ޖޭޕީ ދޫކޮށްލައި، އަރިއަތޮޅުގެ މެޖޯރިޓީ ދޭންވީ ރައީސް ޔާމީނަށް: ތޯރިގް

ރިޔާސީ އިންތިޚާބުތަކުގައި، ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމްގެ ވިސްނުމާ އެއްގޮތަށް، އަރިއަތޮޅުގެ ރައްޔިތުން ވޯޓު ދިނުން ހުއްޓާލައި ރައީސް އަބްދުﷲ ޔާމީނަށް އެ އަތޮޅުގެ އަޣުލަބިއްޔަތު ދިނުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) މިއަދު ގޮވާލައްވައިފި އެވެ.


އދ. އަތޮޅުގެ މީހުންގެ ބޮޑު ތާއީދެއް، ސިޔާސީ ލީޑަރުންގެ ތެރެއިން އޮންނަނީ، މާމިގިއްޔަށް އުފަން ގާސިމް އިބްރާހީމަށެވެ. އިންތިޚާބުތަކުގައި އެ އަތޮޅުގެ ރައްޔިތުންގެ މެޖޯރިޓީ ވޯޓު މިހާތަނަށް ލިބިފައި ވަނީ ގާސިމްގެ ވިސްނުމާ އެއްގޮތަށެވެ.

މަހިބަދޫގެ މަގު ހެދުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރަން، ރައީސް ޔާމީނާ އެކު މިއަދު އެ ރަށަށް ވަޑައިގެން ތޯރިގް ވަނީ، އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. ރައީސް ޔާމީން، ފަސް އަހަރުގެ ތެރޭގައި އަރިއަތޮޅުގެ ރަށްތަކަށް ހިންގަވައި ދެއްވި ތަރައްގީގެ މަޝްރޫއުތައް، ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި ވެސް ހިންގާފައި ނުވާ ކަމަށް ތޯރިގް ވިދާޅުވި އެވެ.

އަރިއަތޮޅުގެ އެކި ރަށްތަކުގެ ނަރުދަމާގެ ޚިދުމަތާއި މިސްކިތް އެޅުމާއި ބޯފެނުގެ ނިޒާމް ވެސް ރައީސް ޔާމީން ގާއިމްކޮށްދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

"ވޭތުވެދިޔަ ހުރިހާ އިންތިޚާބުތަކުގައި ވެސް މެޖޯރިޓީ އެހެން ޕާޓީއަކަށް ދެމުން ދިޔައިރު، އަޅުގަނޑުމެން ފިކުރުކޮށް ވިސްނާން ވެއްޖެ ނޫންތޯ؟ ޖުމްހޫރީ ޕާޓީ އަށް ތާއީދުކޮށްގެން ކޮންމެވެސް ބޮޑު މަހެއްގެ ދަށުގައި އައްޓަމަހެއް ހެން ތައްލާފައި ނޫންތޯ މި އޮންނަން ޖެހެނީ،" ތޯރިގް ވިދާޅުވި އެވެ.

"މިދިޔަ ހުރިހާ ރިޔާސީ އިންތިޚާބުގައި އަޅުގަނޑުމެންގެ އަތޮޅުގެ މެޖޯރިޓީ ރައްޔިތުން މިހެން ނޫންތޯ ތިބީ. މިއީ ހަގީގަތް،"

އދ. މަހިބަދޫ: ސެޕްޓެމްބަރު 3، 2018- ރައީސް އަބްދުﷲ ޔާމީން މަހިބަދޫގެ މަގު ހެދުމުގެ މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ގޮތުން އެރަށަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގެ ގޮތުން އެއްވެ ތިބި މީހުންނާ ސަލާމްކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވި ގޮތުގައި އެ ގޮތް ދޫކޮށްލައި ކޮންމެވެސް ރަނގަޅު އެއް ޕާޓީ ޚިޔާރުކުރަން، އއ. އާއި އދ. އަތޮޅުގެ ރައްޔިތުން އެބަޖެހެ އެވެ. ތިން ވަނަ ނަމްބަރުގެ ތެރޭގައި ތިބެގެން އަރިއަތޮޅު ހަލާކުވެގެން ދާނެ ކަމަށް ވެސް ތޯރިގް ވިދާޅުވި އެވެ.

ތޯރިގް އެދިވަޑައިގަތީ، މި އިންތިޚާބުގައި ރައީސް ޔާމީނަށް އަރިއަތޮޅުން ބޮޑު އަޣުލަބިއްޔަތެއް ދިނުމަށެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ ދެވަނަ ދައުރެއްގައި، މި ދައުރަށް ވުރެ ވެސް ގިނަ މަޝްރޫއުތައް ހިންގަވައި ދެއްވާނެ ކަމަށެވެ. އެހެންކަމުން އަރިއަތޮޅުގެ ރައްޔިތުން، މި އިންތިޚާބުގައި ވިސްނަންވީ ރައީސް ޔާމީނަށް އިތުރު ދައުރެއް ދޭން ކަމަށް ތޯރިގް ވިދާޅުވި އެވެ.

"މި އަންނަ ފަސް އަހަރަކީ ރާއްޖޭގެ ހުރިހާ އާބާދީއެއް، އެއީ ކުނބުރުދޫ ވިޔަސް އޮމަދޫ އަދި ހަންޏާމީދޫ ވިޔަސް މި އަތޮޅުގެ ހުރިހާ ރަށަކަށް ސާފު ބޯފެނާއި ނަރުދަމާ ގާއިމްވެގެންދާނެ ކުރިއަށް އޮތް ފަސް އަހަރު،" އޭނާ ވިދާޅުވި އެވެ.