އިދިކޮޅުން ކުރާ ވައުދުތަކަށް ރައީސް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ

މި މަހު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް އިދިކޮޅު އިއްތިހާދުން ރައްޔިތުންނަށް ކުރާ ވައުދުތަކުގެ ފެންވަރާއި ވިސްނުން ދަށް ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީން ވަރަށް ބޮޑަށް މިއަދު ފާޑުވިދާޅުވެއްޖެ އެވެ.


ދ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގައި ކުޑަހުވަދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބޮޑެތި ޕްރޮޖެކްޓުތަކުގެ ވާހަކަ އެމަނިކުފާނު ދައްކަވާއިރު އިދިކޮޅު ފަރާތްތަކުން ކުރަނީ ނިސްބަތުން ވަރަށް ފެންވަރު ދަށް، ބުރަދަނެއް ނެތް ވައުދުތަކެއް ކަމަށެވެ.

"އަޅުގަނޑު މި ދަނީ ބަނދަރާއި އެއާޕޯޓާއި ބޮޑެތި ސަރަހައްދީ ތަރައްގީގެ މަޝްރޫއުތަކާއި ބައިނަލްއަގްވާމީ އެއާޕޯޓު އެޅުމާއި މިކަހަލަ މަސައްކަތް ކުރަމުން މި ދަނީ. ރައީސް [މުހައްމަދު] ނަޝީދު ކުރިން ވެސް ވިދާޅުވި މަދަރުސާއަށް ދާ ކޮންމެ ކުއްޖަކަށް ދޮންކެޔޮ ވަކެއް ދޭނަމޭ. މިއަދު އަނެއްކާ [އެފަދަ ވައުދެއް ތަކުރާރުކޮށް] ވިދާޅުވަނީ ކުކުޅު ބިހެއް ދޭނަމޭ. ދެން މިއީތޯ އަޅުގަނޑުމެންގެ ވިސްނުން ހުންނަންވީ ހިސާބަކީ؟" ރައީސް ވިދާޅުވި އެވެ.

ހެނދުނު ސަޔަށް ދަރިވަރުންނަށް ހިލޭ މޭވާ އާއި ބިސް ދޭން އިދިކޮޅުން ވައުދުވާއިރު ދަރިވަރުންނަށް އެމަނިކުފާނު ދެއްވީ ޓެބްލެޓް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވިސްނުން ހުންނަންވީ ހިސާބަކީ މަދަރުސާއަށް ދާ ކޮންމެ ކުއްޖަކަށް ދޮންކެޔޮވަކެއް ދޭންތޯ ކުކުޅު ބިހެއް ދޭންތޯ. ބަލަ އަޅުގަނޑު މިއޮތީ މަދަރުސާއަށް ދާ ކޮންމެ ކުއްޖެއްގެ އަތަށް ޓެބްލެޓެއް ލައިދީފައި،" ރައީސް ޔާމީން ވިދާޅުވި އެވެ.

"...އެއީ ބަރު ފޮތްތައް ހިފައިގެން އެތައް ބުރިއަކަށް އަރަން ޖެހޭތީ ކުދިންނަށް ލިބޭ އުނދަގޫ މައިންބަފައިންނަށް އިހުސާސްކުރެވޭތީ އެކަން ހައްލުކޮށްދޭން. މިއީ ތަރައްގީއަކީ. ކުކުޅު ބިހެއް ނޫން ތަރައްގީއަކީ ދޮންކެޔޮ ވަކަކީ އަދި އަމްދުން ތަރައްގީއެއް ނޫން."

އިދިކޮޅު ފަރާތްތަކުން ވައުދުތައް ވާއިރު ފައިސާ އާއި ތަފާސްހިސާބުގެ ވާހަކަ ނުދައްކާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އެކަމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"ތަފާސްހިސާބަކީ އަނެއްކާވެސް އިދިކޮޅު މީހުން މޭކަރާ ކަމެއް. އެހެން ނޫންތޯ ވާނީ އަދަދެއް ކިޔާފައި، ތަފާސްހިސާބޭ ކިޔާފައި، އެކަހަލަ ވާހަކައެއް ދައްކަންޏާ މޭކަރާނެ، އެއީ ހަމަ ވާ ގޮތަކީ. މިކަހަލަ ހިސާބުތަކުގެ ތެރޭގައި ނުއުޅުއްވަނީ،" ރައީސް ވިދާޅުވި އެވެ.

އޭގެ ފަހުން އެމަނިކުފާނު ވިދާޅުވީ ޅެންބައިތެކެވެ: "ތައުލީމު ނެތުނު ތާކު ޒަމާނާ އެކުވެގެން ތަން ދާނެއެ ބުއްދީގެ މަގުން އެއްކިބާވެގެން."

މިދިޔަ ސަރުކާރުތަކުގައި ކުޑަހުވަދުއަށް ހޭދަކޮށްފައި ވަނީ އެންމެ 72 މިލިއަން ރުފިޔާ ކަމަށް ވިޔަސް، ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި މިހާރު ވެސް އެ ރަށުގެ އެކި މަޝްރޫއުތަކަށް 703 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން މިއަދު ވައުދުވެވަޑައިގަތީ އެއާޕޯޓަކާއި ބަނދަރެއް އޮތް ކުޑަހުވަދޫގައި ސަރަހައްދީ ވިޔަފާރީގެ ބަނދަރެއް ވެސް އަޅުއްވައިދެއްވާށެވެ.