ރައްޔިތުން އެދެނީ ބަދަލުވާން، ސަރުކާރު އޮތީ "ނޭވާހޮޅީ"ގައި: އިބޫ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު މި ވޭތުކުރީ ހުދުމުހުތާރު ފަސް އަހަރު ކަމަށާއި އޭގެ ފަހުން ރައްޔިތުން ބޭނުންވަނީ ބަދަލެއް ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން އަލިމަސް ކާނިވަލް ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި، ފަށުވި އިބާރާތްތަކުން މިސާލު ނަންގަވައި އިބޫ ވާހަކަ ފެއްޓެވީ ވޭތުވެދިޔަ ފަސް އަހަރަކީ އެންމެ ބޮޑަށް އަދުލު އިންސާފު ގެއްލިގެން ދިޔަ ފަސް އަހަރު ކަމަށް ވިދާޅުވުމަށް ފަހު އެވެ.

މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި އިދިކޮޅު އިއްތިހާދުން ވާދަކުރައްވާ ކެންޑިޑޭޓު އިބޫ ވިދާޅުވި ގޮތުގައި، ހިނގަމުންދާ "ކޮންމެ ސިކުންތެއް"، "ޖަހާ ކޮންމެ އެސްފިޔައެއް"، އަދި "ލާ ކޮންމެ ނޭވާއެއް ގާތްކޮށް ދެނީ" ރާއްޖެއަށް އަންނަން އުޅޭ ބަދަލެވެ. ކޮންމެ ނިމުމަކީ ފެށުން ކަން ފާހަގަ ކުރައްވައި އިބޫ ވިދާޅުވީ މުޅި ކާއިނާތުގެ އެންމެ ދުރުން ވެސް އަބަދު އިވެނީ ބަދަލު ކަމަށެވެ.

"މިވަގުތަކު ކުރަން އޮތް ކަމަކީ އަޅުގަނޑުމެން އެންމެން މި ބަދަލަށް ތައްޔާރުވުން. ރައީސް ޔާމީނަށް ފަހު އަޅުގަނޑު، އަޅުގަނޑަށް ފަހު އެހެން ބޭފުޅެއް. އެއަށްފަހު އެހެން ބޭފުޅެއް އަބަދުވެސް އަންނާނެ،" -- އިބޫ

އިބޫ ވިދާޅުވި ގޮތުގައި، "ބީޓުގެ ހިލަމަށް"، ދިވެހިންގެ ހިތާއި އަމަލު ދަނީ ސީދާ ވަމުންނެވެ. އަދި އެންމެންގެ ފިޔަވަޅު "މި މަގަށް ހަމަވެ" ހިމުންވާ ތަން ރައީސް ޔާމީނަށް މިހާރު ރަނގަޅަށް ފެނިވަޑައިގަންނަވާނެ ކަމަށް އިބޫ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މި ރިޔާސީ އިންތިހާބަކީ "މި ނައުގެ ހުންގާނަށް އަރައި" އަމާން އައްސޭރިއަކަށް ހޭރިޔާ ކޮށްލަން ލިބޭ ފަހު ފުރުސަތު ކަމަށެވެ.

މިރޭގެ ޖަލްސާގައި އިބޫ ވާހަކަ ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"މި ވަގުތަކު ކުރަން އޮތް ކަމަކީ އަޅުގަނޑުމެން އެންމެން މި ބަދަލަށް ތައްޔާރުވުން. ރައީސް ޔާމީނަށް ފަހު އަޅުގަނޑު، އަޅުގަނޑަށް ފަހު އެހެން ބޭފުޅެއް. އެ އަށް ފަހު އެހެން ބޭފުޅެއް އަބަދުވެސް އަންނާނެ. ހުންނާނެ. ދާނެ. އިންސާފުން އޮތީ މި ހަގީގަތް ގަބޫލު ކުރުން. މާތް ﷲ ކަމަކަށް އިރާދަކުރެއްވުމުން ފުރަތަމަ ގާތްވަނީ އެ ސަބަބު،" ވަރަށް ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ، ރާއްޖޭގެ ގިނަ ރައްޔިތުންގެ ރުހުމާއި ތާއީދު އޮތް ހަތަރު ލީޑަރުން ކަމުގައިވާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަށް ކުރި ބުއްދީގެ ހަމައެއް، ގާނޫނީ ހުއްޖަތެއް ނެތް ދުނިޔެ ގަބޫލު ނުކުރާ ޖަލު ހުކުމުގެ ސަބަބުން ދިވެހިންގެ ތާއީދު ރައީސް ޔާމީނަކަށް ނެތް ކަމަށެވެ.

އިދިކޮޅު ޖަލްސާގައި، ސަޕޯޓަރުންތަކެއް އަތް އުފުލައި ތަރުހީބު ދެނީ. ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

"ނަޝީދުގެ މައްޗަށް ޝަރީއަތް ހިންގުނީ އިންސާފެއް ނެތި، ހަވާ ފަޓާސް ބަރިއެއްހެން. އިމްރާން ދިގު ތަގުރީރުގެ މެދުން ވިދާޅުވި އެއް ޖުމްލަ އަކީ ޓެރަރިޒަމަށް ހެއްދެވީ. ގާސިމްގެ މައްޗަށް ޣައިރު ހާޒިރުގައި ރަހުމް ކުޑަ ހުކުމް ކުރެއްވިއިރު، އޭނާ އޮންނެވީ އައިސީޔޫގައި، މައުމޫންގެ މައްޗަށް ކުރެވުނީ އަދުލެއް އިންސާފެއް ނެތް ޖަލު ހުކުމެއް. މިކަންކަމާ ހެދި މި ސަރުކާރުގެ ތާއީދު އޮތީ ނޭވާ ހޮޅިއަށް އެޅިފައި،" ހަތަރު ލީޑަރުންނަށް ކުރި ޖަލު ހުކުމްގެ ކުރު ޚުލާސާއެއް ދެއްވަމުން އިބޫ ވިދާޅުވި އެވެ.

އިބޫ ވަނީ އިދިކޮޅު ވެރިކަމެއް ފެށޭ ފުރަތަމަ ދުވަހު، ސިޔާސީ ވެރިންނާއި ލީޑަރުންނާއި ފަނޑިޔާރުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި އެކިއެކި ސަބަބުތަކާ ހުރެ، ރައީސް ޔާމީން ޝިކާރަ ކުރެއްވި ހުރިހާ ބޭފުޅުން މިނިވަން ވާނެ ކަމަށް ވިދާޅުވެ، އޭނާ ކުރިން ދެއްކެވި ވާހަކަ ތަކުރާރު ކުރައްވައިފަ އެވެ.

އިދިކޮޅު ވެރިކަމެއްގެ ބައެއް ސިޔާސަތުތައް ހާމަ ކުރައްވައި އިބޫ ވިދާޅުވީ އިދިކޮޅު ވެރިކަމެއްގައި ނުހައްގު އަނިޔާއެއް ދިނުމަކީ އޯގާތެރި ސަރުކާރެއްގައި ކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ވެރިކަމުގެ 18 މަސް ދުވަހުގެ އަމާޒަކީ އިންތިގާލީ އިންސާފު ގާއިމުކޮށް ދިނުން ކަމަށާއި މީހެއްގެ ހައްގަކަށް ނުވަތަ ވަޒީފާއަކަށް ނުވަތަ މުދަލަށް އަރައިގެންފިނަމަ، އޭގެ ހައްގު ބަދަލު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އަންހެނުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެކަކަށް ހައްގު ހޯދައި ދިނުމަށް އަނެކެއްގެ ހައްގު ނިގުޅައެއް ނުގަނެވޭނެ. މިކަމުގައި އެއްވެސް ރައްޔިތަކާ މެދު ތަފާތެއް ނުކުރެވޭނެ. އަނިޔާވެރިއެއް ނުވާނަން. މި އުންމީދު ކުރާ އިންސާފު ލިބޭނީ ބަދަލުވެގެން. ބަދަލުވާނެ. އެ ބަދަލު އަންނާނީ އެންމެ މަތިން ފެށިގެން. ދައުލަތުގެ ބާރުތަކާއި ގާނޫނުއަސާސީން އުފެއްދި މިނިވަން މުއައްސަސާތައް ގާނޫނުއަސާސީގެ ތަރުތީބުތަކުގެ އިމަށް އަލުން ރުޖޫއަ ކުރެވިގެން،" އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އިބޫ ވިދާޅުވި އެވެ.

އިބޫގެ ވާހަކަ ނިންމަވާއްލަވަމުން ވިދާޅުވީ، ބަދަލުގައި ބައިވެރިވެ، ޝާމިލް ވުމަކީ ލިބޭނެ ފުރުސަތެއް ނޫން ކަމަށާއި މިފަދަ ނަސީބެއް އަބަދު ތަކުރާރެއް ނުވާނެ ކަމަށެވެ. އެހެންވެ، އާއިލީ ގުޅުންތަކާއި ރައްޓެހި، ރަހްމަތްތެރިކަމުގެ ވަގުތުތަކުގައި ބަދަލުގެ ވާހަކަ ދެއްކުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.