އިބޫގެ ރައްދު: އެންމެންނަށް އެއްބަސްވެވޭ މެނިފެސްޓޯއެއް އެބައޮތް

އިދިކޮޅު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް އެއްބަސްވެވޭ ސިޔާސަތުތަކެއް ކަނޑައެޅިފައި ނުވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ވާހަކަފުޅަށް، އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ރައްދު ދެއްވައިފި އެވެ.


ރައީސް ޔާމީން ރ. އަތޮޅުގެ ބައެއް ރަށްތަކަށް ދާދި ފަހުން ވަޑައިގެން، އިދިކޮޅު ކޯލިޝަނަށް ވަރަށް ބޮޑެތި ފާޑު ވިދާޅުވުންތަކެއް ވަނީ އަމާޒުކުރައްވައިފަ އެވެ. އެގޮތުން ރައީސް ޔާމީން އެންމެ ބޮޑަށް އިދިކޮޅަށް ފާޑު ވިދާޅުވި އެއް ކަމަކީ، އެ ކޯލިޝަނުން ރިޔާސީ އިންތިހާބަށް ނުކުތް އިރު، އެންމެ "އަސާސީ އުސޫލުތަކަށް" އެއްބަސްވެފައި ނުވާ ކަމަށް ވިދާޅުވެ އެވެ.

އިބޫ މިއަދު ފިޔޯރީއަށް ވަޑައިގެން، އެ ރަށުގައި ހެދި އެމްޑީޕީގެ ޖަގަހައެއް ހުޅުއްވައިދެއްވަނީ. - ފޮޓޯ: އެމްޑީޕީ

އެގޮތުން، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތިލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނެސްފައި އޮތް އިސްލާހު އުވާލަން ޖުމްހޫރީ ޕާޓީން ބޭނުންވި ނަމަވެސް، އެކަމަށް އެމްޑީޕީން ދެކޮޅު ހަދާ ކަމަށް ރައީސް ވިދާޅުވި އެވެ.

އެއާ ވިއްދައިގެން، ގދ. ފިޔޯރީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އިބޫ ދެއްކެވި ވާހަކައިގައި މާ ބޮޑު ތަފްސީލެއް ނުދެއްވައި ހަމައެކަނި ވިދާޅުވީ، އިދިކޮޅު ލީޑަރުންނަށް އެއްބަސްވެވޭ ސިޔާސަތުތަކެއް ކަނޑައެޅިފައިވާ ކަމަށެވެ.

އަންނަ މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގއ. އަދި ގދ. އަތޮޅުތަކަށް ކުރައްވާ ދަތުރުގެ ތެރެއިން ގދ. ފިޔޯރީ ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ނުކުމެ އޮތީ ރައްޔިތުންގެ އުންމީދުތަކެއް ހާސިލްކޮށް ދިނުމަށް ކަމަށެވެ. އެހެން އެކަން ނުވި ނަމަ، ރިޔާސީ އިންތިހާބަށް ނުކުންނާނީ ސިޔާސީ ޕާޓީތައް ވަކިވަކިން ކަމަށް އިބޫ ވިދާޅުވި އެވެ.

"ނަމަވެސް، ރައްޔިތުންގެ އިހްލާސްތަކާއި އުންމީދުތައް ހުރީ އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭ ގޮތުގައި އަޅުގަނޑުމެން އެންމެން އެކުގައި ގުޅިގެން މަސައްކަތް ކޮށްގެން،" އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވި ގޮތުގައި ކޮންމެ ރަށަކަށް ވަޑައިގެންނެވި ނަމަވެސް، ރައްޔިތުން ބޭނުންވާ އެތައް ކަމެއް ހުރެ އެވެ. އަދި ރާއްޖެ ތަރައްގީ ކުރާނެ ތަސައްވުރެއް އެބައޮތް ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އިދިކޮޅު ފަރާތްތަކުން ނުކުންނާނީ މެނިފެސްޓޯއަކާ އެކުގައި ކަމަށް އިބޫ ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، އިދިކޮޅު ކެންޑިޑޭޓް އިބޫ މިއަދު ފިޔޯރީގައި ބޭއްވި ޖަލްސާގައި.---ފޮޓޯ: އެމްޑީޕީ

އިބޫ ވިދާޅުވި ގޮތުގައި ތަރައްގީގެ އެންމެ މުހިންމު ކަމަކަށްވެފައި އޮތީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން، ފިޔޯރީގައި ބޯފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް ދެއްވުމަށް އިބޫ ވައުދުވެވަޑައިގެންނެވި އެވެ. އަދި ފިޔޯރީގެ ބަނދަރު ބޮޑުކޮށް ދެއްވައި، ފަސޭހަކަމާއެކު ބަނދަރު ބޭނުން ކުރެވޭނެ މަގު ފަހިކޮށް ދިނުމަށް ވެސް އިބޫ ވަނީ އެ ރަށުގައި ވައުދުވެވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު، 1.5 މިލިއަން ޑޮލަރަށް އަޅައިދެވޭނެ އެވެ. އެކަމަކު، މި ސަރުކާރުން އެކަން ކުރަނީ އެއަށްވުރެ ބޮޑުކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ކުރާ އިސްރާފުތަކާއި ވައްކަންތައް ހުއްޓާލެވިއްޖެނަމަ، ދެ ގުނަ ތަރައްގީ ރާއްޖެއަށް ގެނެވޭނެ ކަމަށް ވެސް ރައްޔިތުންގެ މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެމްބަރުކަން ކުރައްވާ އިބޫ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަކަށް މަހަކަށްވުރެ މަދު ދުވަސްކޮޅަކަށްވެފައި ވާތީ އެކަމަށް އިޝާރާތް ކުރައްވައި، އިބޫ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކެމްޕެއިން ކުރަންވާނީ ކެމްޕެއިންގެ ގޮތުގައި ކަމަށެވެ. އަދި ޖަދަލުނުކޮށް، ސުލްހަވެރިކަމާއެކު، ނުކުމެ، ވޯޓު ހޯދުމަށް އިބޫ އެދިވަޑައިގެންނެވި އެވެ.

ރާއްޖެ އިން ފެންނަ މަންޒަރަށް ބަލާއިރު، "ބޮޑުކޮށް ކޯލިޝަނަށް" ތާއީދު އޮތް ތަން ފެންނަ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

ފިޔޯރީ އަށް އިބޫ ވަޑައިގަތުމުން، އޭނާ އާއި އޭނާގެ ޓީމަށް އެ ރަށުގެ ގިނަ ރައްޔިތުން މަރުހަބާ ދެންނެވި އެވެ. އިބޫ ވަނީ ފިޔޯރީގައި އެމްޑީޕީގެ ދެ ޖަގަހައެއް ވެސް މިއަދު ހުޅުއްވައިދެއްވައިފަ އެވެ. އިބޫގެ ފެއްޓެވި ދަތުރުގައި އޭނާ މިހާތަނަށް ވަނީ ފިޔޯރީގެ އިތުރުން ގދ. ވާދޫ، ގދ. ފަރެސްމާތޮޑާ އަށް ވަޑައިގެންފަ އެވެ. އިބޫގެ ހަތަރު ވަނަ މަންޒިލަކީ ގދ. ތިނަދޫ އެވެ. އެ ރަށުގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ.