އިބޫ ލައްވައި ކުޑަކުއްޖާގެ މޭމަތީގަައި ކުރުވި ސޮއި

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގއ. ދެއްވަދު އަށް އިއްޔެ ވަޑައިގެން، އާންމުންނާ ސަލާމް ކުރައްވަމުން ގެންދަވަނިކޮށް، އަންހެނަކު އުރައިގެން ހުރި ދެ އަހަރުގެ ފިރިހެން ކުއްޖާ ބޭނުންވީ މުޅިން އެހެން ކަމެކެވެ: މޭ މަތީގައި އިބޫ ސޮއިކޮށްދެއްވުމެވެ.


އެ ކުއްޖާއާ ސަލާންކޮށްލަން އިބޫ އަތް ދިއްކޮށްލެއްވި އެވެ. އެކަމަކު ކުއްޖާ ބޭނުންވީ ސަލާންކުރެއްވުމުގެ ބަދަލުގައި ޓީޝާޓުގައި ސޮއިކޮށްލައްވާށެވެ.

އޭނާ ކައިރިއަށް އިބޫ ވަޑައިގަތުމުން އިބޫގެ ޖީބުގައި އޮތް ގަލަންކޮޅުގައި ހިފާ ދަމަން ފެށި އެވެ. ޓީޝާޓުގައި އެ ގަލަމުން ސޮއިކުރައްވަން އިބޫ ފުރަތަމަ އުޅުއްވީ ކުއްޖާގެ ކޮނޑު މަތީގަ އެވެ.

"ތި ތަނެއް ނޫން، މި ތަނުގައި،" ކަމަށް ބުނެ ކުއްޖާ އަތް ޖައްސާލީ އޭނާގެ މޭމަތީގަ އެވެ. އިބޫ ސޮއިކުރެއްވީ އެ ކުއްޖާގެ މޭމަތީގަ އެވެ.

އިބޫގެ ދަތުރުގައި ބައިވެރިވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "މިއީ ކެމްޕެއިންގައި ފެނުނު އެންމެ ލޯބި ވަގުތުކޮޅު" ކަމަށެވެ.

ކުޑަކުއްޖާގެ ޓީޝާޓުގައި އިބޫ ސޮއިކުރެއްވުމުން، އެ ކުއްޖާ އުފާވެފައި

ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި ބައެއް މީހުން ބުނި ގޮތުގައި، މިކަމުން ވެސް އެނގެނީ އިބޫއާ މެދު ކުޑަކުދިންގެ ވެސް އޮތް ލޯތްބާއި ގާތް ގުޅުން ކަމެވެ. އަދި އިބޫއަކީ ހިތް ހެޔޮ، އޯގާތެރި، އެންމެންނާ ގުޅޭ ބޭފުޅެއްކަން މި ފޮޓޯތަކުން އިތުރަށް ޔަގީންވާ ކަމަށް ވެސް ބުނެ އެވެ.

ގއ. އަދި ގދ. އަތޮޅުގެ ރަށްތަކަށް އިބޫ ކުރައްވާ ހަތަރު ދުވަހުގެ ދަތުރުގައި ހުރިހާ ރަށަކަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިހާތަނަށް ދެ އަތޮޅުގެ 11 ރަށަށް ވަޑައިގެންފި އެވެ.