ފުލުހުން ދުވަންވީ ބެނާ އާއި ފޮތިތައް ނައްޓާކަށް ނޫން: ފައިސަލް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފުލުހުން ބޭނުންކޮށްގެން ހަޑި ހުތުރު ކަންކަން ކުރަމުންދާ ކަމަށާއި ފުލުހުން ދުވަންވީ ބެނާ އާއި ފޮތިތައް ނައްޓަން ނޫން ކަމަށް އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓު، ފައިސަލް ނަސީމް މިއަދު ބ. ފެހެންދޫގައި ވިދާޅުވެއްޖެ އެވެ.


އަންނަ މަހުގެ 23ގައި އޮންނަ ރިޔާސީ އިންތިޚާބާ ދިމާކޮށް ބ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ފެހެންދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ފައިސަލް ވިދާޅުވީ ސަރުކާރުން ފުލުހުންނަށް ނުފޫޒު ފޯރުވިޔަސް، އިދިކޮޅު ވެރިކަމެއްގައި އެންމެ ބޭނުންވާ ކަމަކީ ފުލުހުންނަކީ ޝަރަފުވެރިކަމާއި ކަރާމާތާއެކު ގާނޫނުން ކަނޑައަޅާފައި އޮތް ކަންކަން ކުރާ ބަޔަކަށް ވުން ކަމަށެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ރައްޔިތުން ރޮމުން ދަނީ މަގުތަކުގެ ސަލާމަތްތެރިކަން ގެއްލިފައި އޮތުމުންނެވެ. އިދިކޮޅު ވެރިކަމެއްގައި ފުލުހުން މަސައްކަތް ކުރާނީ ރައްޔިތުންނާ ގާތުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ފުލުހުން ދުވާނީކީ ބެނާ ނައްޓާކަށް ނޫން. މަގުމަތީގައި ހުންނަ ފޮތިގަނޑުތައް ނައްޓާކަށް ނޫން. ހޮޅިދަނޑިއަށް އަރައި ދިދަ ތިރި ކުރާކަށް ނޫން. ބޮޑެތި އުސް ރުށްތަކަށް އަރައި ރުށްތަކުގެ މަތީގައި ހުންނަ ފޮތިތައް ބާލާކަށް ނޫން. މިއަދު ވަރަށް ހަޑި ހުތުރު ކަންކަން ސަރުކާރުން ފުލުހުން ލައްވާ ކުރުވަނީ،" ފައިސަލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ފައިސަލް އެގޮތަށް ވިދާޅުވީ މާލެ އާއި ރަށްރަށުގައި އިދިކޮޅު ފަރާތްތަކުން ދަމާފައި ހުންނަ ބެނާތަކާއި ދިދަތައް ނަގަމުން އަންނަ ދަނޑިވަޅުގައި ފުލުހުންނާއި ސަރުކާރަށް ބޮޑެތި ފާޑުކިއުންތަަކެއް އަމާޒު ކުރަމުން ދަނިކޮށެވެ.

ފައިސަލް ވަނީ ވަކި މީހަކަށް ވީމަ، ފުލުހުން ވެސް ކަންކަން ނުކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި ގއ. ކޮލަމާފުށީގައި ހިނގަމުން އަންނަ ކަންކަމަށް ހުއްޓުމެއް ގެނެސް، މިހާރު ހައްޔަރުކޮށްފައި ތިބި ހުރިހާ އެންމެން ދޫކޮށްލުމަށް ވެސް ފައިސަލް ވަނީ އެދިވަޑައިގެންފަ އެވެ.

ކޮލަމާފުށީގެ ޕީޕީއެމް ޖަގަހަ އަށް ބޮޑެތި ގެއްލުންތަކެއް ދިން މައްސަލައިގައި އެ ރަށުން މިއަދު 18 މީހަކު ހައްޔަރު ކުރި އެވެ. ކޮލަމާފުށީ ކައުންސިލް މެމްބަރު އިބްރާހިމް ވަހީދު މިއަދު ވިދާޅުވީ އެ ހަމަނުޖެހުމުގައި އެންމެ ފުރަތަމަ ހަމަލާދިނީ ޕީޕީއެމްގެ ސަޕޯޓަރުންނެވެ.