ގާނޫނު ހިންގުމުގެ ފަލްސަފާ ރައީސް ޔާމީން ދަނޭ: ޝަހީމް

ރައީސް އަބްދުﷲ ޔާމީނަކީ ގާނޫނީ ހަޔާތާއި ގާނޫނު ހިންގުމުގެ ފަލްސަފާ ވަރަށް ރަނގަޅަށް ދެނެވަޑައިގެން އަދި އެކަމަކުގެ ތަރުބިއްޔަތާ އެކު ހުންނެވި ބޭފުޅެއް ކަމަށް އެމަނިކުފާނުގެ ރަނިންމޭޓު، އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.


އަންނަ މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ލ. ފޮނަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ޝަހީމް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގައި ހުންނަން ޖެހޭނީ ވަރަށް ގަޓު، ތަޖުރިބާ ހުރި ރައީސެއް ކަމަށެވެ. ރައީސް ޔާމީނަކީ، ވަޒީރުކަމާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ކުރައްވާފައިވާ ތަޖުރިބާކާރެއް ކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ވެރިކަން ދެމެހެއްޓުމަށް ޝަހީމް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، ރައީސް ޔާމީން 2013 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ސިޔާސީ ގޮތުންނާއި އިޖުތިމާއީ ގޮތުން ރާއްޖެ އަށް އޮތީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ. އެކަމަކު، ވެރިކަމާ ހަވާލުވެވަޑައިގެން، ހިދުމަތްތެރި މަސައްކަތްތަކެއް ރައީސް ޔާމީން ކުރައްވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޭރުގެ ނުފޫޒު އިންތިހާ އަށް އޮތް. އެކަން ކަން ކުޑަ ކުރައްވައި، އުމްރާނީ ގޮތުން ރާއްޖެ އުސްމިނަކަށް ގެންދިއުމަށް ނުހަނު މަތިވެރި މަސައްކަތެއް ކުރައްވައި، އެތައް މަޝްރޫއުތަކެއް ފެއްޓެވި. ކޮންމެ ދިމާލަކަށް ބެލިޔަސް، އެއާޕޯޓެއް ނުވަތަ ބަނދެއް ނުވަތަ ބޮޑު މަޝްރޫއެއް ކުރިއަށް ދާތަން ފެންނަނީ،" ތަރައްގީގެ ބައެއް މަޝްރޫއުތަކުން މިސާލު ނަންގަވައި ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ޣައިރު ގާނޫނީ ގޮތުން ސަރުކާރު ވައްޓާލަން ތާރީޚުގައި ހިންގި އެންމެ ބޮޑު ބަޣާވާތަކީ 2015 ގައި ބޭއްވި މޭޑޭ މުޒާހަރާ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ރޭވި ބަޣާވާތް ކާމިޔާބުވި ނަމަ، ރާއްޖެ ގެއްލުނީސް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ހުރިހާ ރައްޔިތުން ވެސް ތަރައްގީގެ އޮޑިއަށް އަރަން ޖެހެ އެވެ. މި އޮޑި ފެތިގެންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނި ކަމުގައި ވިޔަސް، "އޮޑި ނުފެތޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޮޑި ދަތުރު ކުރާ މަގަށް ހުރަސް އެޅިގެން ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ ރަނިންމޭޓަކަށް ނުކުންނަވަން ނިންމެވީ އެފަދަ ޝަހްސިއްޔަތެއް ސިޔާސީ ވެށީގެ ތެރޭގައި ފެންނަން ނެތީމަ އެވެ. ރައީސް ޔާމީން މަސައްކަތްޕުޅު ކުރައްވަނީ އުމްރާނީ ގޮތުންނާއި އިގްތިސާދީ ގޮތުން ތަރައްގީ ގެނެސް، އިސްލާމީ ގޮތުން ރާއްޖޭގެ ޝަހްސިއްޔަތު ދެމެހެއްޓުމަށް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް މިއަދު ވެސް ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނީ ވަރަށް ތަނަވަސް އަޣުލަބިއްޔަތަކުންނެވެ.

ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ، ގައުމުގެ ރައްޔިތުން އެއްބައިވަންތަކޮށްދޭނެ ކަމަށް ޝަހީމް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

ލ. އަތޮޅަށް ޝަހީމް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، އޭނާ މިއަދު ވަނީ މާލެ ވަޑައިގެންފަ އެވެ. ކެމްޕެއިން ދަތުރުގައި އޭނާ ވަނީ ލ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ.