ރައީސް ޔާމީނަށް ދެން ރައްޔިތުންނަށް ބިރެއް ނުދެއްކޭނެ: އިބޫ

ރައީސް އަބްދުﷲ ޔާމީނަށް ދެން ރައްޔިތުންނަށް ބިރު ނުދެއްކޭނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ގއ. ކޮލަމާފުށީގައި ވިދާޅުވެއްޖެ އެވެ.


ގއ. އަދި ގދ. އަތޮޅުތަކަށް އިބޫ ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި ކޮލަމާފުށީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި އިބޫގެ ވާހަކަ ފެއްޓެވީ، ޕީޕީއެމްގެ ޖަގަހައަށް ގެއްލުން ދިން ކަމަށް ބުނެ، އެ ރަށުން ހައްޔަރު ކުރި 18 މީހުން ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ބަންދެއްގައި ތިބި ކަމަށް ވިދާޅުވެ، އެ ހުރިހާ މީހުން ދޫކޮށްލުމަށް ސަލާމަތީ ބާރުތަކަށް ގޮވާލައްވަމުންނެވެ.

ކޮލަމާފުށީގައި މިއަދު ބޭއްވި ޖަލްސާގައި ގިނަ ބަޔަކު ބައިވެރިވަނީ. - ފޮޓޯ: އެމްޑީޕީ

އިބޫ ވިދާޅުވި ގޮތުގައި، ކޮލަމާފުށީގައި އެމްޑީޕީގެ އިސް މީހުން ފުލުހުން ހައްޔަރު ކުރީ ގާނޫނާ ހިލާފަށެވެ. އެއީ ކުށްވެރިން ނޫން ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އެމީހުން ހައްޔަރު ކުރީ ސިޔާސީ ހަރަކާތްތައް ހިންގަމުން ދިޔަ ދަނޑިވަޅުގައި ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

"އެ ދުވަހުގެ ހާދިސާ ހިނގަމުން ދިޔައިރު، މޫދުގައި ތިބި މީހުންނާއި ކުލަލާން ތިއްބާ ހައްޔަރު ކުރި މީހުން އެބަތިބި،" މިދިޔަ ހަފުތާގައި ކޮލަމާފުށީގައި ހިނގި ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ވަކި މީހަކު ބުނާ ގޮތަކަށް ސަލާމަތީ ބާރުތަކުން ކަންތައް ކޮށްގެން ނުވާނެ ކަމަށާއި ސަލާމަތީ ބާރުތަކުން ހިމާޔަތް ކުރަން ޖެހޭނީ ގާނޫނުއަސާސީ އާއި ގާނޫނުތައް ކަމަށެވެ. އިބޫ ވަނީ ރިޔާސީ އިންތިހާބާ ގުޅިގެން ހަމަހަމަ "މައިދާނެއް" ރާއްޖޭގައި ގާއިމުކޮށް ދެއްވުމަށް ވެސް ގޮވާލައްވައިފަ އެވެ.

އިބޫ މިއަދު ގއ. ކޮލަމާފުށީ ރައްޔިތުންނާ ބައްދަލު ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ

"އަޅުގަނޑުމެން މިތިބީ ކޮންމެ ގުރުބާނީއެއް ވާން ތައްޔާރަށް،" އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ޖަލަށް ދާން ޖެހުނަސް، ތިބީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ ކޮލަމާފުށީ ސްކޫލް ޓީޗަރުންނާއި ކުންފުނިތަކުގައި އުޅޭ މުވައްޒަފުން ބިރު ފަހަނައަޅައި ގޮސް، އިދިކޮޅު ފަރާތްތަކާއެކުގައި މަސައްކަތް ކުރަމުންދާ ތަން މިއަދު ބަނދަރުމަތިން ފެނުނު ކަމަށެވެ. އަދި ހުރިހާ ރަށަކުން ފެންނަނީ މުވައްޒަފުން ވެސް ނުކުމެ ހަރަކާތްތަކުގައި ބައިވެރިވާތަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ ރައީސް ޔާމީން ރައްޔިތުންނަށް ދެއްކޭނެ ބިރެއް ދެން ނޯންނާނެ،" އިބޫ އެހެން ވިދާޅުވުމާއެކު، ޖަލްސާ ކުރާ ހޯލްގައި ތިބި މީހުންގެ އަތްތިލަ ބަޑިން އެތަން ގުގުމާލި އެވެ.

އިބޫ ކޮލަމާފުށީގައި ދެއްކެވި ވާހަކައިގެ ހުލާސާއެއް:

- އެމްޑީޕީ ވެރިކަމުގައި ކޮލަމާފުށި ތަރައްގީކުރުމުގެ ޕްލޭނެއް އޮތް.

- އިދިކޮޅު ވެރިކަމުގައި ކޮލަމާފުށި ތަރައްގީކުރާނީ އެ ޕްލޭނާ އެއްގޮތަށް.

- އިދިކޮޅު ވެރިކަމުގައި ހަތަރު ލީޑަރުން މިނިވަން ވެގެންދާނެ.

- ކޮލަމާފުށި ބަނދަރު ބޮޑުކޮށްދީ، އެތަނުގެ ބޭނުން ރަނގަޅު ގޮތުގައި ހިފޭ ގޮތް ހަދާނަން.

ކޮލަމާފުށީގައި މިއަދު ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މީހުން. -- ފޮޓޯ: އެމްޑީޕީ

ކޮލަމާފުއްޓަކީ މަސްވެރި ރަށެއްކަން ފާހަގަކުރައްވައި، އިބޫ ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ވެގެންދާނީ ދިވެހިންނަށް މަސްވެރިކަން ކުރެވޭ ތަނަކަށް ކަމަށެވެ. އަދި އިދިކޮޅު ވެރިކަމެއްގައި މަސްވެރިންނަށް ކްރެޑިޓް ލޯނާއި ޕެންޝަން ހަމަޖެހިގެންދާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް 22 ދުވަހަށްވެފައިވާއިރު، އިދިކޮޅު ފަރާތްތަކަށް ތަފާތު ހުރަސްތައް ކުރިމަތިވަމުން އަންނަ ކަން ފާހަގަކުރައްވައި އިބޫ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެ ހުރަސްތައް ގިރާ ކުރަމުންދާ ކަމަށެވެ. އަދި އެއްވެސް ރަށެއްގެ ރައްޔިތުން ތިބީ ފަހަތަށް ޖެހޭ ގޮތަކަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮލަމާފުށިން އިބޫ އަށް ދެންނެވި ހޫނު މަރުހަބާއާއެކު، އިބޫ ވިދާޅުވީ މި މަހު ނަގާ ވޯޓު އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރާނެ ކަމަށެވެ. އަދި ގދ. އަތޮޅުން ބޮޑު މަންޒަރު ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.