އާ ރަންވޭ ބައިނަލްއަގުވާމީ ހަމަތަކަށް ފެތޭނެ: އާދިލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އަލަށް ހެދި އާ ރަންވޭއަކީ ބައިނަލްއަގުވާމީ ހަމަތަކަށް ފެތޭ، އެއްވެސް ސުވާލެއް ކުރުމުގެ ޖާގަ ވެސް އޮތް ރަންވޭއެއް ނޫން ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ މިއަދު ވިދާޅުވެއްޖެ އެވެ.


ބޮޑެތި މަޝްރޫއުތަކެއް ހިނގަމުން އަންނަ ވީއައިއޭގެ އާ ރަންވޭގެ މަސައްކަތް ނިންމައި މި މަހުގެ 18 ވަނަ ދުވަހު ހުޅުވުމުގެ މަސައްކަތް އެމްއޭސީއެލުން އަންނަނީ ކުރަމުންނެވެ. އެނގިފައިވާ ގޮތުގައި އެ ރަސްމިއްޔާތުގައި އާ ރަންވޭ އަށް ތިރިކޮށްލާނީ އެންމެ ބޮޑު މަތިންދާބޯޓު، އޭ380 އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައި އާދިލް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. - ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އެއާޕޯޓަށް އޭ380 ގެ މަތިންދާބޯޓު ޖައްސަނީ ބައިނަލްއަގުވާމީ ވައިގެ އުދުހުންތަކާ ހިލާފަށް ކަމަށް އިދިކޮޅު ބައެއް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. އެގޮތުން، ގާނޫނީ ވަކީލް އަދި ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވީ އޭ380 ޖައްސަނީ ބައިނަލްއަގުވާމީ ވައިގެ އުދުުހުންތަކާ ހިލާފަށް ނުރައްކަލަށް ހުށަހެޅޭ ގޮތަށް ކަމަށެވެ. އެކަމަކު ސުއޫދު ދެއްކެވި ހުރިހާ ވާހަކައެއް އެމްއޭސީއެލުން ވަނީ ދޮގުކޮށްފަ އެވެ.

އާ ރަންވޭ މަތީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއަކީ ވަރަށް ރަނގަޅު ޕްލޭނަކާއެކު ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. މަޝްރޫއު ކުރިއަށް ދަނީ ދުނިޔޭގެ ކޮންސަލްޓަންޓުން ބައިވެރިވެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެއާޕޯޓުގެ ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ދަނީ ސިންގަޕޫރުގެ ސުރްބާނާ އިންޓަނޭޝަނަލްގެ ލަފާގެ މަތިންނެވެ. އެ ކުންފުންޏަކީ ސިންގަޕޫރުގެ މަޝްހޫރު ޗަންގީ އެއާޕޯޓުގެ ވެސް ކޮންސަލްޓަންޓެވެ. އެ ޓީމުގައި އެމެރިކާ، އޮސްޓްރޭލިއާ، ނިއުޒިލޭންޑާއެކު އަށް ގައުމެއްގެ ކޮންސަލްޓަންޓުން ހިމެނެ އެވެ.

ހުޅުލެ: އޯގަސްޓް 28، 2018- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާ އާ ރަންވޭގެ މަސައްކަތް ކުރިއަށް ދާ ގޮތް ނޫސްވެރިންނަށް ދައްކާލުން:.-- މިހާރު ފޮޓޯ: އެމްއޭސީއެލް

"މަޝްރޫއަށް ކޮލިޓީ އެޝުއަރަންސް އަޅުގަނޑުމެން ދެން. މީގައި ކުރިއަށް މި ދަނީ ބައިނަލްއަގުވާމީ ހަމަތަކަށް ފެތޭ ގޮތަށް. އެ ބޭފުޅުން (ސުރްބާނާ އިންޓަނޭޝަނަލް) އެޕްރޫވް ކުރައްވައިގެން. އެމީހުން ދަނީ އޯން ސައިޓްގައި ސުޕަވައިޒް ވެސް ކުރަމުން،" އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެމްއޭސީއެލްގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމުގައި އާދިލް ވިދާޅުވި އެވެ.

"ރަންވޭ ވަނީ އިކާއޯ މިންގަނޑަށް، ހުރިހާ މިންގަނޑަށް ފެތި ފްލައިޓު ޓެސްޓަށް ރެޑީވެފައި،"

ޓެސްޓް ފްލައިޓަށް އެއާޕޯޓު ތައްޔާރު ނޫން ކަމަށް ދައްކަމުން އަންނަ ވާހަކަ ދޮގު ކުރައްވައި އާދިލް ވިދާޅުވީ ރަންވޭގައި މަތިންދާ ބޯޓު ޖެއްސުމަށް ހަދަން ޖެހޭ ހުރިހާ އެސެސްމަންޓެއް ހަދާ ނިންމާފައިވާ ކަމަށެވެ. އަދި ދޮގު ވާހަކަ ފަތުރާ މީހުންނަށް އާދިލް ކުރެއްވީ ސުވާލެކެވެ.

"އިދިކޮޅަށް ވާހަކަ ދެއްކީމަ ލިބޭ މަންފާއަކީ ކޮބައިތޯ؟ އެބޭފުޅުން މިކަން ރަނގަޅަށް ބަލާފައި ލިޔުއްވާ. ހީވާ ކަހަލަ އެއްޗެއް ލިޔުއްވުމަކީ އޭގެން މަންފާއެއް ލިބޭނެ ކަމެއް ނޫން ކަމަށް އަޅުގަނޑު ދެކެނީ،" ސުއޫދު ދެއްކެވި ވާހަކަތައް ތަކުރާރުކޮށް ދޮގު ކުރައްވައި އާދިލް ވިދާޅުވި އެވެ.

އާދިލް ވަނީ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާ މީހުންގެ މައްސަލަ ބަލައި، ފިޔަވަޅު އަޅަން ޖެހިއްޖެނަމަ، އެކަން ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ. އަދި އެމްއޭސީއެލްގެ އަގު ވައްޓާލުމުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަކީ ކުރާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި އާ ރަންވޭ:.-- ފޮޓޯ:އަހުމަދު ނިޝާތު/ މިހާރު

ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން، އާ ރަންވޭ ހަދަނީ ޗައިނާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެންނެވެ. އެ މި ލޯނުގައި ރަންވޭގެ އިތުރުން 45 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި 80،000 ޓަނުގެ ކާގޯ ފެސިލީޓީއެއް ހެދުން ވެސް ހިމެނެ އެވެ.

ހުޅުވަން ތައްޔާރުވެފައި އޮތް، އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. އެނގިފައިވާ ގޮތުގައި، އޭ380 ގައި ތިރިކޮށްލާނީ، އެއާބަސް ދުއްވުމުގެ ލައިސަންސް އޮންނަ ދިވެއްސެއް ކަމަށްވާ އަލީ އަހްސަން އެވެ.

އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ފެންވަރަށް އެއާޕޯޓު ތަރައްގީ ކުރަމުން އަންނައިރު، އެންމެ ބޮޑެތި މަތިންދާބޯޓު ރާއްޖޭގައި ޖައްސަން ފެށުމަކީ ދިވެހިންނަށް ލިބޭނެ ފަޚުރެއް ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެ ފަޚުރު، މި މަހު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން ދިވެހިންނަށް ހޯދައި ދެއްވާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.