ބިރުދެއްކިޔަސް ސަޕޯޓަރުން ފަހަތަކަށް ނުޖެހޭނެ: އިބޫ

އިދިކޮޅުގެ އިއްތިހާދަށް ސަޕޯޓުކުރާ އާންމުންނަށް ބިރު ދައްކަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމަކު ސަޕޯޓަރުން ތިބީ ފަހަތަށްޖެހޭ ގޮތަށް ނޫން ކަމަށް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.


މާލޭގައި އުޅޭ ފުވައްމުލަކު މީހުންގެ ކެމްޕެއިން ޖަގަހައެއް ހުޅުއްވައިދެއްވުމަށް ފަހު އިބޫ ވިދާޅުވީ ސަރުކާރުން ދައްކާ ބިރަށް އާންމު ސަޕޯޓަރެއް އަދި އިސް ސަފުގައި މަސައްކަތްކުރާ މީހެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ބިރު ދައްކައި ބަންދުކުރުމުގެ ވާހަކަތަކެއް އެބަ ދެކެވޭ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ސަޕޯޓަރުން ތިބީ މިކަން ދޫކުރާ ގޮތަކަށް ނޫން، މިކަމާ ކުރިމަތިލައިގެން ކުރިއަށްދާން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އެއްވެސް ސަޕޯޓަރެއް، އަޅުގަނޑުމެންގެ އިސް ސަފުގައި އެ އުޅޭ އެއްވެސް މީހަކު ފަހަތަކަށް ނުޖެހޭނެ،" އިބޫ ވިދާޅުވި އެވެ.

ވަޒީފާގެ ބިރު ދައްކަމުންދާއިރު ސިވިލް ސާވަންޓުން ވެސް އަންނަނީ އިދިކޮޅު އިއްތިހާދުގެ ކެމްޕެއިނާ ގުޅެމުން ކަމަށް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ކުރި ދަތުރުތަކުގައި ރަށް ރަށުން މި މަންޒަރު ފެންނަމުން އެބަ ދޭ. ސިވިލް ސާވަންޓުން، ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބިރު ފަހަނައަޅައި ގޮސް އަޅުގަނޑުމެންގެ ކެމްޕެއިނާ ޖޮއިން ކުރަން ފައްޓައިފި،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު ދިޔަ އެއް ރަށަކުން ސްކޫލުގެ ހުރިހާ ޓީޗަރުން ނިކުމެ އަޅުގަނޑުމެންނާ ބައިވެރިވި."

މީގެ އިތުރުން އިބޫ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނާއި ސަރުކާރާ ގުޅިގެން އިންތިހާބު އޮޅުވާލުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

"ކިތަންމެ ވަރަކަށް އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް، ކިތަންމެ ވަރަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި ނަމަވެސް ރައްޔިތުން ނިކުމެ މިފަހަރު ރައީސް ޔާމީނަށް ބޮޑުތަނުން ނޫނެކޭ ބުނާނެ،" އިބޫ ވިދާޅުވި އެވެ.

މި މަހުގެ 23ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިބޫ ވާދަ ކުރައްވާނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށެވެ. މިއީ ހަމައެކަނި ދެ ކެންޑިޑޭޓުންނާއެކު، ގިނަ ޕާޓީތައް އެކުލެވޭ ރިޔާސީ އިންތިހާބަކަށް ރާއްޖެ ނިކުންނަ ފުރަތަމަ ފަހަރެވެ.