ރާއްޖެ ޓީވީން ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ މީރާ އަށް ދައްކަން އަންގައިފި

ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭ ގޮތަށް ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ، ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވާތީ އެ ފައިސާ މީރާ އަށް ދެއްކުމަށް އެ ކޮމިޝަނުން އިއްޔެ ރާއްޖެ ޓީވީ އަށް އަންގައިފި އެވެ.


ބްރޯޑްކާސްޓިން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހް ސޮއިކުރައްވައި ރާއްޖެ ޓީވީއަށް ފޮނުއްވި ސިޓީގައި ބުނީ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ފައިސާ ބަލައިގަތުމުގެ އިންތިޒާމު މީރާގައި ހަމަޖައްސާފައިވާ ކަމަށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ފައިސާ ދެއްކި ކަމުގެ ރަސީދުގެ ކޮޕީއެއް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުމަށް ނާސިހްގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.

ރާއްޖެޓީވީ ޖޫރިމަނާކުރި ފައިސާ މީރާއަށް ދައްކަން ޖެހޭނީ އަންނަ އާދިއްތަ ދުވަހުގެ ކުރިންނެވެ. މީގެ ކުރިން ވެސް ރާއްޖެ ޓީވީ ހަތަރު ފަހަރު ޖޫރިމަނާކޮށްފައި ވާއިރު އެ ފައިސާ ބަލައިގަތީ ބްރޯޑްކާސްޓިން ކޮމިޝަނަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބުނީ، މީގެ ފަހުން، އެ ކޮމިޝަނުން އެއްވެސް މީޑިއާއަކާ މެދު ފިޔަވަޅު އަޅައި، ޖޫރިމަނާ ފައިސާ ދައްކަން އަންގައިފިނަމަ، އެ ފައިސާއެއް ދައްކަން ޖެހޭނީ މީރާ އަށް ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން މިިދިޔަ މާޗު މަހު ބޭއްވި މުޒާހަރާއެއްގައި ދެއްކި ވާހަކަތަކެއް ބްރޯޑްކާސްޓްކުރުމާ ގުޅިގެން، ރާއްޖެ ޓީވީ ޖޫރިމަނާ ކުރި މިއީ، ފަސް ވަނަ ފަހަރެވެ.

މީގެ ހަތް އަހަރު ކުރިން އުފެއްދި ޓީވީ ސްޓޭޝަން، އަބުރުގެ ގާނޫނުގެ ދަށުން މިިދިޔަ އަހަރު ފުރަތަމަ ޖޫރިމަނާކުރީ 250،000ރ. އިންނެވެ. އެ ޖޫރިމަނާ ދެއްކި ދުވަހު ވެސް އެ ސްޓޭޝަން ވަނީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފަ އެވެ. އޭގެ ފަހުން ވެސް ބޮޑު އަދަދުތަކުން ޖޫރިމަނާކޮށްފައި ވެ އެވެ.

ޖޫރިމަނާ ކުރާ ކޮންމެ ފަހަރަކު އެ ފައިސާ ދެއްކުމަށް ރާއްޖެ ޓީވީން "އަބުރުފުޅު" ފަންޑުގެ ނަމުގައި ފޮށްޓެއް ހުޅުވުމަށް ފަހު، އެ އަށް ލިބޭ ފައިސާ އިން ޖޫރިމަނާ ދައްކަ އެވެ.