ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް، އިދިކޮޅު ކެންޑިޑޭޓް އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް ބ. ފުޅަދޫއަށް ކުރެއްވި ކެމްޕޭން ދަތުރުގައި އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
30 އޯގަސްޓް 2018 - 11:24
އިދިކޮޅު ވެރިކަމެއްގައި ގާނޫނުގެ އިމުން ބޭރުގައި އެއްވެސް މީހަކަށް ނޫޅެވޭނެ ކަމަށް ކޯލިޝަންގެ ރަނިންމޭޓު ފައިސަލް ނަސީމް މިއަދު ބ. ފުޅަދޫގައި ވިދާޅުވެއްޖެ އެވެ.
އަންނަ މަހުގެ 23ގައި އޮންނަ ރިޔާސީ އިންތިޚާބާ ދިމާކޮށް ބ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ފުޅަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ފައިސަލް ވިދާޅުވީ އިދިކޮޅު ވެރިކަމެއްގައި މުޅި ވިސްނުން އޮންނާނީ ގައުމާއި ރައްޔިތުންނަށްޓަކައި ކަމަށެވެ. ރިޔާސީ އިންތިޚާބު ގާތްވި ވަރަކަށް، ބައެއް މުއައްސަސާތަކުން ގާނޫނާ ހިލާފު ކަންކަން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އިބޫގެ ރަނިންމޭޓް ފައިސަލް ނަސީމް ބ. ފުޅަދޫއަށް ކުރެއްވި ކެމްޕޭން ދަތުރުގައި އެރަށުގައި ބޭއްވި ޖަލްސާއެއްގައި މަހުލޫފުގެ އަނބިކަނބަލުން އަދި ފައިސަލްގެ ކޮއްކޮ ނަޒްރާ އާއި ގާނޫނީ ވަކީލް ހިސާން ހުސެން (މެދުގައި) ބައިވެރިވެ ވަޑައިގަންނަވަނީ.-- ފޮޓޯ: އެމްޑީޕީ
ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ފައިސަލް އެގޮތަށް ވިދާޅުވީ ގއ. ކޮލަމާފުށީގައި ވެރިކަން ކުރާ ޕީޕީއެމް އަދި އެމްޑީޕީގެ ސަޕޯޓަރުންގެ ދެމެދުގައި ހަމަނުޖެހުންތަކެއް ހިނގައި، އެ ރަށުން ބައެއް މީހުން ހައްޔަރުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި، ވަކި ކުލައެއްގެ ބެނާތަކެއް ނޫނީ ފޮތިތަކެއް ދަމާފައި ހުރި ނަމަ، ސަރުކާރަށް ތާއީދު ކުރާ މީހުންނަށް އެކަން ހަޖަމް ނުކުރެވެ އެވެ. އަދި ވަކި ފިކުރެއްގެ ބަޔަކު ހައްޔަރު ކުރާނަމަ، ފަސޭހަ އިން ކޯޓު އަމުރު ހޯދޭ ކަން އޭނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.
މިނިވަން މުއައްސަސާތައް އުފެދިފައި ވަނީ ގައުމުގެ މަސްލަހަތު ގާއިމުކޮށް، ތަފާތު ކުރުމެއް ނެތި ހިދުމަތް ދިނުމަށް ކަމަށް ފައިސަލް ވިދާޅުވި އެވެ. އެކަމަކު، ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރު ހިފޭ ތަނަކަށް ހެދުމުގެ މަސައްކަތް ކުރެވޭ ތަން ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިސްލާމް ދީން ބާރު އަޅާފައި އޮތް ކަމަކީ ހަމަހަމަކަމާއި އަދުލުވެރިކަން ގާއިމުކޮށް ތަފާތު ކުރުން ނައްތާލަން. މިކަންކަމަށް ކީއްވެގެންތޯ ހުރުމަތްތެރިކޮށް ނުހިތިގެން މިއުޅެނީ؟" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ނަސީމް މިއަދު ބ. ފުޅަދޫގައި.-- ފޮޓޯ: އެމްޑީޕީ
- ކުޑަ ރަށަކަށްވީތީ ތަފާތު ކުރުން ގެންގުޅުމަކީ ގަބޫލު ކުރާ ކަމެއް ނޫން.
- އިދިކޮޅު ވެރިކަމެއްގައި ވަކި ރަށަކަށްވީތީ ތަފާތު ކުރުމެއް ނުގެންގުޅޭނަން.
- އިދިކޮޅު ވެރިކަމެއްގައި ލަފާފުރުމުގެ މައްސަލައަށް ހައްލު ހޯދައިދޭނަން.
- އިދިކޮޅު ވެރިކަމެއްގައި ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމު ވަރުގަދަ ކުރާނަން.
ފައިސަލް ވަނީ ވަގުތީ ފައިދާއަށް ކުރާ ކުޑަކުޑަ ކަމަކުން، މާދަމާ ވަރަށް ބޮޑެތި ހިތާމަތަކާ ކުރިމަތިވާނެ ކަމަށް ވިދާޅުވެ، ފުލުހުން ވެސް ގާނޫނާ އެއްގޮތަށް މަސައްކަތްކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ރައްޔިތުންނަށް ޖެއްސުންކޮށް، ގޯނާ ކުރުމަކީ މުސްތަގުބަލް އުޖާލާ ކުރަން ތިބި ޒުވާނުންނަށް ދެވޭ ވަރަށް ނުބައި ފިލާވަޅެއް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
"ދިވެހިން މި ދެކެނީ، ރާއްޖޭގެ ތާރީހުގައި މީގެ ކުރިން ނުދެކޭ ފަދަ ބިރުވެރި، ނާމާން، އަނދިރި ދުވަސްތަކަކާ. މިކަންކަން ބަދަލު ކުރުމަކީ އަޅުގަނޑުމެން ދިވެހި ރައްޔިތުން ކުރަން ޖެހޭނެ ކަމެއް،" ފައިސަލް ވިދާޅުވި އެވެ.
"ލޯތްބަކީ ގަދަ ބާރުން ހޯދޭނެ އެއްޗެއް ކަމަށް ގަބޫލުކޮށްގެން ނުވާނެ. ލޯތްބަކީ ތިމާ އެހެން މީހުންނާ ދޭތެރޭގައި ކަންތައްތައް ކުރާ ގޮތަކުން ލިބޭ އެއްޗެއް،"
ފައިސަލް ވިދާޅުވި ގޮތުގައި ދިވެހިންގެ ތެރެއިން 80 ޕަސަންޓު ރައްޔިތުން މިއަދު ބޭނުންވެފައި ތިބީ ބަދަލެކެވެ. އެމީހުންގެ ބޭނުމަކީ ރާއްޖެ އިން އަނިޔާވެރިކަމާއި ކޮރަޕްޝަންގެ އަމަލުތަކާއި ހަމަހަމަކަމާއި ތަފާތު ކުރުންތައް ނައްތާލުމަށް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
އިދިކޮޅު ވެރިކަމެއްގައި އިންސާފު ކަށަވަރުކޮށް، އެންމެ ރައްޔިތަކު ވެސް ބާކީ ނުކުރާނެ ކަމަށް އޭނާ ވިދާލުވި އެވެ. ފައިސަލް ވިދާޅުވި ގޮތުގައި ވަކި މީހަކަށް އިންސާފު ހޯދައިދީފައި، އަނެއް ބަޔަކަށް އިންސާފު ހޯދައި ނުދިނުމަކީ އިދިކޮޅު ވެރިކަމެއްގައި ކުރާނެ ކަމެއް ނޫނެވެ. އިދިކޮޅު ވެރިކަމެއްގައި ނުހައްގުން އަނިޔާ ލިބެމުންދާ އާއިލާތަކަށް އުފާވެރިކަމާއެކު އުޅެވޭނެ މަގު ފަހިކޮށްދޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔޫނުސް30
30 August 2018
ތިމާ އާއި މޭޓްގެ ރޫހާނީ ލީޑަރުން ހުކުމަޢް ފިލައިގެން އެއުޅެމުންދަނީޔޯ!
ގާނޫނު ބޭރުން
30 August 2018
ތިކަން އިދިކޮޅު ކޯލިޝަންއިން އެބަޖެހޭ ބަލައިގަންނަން. ސިޔާސީ ބޭފުޅަކަށް ވިޔަސް ގާނޫނު އަރާ ހަމަ ކުރާނެ. ސިޔާސީ ބޯޑު އަޅުވައިގެން ހިތިހުރިހާ ގޮތަކަށް ނޫޅެވޭނެ.
ނަސީދު
30 August 2018
ކައިރީގައި ތިޔަހުރި ޕޯސްޓަރުގައި އަމިއްލަނަން ކިޔަން އެނގޭވަރަށް ފެންނަން އެބައޮތްތޯ ރަނގަޅަށް ބައްލަވާ. މިދެންނެވީ ތަފާތުކުރުން ގެންގުޅޭކަމުގެ ކުޑަމިންވަރެއް.
ބަބުރުކަލޯ
30 August 2018
ތިޔަބޭފުޅުން ދައްކާ ވާހަކައިގެ ދެކޮޅެއް ދިމާނުވޭ. ބުނާނެ ގާނޫނީ އިމަކުން ބޭރެއް ނުވާނަމޭ. އެކަމަކު އަބަދު އުޅޭނީ ޗާޓުން ބޭރުގާ.
ހޮޓްކިންގ
30 August 2018
ގާނޫނީ އިމުން ބޭރުވެ އެއްވެސް މީހަކަށް ނޫޅެވޭނެކަން ސާބިތު ކޮށްދިނީ ރައީސް ޔާމީނުގެ ސަރުކާރުން. އެކަމަކު އިބޫ އެވަނީ ގާނޫނުގެ ބޭރުން ވަކި ބަޔަކަށް އުޅެވޭނެކަމާއި ކުށެއް ކުރިޔަސް އަދަބު ލިބި ޖަލުގައި ތިބެންޖެހޭނީ ނިކަމެތި އާދައިގެ ރައްޔިތުންކަމަށް ބުނެފައި. އެއީ އެމްޑީޕީން މިހާތަނަށްވެސް ކަންކުރިގޮތް. ދެންވެސް ކުރާނީ އެގޮތަށް.
ހާޖަރާ
30 August 2018
ހުރިހާ ގާނޫނެއް ފަހަތަށް ޖައްސާލާފާ ކަންކުރާނަމޭ ހިތައިގެން ބޮޮޑެތި މަސައްކަތްތަކެއް ކުރައްވަމުން ތިޔަ ގެންދަވަނީ ހަމަ ތިބޭފުޅުން ނޫންތޯ؟ މިކޮޅުން ނުވާކަންކަން ބޭރުކަރައިގެ މޫހުނާ ގުޅައިގެންވެސް ކުރަމުން ތިދަނީ ވެސް ހަމަ ތިބޭފުޅުންނޫނތޯ؟
އަބްދުއްލާ
30 August 2018
ގާނޫނުގެ އިމުންބޭރުގާ އުޅޭ ޕާޓީ އާއެކު ކޯލިސަންހަދައިގެން ތިބޭފުޅާ ތިޔަ އުޅުއްވަނި ވެސް އެހެންވީމަ ތިޔަބޭފުޅާއަށް ތިޔަ އުޅުއްވެނީ ގާނޫނުން ބޭރުގާ .ގާނޫނުއަސާސީގެ ހުރިހާ ބާރުތައް އަތަށް ނެންގެވިކަމަށްވިދާޅުވި ބޭފުޅުންގެ ފެހަތުން ނިކުމެ ވަޑައިގަތީމަ އެނިކުމެވުނީ ގާނޫނުގެ ދަށުގަ ހުންނަވައިގެންތޯ ؟ވިދާޅުވެ ބައްލަވަ .އަތަށް ނެންގެވި ވާހަކަ ލިއުއްވި ލިއުން ވެސް މިއޮތީ ފެންނަން.އަތަށް ނަގާ ހިންގި ހަރަކާތް އަތަށް ގޮވާފަ މިހާރުވެސް އެ އޮތީ
ސައިނީ
30 August 2018
އިއްތިހާދުއަށް ރަގަޅުވާނީވެސް ޕީޕީއެމްގެ ދިދަ ގިނައިން ހުރިއްޔާ ދޯ އެއީ ކޯލިސަންގެ ބައެއްދޯ އެހެންވީއިރު ކީއްކުރަންތަ ޕީޕީއެމްގެ ދިދަ ތައް ހަލާކުކޮށްލީ ކޮލިސަން އުވުނީތަ ނޫނީ އުވޭދުވަހުން ތިރަށުގަ ކިހިނެއްވާނެ ބާ!
ދިވެހި
30 August 2018
ފައިސަލް އަށް ގާނޫނު ކިޔަން އިންގޭތަ؟؟
ތަރައްގީ ރާއްޖެ
30 August 2018
އެހެންވީމައި ގާނޫނޫގެ އިމުގެ ތެރެއަށް ވަދެވަޑައި ގަތުމަށް ނަޝީދުއާއި ގާސިމް އަދި ފިއްލަވައިގެން ބޭރުގައުމަށް ވަޑައިގެން ތިއްބެވި ހުރިހާ ގައިދީންނަށް ގޮވާލަން. ގާނޫނުގެ އިމުން ބޭރުވެ ވަޑައިގެން ތިޔަ ތިއްބެވީ ހަމަ ފައިސަލް ގެ މީހުން ދެއްތޯ؟