އިދިކޮޅު އިއްތިހާދުން މިއަދު ހަވީރު ބާއްވަން އުޅުނު ހިނގާލުމަށް ފުލުހުން ހުރަސް އަޅައި ހުއްޓުވައިފި އެވެ.
އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމްޑީޕީގެ ހަރުގެ ކުރިމަތިން މިއަދު ހަވީރު ހިނގާލުން ފެށުމާ އެކު ފުލުހުން އައިސް ވަނީ ހިނގާލުމަށް ހުރަސް އަޅައި، އިތުރަށް ކުރި އަށް ނުދެވޭ ގޮތަށް މަގުމަތީގައި ބެރިކޭޑް ޖަހައިފަ އެވެ. އަދި މަޖީދީ މަގާއި ބޮޑުތަކުރުފާނު މަގުގެ ދެކޮޅުގައި ވެސް ފުލުހުން ތައްޔާރީ ހާލަތުގައި ތިއްބެވެ.
އެހެންވެ ހިނގާލުން ކުރިއަށް ނުގެންގޮސް، މުޒާހަރާ ކުރީ އެމްޑީޕީ ހަރުގެ ކުރިމަތީގައި ތިބެގެންނެވެ. މުޒާހަރާ ކުރި އަށް ދިޔަ ވަގުތު ފުލުހުން އެކަމަށް ހުރަހެއް ނާޅަ އެވެ. ދުއްވާ އެއްޗެއްސަށް ދަތުރު ނުކުރެވޭ ގޮތަށް މަގުމަތީގައި މީހުން ތިބެގެން މުޒާހަރާ ނުކުރެވޭނެ ކަމަށް ބުނެ އެކަމަށް ކުރިން ފުލުހުން ހުރަސް އެޅިޔަސް މިއަދުގެ މުޒާހަރާގައި މަގު މެދުގައި ތިބެގެން މުޒާހަރާ ކުރިޔަސް އެކަމަށް ފުލުހުން ހުރަހެއް ނާޅަ އެވެ.
މުޒާހަރާގައި މާ ބޮޑު ހަމަނުޖެހުމެއް ހިނގާފައެއް ނުވެ އެވެ. އަދި މީހަކު ހައްޔަރެއް ވެސް ނުކުރެ އެވެ.
ހިނގާލުމަށް ފުރުސަތު ނުދީ އެކަމަކު މުޒާހަރާ އަށް ފުލުހުން މިއަދު ފުރުސަތު ދިނީ އެމްޑީޕީގެ މުޒާހަރާތަކުގައި ބައިވެރިވަނީ މަދު ބަޔަކު ކަމަށް ބުނެ މަގުމަތި ހަލަބޮލިކުރަން ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން އިއްޔެ ބުނުމަށް ފަހު އެވެ.
ކޮންމެ ހަފުތާއެއްގެ ހުކުރު ނަމާދަށް ފަހު ކުރަމުންދާ ދުއާ އަށް އެހެން ދުވަސްތަކުގައި ފުލުހުން ހުރަސް އެޅިޔަސް މިއަދުގެ ހުކުރު ނަމާދަށް ފަހު ކުރި ދުއާ އަށް ފުލުހުން ހުރަހެއް ނާޅަ އެވެ.