އިބޫގެ ގައުމީ ސަލާމަތުގެ ސިޔާސަތު: މުއައްސަސާތަކަށް މިނިވަންކަމާއި ތަމްރީން

ރާއްޖޭގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ސިޔާސީ ނުފޫޒުން މުއައްސަސާތައް މިނިވަންކޮށް، ޒަމާނީ ތަމްރީނާއި ވަސީލަތް، އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ގާއިމް ކޮށްދެއްވާނެ ކަމަށް އެ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހއ. ހޯރަފުށީގައި މިރޭ ވިދާޅުވެއްޖެ އެވެ.


މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ހއ. އަތޮޅަށް އިބޫ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން، ހޯރަފުށީގައި ބޭއްވި ޖަލްސާގައި އޭނާ ވަނީ އިދިކޮޅު އިއްތިހާދުގެ ސަރުކާރެއްގައި އަމަލުކުރާނެ ގައުމީ ސަލާމަތުގެ ސިޔާސަތުގެ އުސްއަލިތައް އިއުލާން ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވީ، އެ ސިޔާސަތު ބައްޓަން ކޮށްފައި ވާނީ ރާއްޖޭގެ ހުރިހާ ދާއިރާ އަކަށް ރައްކާތެރިކަން ލިބޭ ގޮތަށް ކަމަށެވެ. އޭގެ ތެރޭގައި އިގްތިސާދީ ސަލާމަތާއި އިޖުތިމާއީ އަދާލަތު އަދި ސިޔާސީ ހަމަޖެހުން ހިމެނޭނެ ކަމަށް ވިދާޅުވި އެވެ.

"ގައުމީ ސަލާމަތާއި ގާނޫނު ނެގެހެއްޓުމާއި ތަންފީޒު ކުރުމުގެ ޒިންމާ އުފުލާ އެންމެހައި މުއައްސަސާތައް ސިޔާސީ ނުފޫޒުން އެއްކިބާކޮށް، އެއްވެސް ސިޔާސީ މަގްސަދެއް ހާސިލް ކުރަން އަޅުގަނޑުމެންގެ ސަރުކާރެއްގައި ބޭނުން ނުކުރާނަން،" އިދިކޮޅު އިއްތިހާދަށް ތާއީދުކުރާ ގިނަ ބަޔަކު ބައިވެރިވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ހޯރަފުށީގައި ބޭއްވި ޖަލްސާ-- ފޮޓޯ: އެމްޑީޕީ

އިބޫ ވިދާޅުވީ، ގައުމީ ސަލާމަތަށް ނުރައްކާވުމަކީ ސިޔާސީ މީހުންނަށް ފިޔަވަޅު އެޅުމަށް ބޭނުންކުރެވޭ ހަތިޔާރެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އަދި ގައުމީ ސަލާމަތާއި ގުޅުން ހުރި ތަންތަން، އެއްވެސް ސިޔާސީ މަންފާއެއް ހޯދުމަށް ބޭނުން ނުކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި، ބޮޑެތި އިންވެސްޓްމަންޓްތަކާއި އިގްތިސާދީ މަސައްކަތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ. އަދި އެ ގާބިލްކަން ސަލާމަތީ ބާރުތަކަށް ހޯއްދަވައި ދެއްވާނެ ކަމަށް އިބޫ ވައުދުވެވަޑައިގަތެވެ.

ހަރުދަނާ ކުރުމަށް އަޅާ ފިޔަވަޅުތައް:

• ސިފައިންނާއި ފުލުހުންގެ ފަންނީ ގާބިލްކަން އިތުރު ކުރުން

• ތަމްރީނު ލިބިފައިވާ ޕޮރޮފެޝަނަލް ބަޔަކަށް ހެދުން

• ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ގާއިމް ކުރުން

• ކަނޑުގެ ސަރަހައްދު ބަލަހައްޓަން ހާއްސަ ވަސީލަތް ހަމަޖެއްސުން

• ކޯސްޓް ގާޑާއި މެރިން ޕޮލިސް ހަރުދަނާ ކުރުން

• ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަންނަ އުޅަނދުތައް ހުއްޓުވުމާއި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ޓެކްނޮލޮޖީގެ އެހީގައި ހުއްޓުވުން

• ކަނޑުމަތީ ހާދިސާތަކުން ސަލާމަތް ކޮށްދެވޭނެ ވަސީލަތް ގާއިމް ކުރުން

• ދީނީ ހަރުކަށި ވިސްނުމުގެ ފިކުރުތަކަށް ފުރުސަތު ނުދިނުން

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު މާރާމާރީތައް އިތުރު ވެފައިވާއިރު، "ޖަޒީރާ ރާއްޖެ" އެއް ގާއިމް ކުރާނީ ރައްޔިތުންނަށް ރައްކާތެރިކަން ޔަގީން ކޮށްދީގެން ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ، ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމާއި ވަކިކުރުމަކީ ސިޔާސީ ނުފޫޒު ނުފޯރާނެ ކަމަކަށް އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ހައްދަވާނެ ކަމަށެވެ.

ހަމަ އެހެންމެ، އިންޓަނެޓާއި މުވާސަލާތީ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން ހިންގަމުންދާ އެކިއެކި ކުށްތައް ހުއްޓުވުމަށް އެކަށޭނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް އިބޫ ވިދާޅުވި އެވެ.

ގައުމީ ސަލާމަތަށް ނުރައްކާ ވުމަކީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ކުރުން އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ހުއްޓާލައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އަދި އިންޓެލިޖެންސް ރިޕޯޓުތަކުގެ އަލީގައި ދައުވާ އުފުލުން ހުއްޓާލައްވާނެ ކަމަށް ވެސް އިބޫ ވައުދުވެވަޑައިގެންނެވި އެވެ.