ އިދިކޮޅު ފަރާތްތައް، އިންޑިޔާ އިން އަޔަސް، ކޮންމެ ތަނަކުން އަޔަސް، އަންނި އަޔަސް ދެން ކަރު ބުރިކޮށްލާނީ. ކަރު ހަމަ ބުރި އަރުވާލާނީ،" ޕީޕީއެމްގެ ފިޔާތޮށި ޓީޝާޓާއި ދިދަތައް ހިފައިގެން ބޭއްވި އެ ރެލީގައި ސަޕޯޓަރު ބުނެފައި ވެ އެވެ.

އެމްޑީޕީން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ސިޔާސީ ޕޯޑިއަމްތަކާއި ކެމްޕޭން ހަރަކާތްތަކުގައި ކަރު ބުރިކޮށް، މަރަން ގޮވުން ފަދަ ކަންކަމަށް ޖާގަ ދެވިގެންނުވާނެ އެވެ. އަދި އެކަން ކުރަމުންދާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް އެ ޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.