ކޮލަމާފުށިން އިބޫ އަށް ރައްޔިތުންގެ ހިމާޔަތާއި ލޯބި

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ލޯންޗުގައި މި ރަށަށް ކައިރިކުރި އިރު، މަސް ދޯނިފަހަރުގައި އެތައް ބަޔަކު ލޯންޗު ކައިރިއަށް އަ އެވެ. ރަށުގައި، ސިޔާސީ ވާދަވެރިވެރިންގެ މެދުގައި ހިނގި ހަމަނުޖެހުމަށް ފަހު އިބޫގެ ހިމާޔަތުގައި މި ރަށުގެ ގިނަ ރައްޔިތުން ތިބިކަން ދައްކަން އެ މީހުން ބޭނުންވީ އެވެ. އެމްޑީޕީގެ ދިދަ އާއި ޖުމްހޫރީ ޕާޓީގެ ދިދަތައް ޖަހާފައި ހުރި ހަތް ދޯންޏެއް ލޯންޗާ ގާތް ކުރިއިރު، ކޮލަމާފުއްޓަށް ވަޑައިގަތުމުގެ ކުރިން، އިބޫގެ ފަސް ވަނަ މަންޒިލް ގއ. ދެއްވަދޫން ވެސް ފެނުނީ ދާދި އެއްކަހަލަ މަންޒަރެކެވެ.


އިބޫ މިއަދު ކޮލަމާފުއްޓަށް ވަޑައިގަތުމުގެ ކުރިން، އެ ރަށުގެ މަސްދޯނިފަހަރު، ފަޅު ކައިރީގައި.

މި ރަށު ގިނަ ބައެއްގެ ޝުއޫރު ހުރީ މިހެންނެވެ؛

"އިބޫއަށް ކޮލަމާފުށިން ގެއްލުމެއް ވިޔަ ނުދޭނަން"، "އިބޫ އަށް ހިމާޔަތް ލިބޭނެ"، "ފުލުހުންގެ ހިމާޔަތް ނުލިބުނަސް، ދިވެހި ރައްޔިތުންގެ ހިމާޔަތް އިބޫ އަށް ލިބޭނެ،" މިފަދަ ޝުއޫރުތަކެއް އެމްޑީޕީގެ ޓީޝާޓާއި އެމްޑީޕީ އާއި ޖޭޕީގެ ދިދަ ހިފައިގެން ތިބި މީހުންގެ ފަރާތުން އަޑު އިވުނެވެ.

ގއ. ކޮލަމާފުށިން ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި މީހުންނަށް، އިދިކޮޅު އިއްތިހާދުގެ ޖަލްސާގައި ގޮނޑި ހުސްކޮށް ބަހައްޓާފައި. -- ޓްވިޓާ ފޮޓޯ/ރޮޒައިނާ

ގިނަ ބައެއްގެ ޝުއޫރު މިގޮތަށް އައީ، ރަށުގައި ހުރި، ވެރިކަން ކުރާ ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދިން ކަމަށް ބުނެ، އެމްޑީޕީގެ 18 ސަޕޯޓަރަކު ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވާތީ އެވެ. އަދި ރަށުގެ ހާލަތު ހުރި ގޮތުން، އިބޫ މި ރަށަށް ވަޑައިގަތުން ފަސްކުރަން ފުލުހުން އެދިފައިވެ އެވެ. އެހެން ރަށްތަކާ ހިލާފަށް މި ރަށުގައި ހަމަނުޖެހުންތަކެއް ހިނގާނެ ކަމަށް ބަލައި ގިނަ އަދަދެއްގެ ފުލުހުން ދިޔައީ އެ ރަށުގައި ފޯރިމަރަމުންނެވެ. އެކަމަކު އެއްވެސް ހަމަނުޖެހުމެއް ނުހިނގަ އެވެ. ޖަލްސާ ބޭއްވި ތަނުގައި، ހައްޔަރުކޮށްފައިވާ އެންމެންނަށް ފޮޓޮއާ އެކު ގޮނޑި ހުސްކޮށް ބަހައްޓާފައި ހުއްޓެވެ.

އިބޫ މިއަދު ކޮލަމާފުއްޓަށް ވަޑައިގެން، މީހެއްގެ ގައިގައި ބައްދާލައްވަނީ. - ފޮޓޯ: އެމްޑީޕީ

އިބޫ އަށް މަރުހަބާ ކިޔަން އެއްވި މީހުން ދަމާލި ދިގު ސަފުގައި ތިބި އެންމެން ވެސް ގޮވަމުން ދިޔައީ، "އިބޫ އޯކޭ" ކަމަށާއި "އިބޫ އަށް ހެޔޮ ހިތުން" ތާއީދު ކުރާ ކަމަށެވެ. އަދި ރަށުގައި ހުރި ބެނާއެއްގައި "ހައްޔަރު ކުރި 18 މީހުން މިނިވަން ކުރަން 2018" އަތުލާނަން" ޖަހާފައި ހުއްޓެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކުލަތަކުން ޒީނަތްތެރިކޮށްފައިވާ މި ރަށުގެ ރައްޔިތުންނާ އިބޫ ސަލާމް ކުރައްވަމުން ގެންދެވިއިރު، ރަށު އަންހެނުން ދިޔައީ އިބޫ އަށް ތައުރީފްކޮށް، ޅެން ބައިތުތައް ކިޔަމުންނެވެ. އަދި ބައެއް މީހުން އިބޫގެ މޭގައި ފިރުމާލައި، އެ ރަށު ރައްޔިތުން ތިބީ އިބޫ ހޮވަން އަތުކުރި އޮޅާލައިގެން ކަމަށް ދިޔައީ ބުނަމުންނެވެ.

އިބޫ މިއަދު ކޮލަމާފުއްޓަށް ވަޑައިގަތުމުން، އޭނާ އަށް މަރުހަބާ ދަންނަވަން ނުކުތް މީހުން. - ފޮޓޯ: އެމްޑީޕީ

މި ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި އިބޫ ވިދާޅުވީ މި މަހުގެ 23 ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ކޮލަމާފުށީ ރައްޔިތުންގެ އަޣުލަބިއްޔަތާއެކުގައި ކަމަށެވެ. އަދި މި ރަށުން މަރުހަބާ ދަންނަވަން ސަރުކާރުގެ މުވައްޒަފުން ނުކުތްކަން ފާހަގަ ކުރައްވައި، އިބޫ ވަނީ އެންމެންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އިބޫ މި ރަށަށް ވަޑައިގަތުމުގެ ކުރިން، ދެއްވަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި، އިދިކޮޅު ވެރިކަމެއްގައި ގެންގުޅޭނެ ސިޔާސަތުތައް ހާމަކުރެއްވި އެވެ. އެގޮތުން، ދެއްވަދޫ އެކޭ އެއްގޮތަށް ހުރިހާ ރަށެއްގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

މީގެއިތުރުން، މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައިދީ، މަސްވެރިންނަށް ލޯނާއި އެހެނިހެން އިނާޔަތްތައް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އިބޫ ވިދާޅުވި ގޮތުގައި ދެއްވަދޫއަކީ ގެސްޓްހައުސްތައް ތަރައްގީ ކުރުމަށް އެންމެ ރަނގަޅު އެއް ރަށެވެ. އިބޫ ވިދާޅުވީ އެކަން ކުރުމަށްޓަކައި އިދިކޮޅު ވެރިކަމެއްގައި ލޯނު ހަމަޖައްސައިދެއްވާނެ ކަމަށެވެ.

އިބޫ މިއަދު ގއ. ދެއްވަދޫ އަށް ވަޑައިގެން ކުޑަ ކުއްޖަކު އުރާލައްވަނީ. - ފޮޓޯ: އެމްޑީޕީ

އިބޫ ވަނީ އިދިކޮޅު ވެރިކަމެއްގައި އެއް ރަށުން އަނެއް ރަށަަށް ފަސޭހަކަމާއި އަވަސްކަމާއެކު ދަތުރުފަތުރު ކުރެވޭނެ ގޮތް ވެސް ހަމަޖައްސައި ދިނުމަށް ވައުދުވެވަޑައިގެންފަ އެވެ. އަދި އަސާސީ ހިދުމަތުން އެއްވެސް ރައްޔިތަކު ބާކީ ނުކޮށް، ހުރިހާ ރައްޔިތުންނަށް އެ ހިދުމަތް ފޯރުކޮށްދިނުމަށް އިބޫ ވައުދުވެވަޑައިގެންނެވި އެވެ.

ގއ. އަދި ގދ. އަތޮޅަށް އިބޫ ކުރައްވަމުން ގެންދަވާ ދަތުރުގައި އޭނާ އިއްޔެ ވަނީ ގދ. ތިނަދޫ، ގދ. ވާދޫ، ގދ. ފަރެސްމާތޮޑާ އަދި ފިޔޯރީއަށް ވަޑައިގެން އިދިކޮޅު ވެރިކަމެއްގައި ގެންގުޅޭނެ ސިޔާސަތުތައް ހާމަކުރައްވައިފަ އެވެ. އެގޮތުން، ތިނަދުއަށް ވަޑައިގަތުމުން، އޭނާ އަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ.

ކޮލަމާފުށީ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ފަހު، އިބޫ ދެން ވަޑައިގަންނަވާނީ ގއ. ކަނޑުހުޅުދޫއަށެވެ. އެއަށްފަހު، ގއ. ގެމަނަފުއްޓަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ފަހު، ގދ. ގައްދޫއަށް މިއަދު ހަވީރު ވަޑައިގަންނަވާނެ އެވެ. އަދި އެ ރަށުގައި މިރޭ ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ.