އެމްޑީޕީ ސަރުކާރުގެ ޚިޔާނާތް ނުބެލީ މަސްރަހު ހޫނު ނުކުރަން: ރައީސް

އެމްޑީޕީ ސަރުކާރުގައި ހިންގާފައިވާ ޚިޔާނާތުގެ މައްސަލަތައް މި ސަރުކާރުން ތަހުގީގު ނުކުރީ ސިޔާސީ މަސްރަހު އިތުރަށް ހޫނު ނުކުރަންވެގެން ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން މިއަދު ރައްދު ދެއްވައިފި އެވެ.


ރ. އަދި ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރ. މީދޫގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވީ ކުރީ ސަރުކާރުގެ މައްސަލަތައް ދައުރުގެ ކުރީކޮޅު ބެލި ނަމަ އިދިކޮޅު މީހުން މާކުރިންސުރެ ތިބޭނީ ޖަލުގައި ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރަށް އަމާޒުވާ ޚިޔާނާތުގެ ތުހުމަތާ އެކު އެ މަނިކުފާނުގެ ސަޕޯޓަރުން އެމްޑީޕީ ސަރުކާރުގެ ޚިޔާނާތުގެ ވާހަކައިން ރައްދު ދެ އެވެ. އެމްޑީޕީން ބުނާ ގޮތުގައި އެ ޕާޓީގެ ވެރިކަމުގައި ހިންގާފައިވާ ކަމަށް ބުނާ ޚިޔާނާތުގެ މައްސަލަތަކެއް ހުރި ނަމަ މި ސަރުކާރުން އެކަން އޮންނާނީ ބަލައިފަ އެވެ.

ރައީސް ވިދާޅުވީ އެމްޑީޕީ ސަރުކާރުގެ ޚިޔާތުގެ މައްސަލަތައް މި ސަރުކާރުން ނުބެލުމަކީ ސިޔާސީ މަސްރަހު އިތުރަށް ހޫނު ނުކުރަން އެޅުއްވި ފިޔަވަޅެއް ކަމަށާއި މައްސަލަތައް ބަލަން ފެށީ 2015 ވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާއަށް ފަހުގައި ކަމަށެވެ.

"އެއީ ހިނގާފައި ހުރި ކަންތައްތައް. އަޅުގަނޑުގެ ފަހުން އަންނަ ބަޔަކުވެސް އެކަންކަން ބަލާނެ. އޭގެ ކުރީ ހުރި ސަރުކާރުތަކުން ވެސް މައްސަލަތައް ބަލާފައެއް ނެތް. އެހެންވެ އަޅުގަނޑު ދެންނެވިން އެ މައްސަލަތައް ބަލަން ފަށައިފި ކަމަށް ވަންޏާ އަނެއްކާވެސް އުފެދިފައި މިވާ ޒަޚަމަކަށް ފާރުތަކެއް ދުވަހަކުވެސް ފަސޭހަ ނުވާނޭ އަޅުގަނޑު ދެންނެވިން." ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުުޅުގައި، މަޝްވަރާކުރަން، އިދިކޮޅު ފަރާތްތަކަށް 13 ފަހަރު ދައުވަތު ދެއްވިކަން ފާހަގަކުރައްވައި ވިދާޅުވީ ބޭރުގެ ފަރާތްތަކާއެކު ވެސް ގައުމީ މައްސަލައަކާ ގުޅޭގޮތުން ނަމަ މަޝްވަރާކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ.

"ރާއްޖޭން ބޭރުން ކަރަކަރައިން ރާއްޖޭގެ މައްސަލަތައް ހައްލުކުރަން ބޭރުގެ މީހުންނަށް މިއޮއް ގޮވާލަނީ ނޫންތޯ. ރާއްޖެއަށް ލަސްކަރު އަރަން މިއޮއް ގޮވާލަނީ. ބޭރުގެ ބައެއް ޕޮލިޓީޝަނުންނާ ވާހަކަ ދައްކާފައި އެބަބުނޭ ރާއްޖޭގެ ކަންތައް އެހެން ގެންދަން މިހެން ގެންދަން. އަޅުގަނޑާ ވާހަކަ ދައްކަން އަންނަންވީ އެ ހުރިހާ އެންމެން ގޮވައިގެން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އިދިކޮޅު ބޭފުޅުން ގައުމީ މައްސަލައެއްގެ ވާހަކަ ދައްކައި އެކަން ހައްލުކުރަން ނޫޅޭނެ ކަމަށާއި މުޅިން ދައްކަވާނީ "މަވެތި" ވާހަކަ ކަމަށެވެ. ޝަރުތަކާ ނުލައި ކުށްވެރިން ދޫކުރަން އެދުނު ނަމަވެސް އެކަން ނުކުރެއްވޭނެ ކަމަށާއި އެކަން ކުރަން ގާނޫނީ ހުރަސްތައް އެމަނިކުފާނަށް ވެސް އެބަ ހުރި ކަމަށް ވިދާޅުވި އެވެ.

"ޓެރަރިޒަމްގެ 13 އަހަރުގެ ހުކުމް އަންނަ މީހަކާ މެދު ކަންކަން ކުރުމުގެ މިނިވަންކަމެއް އަޅުގަނޑަކަށް ނުދޭ ގާނޫނުތަކަކުން. ޝަރީއަތަށް ސާބިތުވާ މީހުން، ކުށް ސާބިތުވީމައި އެއީ ކުށެއް ނޫން ކަމަށް ހަދާފައި އެމީހުން ދޫކޮށްލުމުގެ ޖާގައެއް އަޅުގަނޑުމެންނަށް ރައްޔިތުން ނުދޭ،" ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ޓެރަރިޒަމްގެ ދައުވާކޮށް 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތްކުރައްވައި، ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އިދިކޮޅު ސިޔާސީ ބޭފުޅުންނަށް އަމާޒު ކުރައްވައި ބަހުގެ ހަމަލާތަކެއް ދެއްވި އެވެ. އެގޮތުން އެމްޑީޕީ ސަރުކާރުގެ ޚިޔާނާތާއި ދީނާ ޚިލާފް ކަންކަމުގެ ވާހަކަ ދެއްކި ސިޔާސީ ބޭފުޅުންނަށް މިއަދު އެ ކަންކަން މައްސަލައަކަށް ނުވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ދެއްކެވި ވާހަކައިގެ ޚުލާސާ

* އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ކަންކަން ކޮށްދޭން ލޯނު ނަގަން ބޭނުމެއް ނުވޭ

* ބިން ބޮޑުކުރަނީ ކޮންތާކުން ފައިސާ ހޯދައިގެންކަން ބަލަން ރައްޔިތުން ބޭނުމެއް ނުވޭ

* ޕީޕީއެމަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ ތާއީދު ދައްކައިގެން ހޮވި މެމްބަރުން އިހުލާސްތެރިކަން ނެތުން

* މޭޑޭގެ މުޒާހަރާއިން ފެށިގެން ފާޅުގައި ދަތިކުރުމުގެ މަސައްކަތް ފެށި.

* އެންމެ ބޮޑު ޚިޔާނާތަކީ ރައްޔިތުންނަށް ފުރަގަސްތީ ދިޔަ މެމްބަރުން

* ދުވަހަކު އުންމީދު ނުކުރާ ކަންކަން ކޮށްދެއްވިކަން ރައްޔިތުން ގަބޫލުކުރޭ

* ވައްކަމުގެ ވާހަކަ ދައްކަނީ ޖަޒުބާތުގައި ޖައްސަން

"ސިޔާސީ ލީޑަރުންނަކީ ދައްކާ ވާހަކަ އާއި ކުރާ އަމަލާ ސީދާ ނުވެ. ދުލި ބަދަލުކޮށްލަން އެއަށް ވުރެ ފަސޭހަ ކަމެއް ނެތް. އުނގުރިއެއް ފުޅިމަދު އެއަށްވުރެ ފަސޭހަ ނެތް. އެވަރުގެ ބައެއް،"

ރައީސް ވިދާޅުވި ގޮތުގައި އިދިކޮޅު ސިޔާސީ ލީޑަރުން ތިބީ މާޔޫސްވެފަ އެވެ.

"ކޮންމެ އިރެއްގައި ބުންޏަސް ފުޅިމަދު އުނގުރިއަކަށް ފުދޭ. ރައްޔިތުންނަށް މާޔޫސްކަން ގެންނަ ޚިޔާލާ ވިސްނުމުގައި އެއްވެސް ތާޒާކަމެއް ނެތް ގޮތްހުސްވެފައި ރައްޔިތުން ގޮވައިގެން ކުރިއަށް ދެވޭނެ އެއްވެސް މަގެއް ރައްޔިތުންގެ ކައިރީގައި ކިޔައިދޭން ނޭނގޭ ހަތަރު ލީޑަރުން މިއުޅެނީ އެއްކޮޅަށް އަރައިގެން،"

ކަފުނަށް ތިރިކުރައްވަންދެން ހައްގުގައި މަސައްކަތް ކުރައްވާނެ ކަމަށާއި ގައިގަ ޖެހެންޏާ ފޮޅާލާނެ ކަމަށް މިއަދުވެސް ތަކުރާރުކޮށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި އެކަންކަން ކުރާނީ ގާނޫނުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީން އިންތިހާބު ކުރިއިރު އެމަނިކުފާނަކީ ކިހާ ވަރަކަށް މަސައްކަތް ކުރައްވާނެ މީހެއްކަން ރައްޔިތުންނަށް ނޭނގޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އޭރު ރައްޔިތުންނަށް އެނގޭ ކަމަކީ އެމަނިކުފާނަކީ "ރައީސް މައުމޫން ސްކޫލުން ދަރިވަރުވި މީހެއްކަން" ކަމަށާއި އޭރު ދިން ފުރުސަތުގެ ބޭނުން ހިފައި މިއަދު ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.