މި ދެ ފޮޓޯގައި ކުޑަކުދިން ނުރައްކަލުގެ ތެރެއަށް!

މާލެ އާއި ހުޅުލެ ގުޅާލައި ހަދާފައިވާ ސިނަމާލެ ބްރިޖް، ސަރުކާރުން މިދިޔަ ހުކުރު ދުވަހު ހުޅުވާލީ މުހިންމު ގަވައިދުތަކަކާ އެކު އެވެ. އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ، ތުއްތު ކުދިން ސައިކަލުތަކުގައި ބްރިޖާއި ލިންކް ރޯޑުގައި އުފުލުން މަނާކުރުމެވެ. އެކަމަކު ބްރިޖާއި އާ ހައިވޭއިން މިހާރު ފެންނަނީ ތުއްތު ކުދިން ނުރައްކަލަށް ހުށަހެޅިފައިވާ މަންޒަރެވެ.


މި ފަދަ އެއް މަންޒަރެވެ؛ ބޮޑުތަކުރުފާނު މަގު، މާލޭގެ ދެކުނު ފަރާތުގައި ހަދާފައިވާ ހައިވޭއިން ފިރިހެނަކު ސައިކަލްގައި އިން އިރު، އެ ސައިކަލް ދުއްވަން އިނީ އޭނާގެ ކުރީގައި އިން ގާތްގަނޑަކަށް ހައެއްކަ އަހަރުގެ ފިރިހެން ކުއްޖެކެވެ. ގަޑިއަކު 25-50 ކިލޯމީޓަރު ބާރުމިނުގައި އުޅަނދު ދުއްވުމުގެ ހުއްދަ ދީފައިވާ ހައިވޭގައި ކުޑަ ފިރިހެން ކުއްޖާ ސައިކަލު ދުއްވަމުން ދިޔައިރު، ފަހަތުގައި ފިރިހެން މީހާ އިނީ ހަމަޖެހިލައިގެންނެވެ. ދޭތެރެއަކުން ކުޑަކުއްޖާ އަތުގައި ހިފައި، އިރުޝާދު ދެމުން ދިޔައިރު، އެހެން ސައިކަލެއްގައި އިން އެހެން މީހަކު ވަނީ އެ މަންޒަރު ވީޑިއޯ ކޮށްފަ އެވެ. އެކަމަކު އޭނާ އެ ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލީ އެއީ ވަރަށް މޮޅުކަމެކޭ ހިތަ އެވެ.

ދެން އެހެން މަންޒަރެކެވެ؛ މި މަންމަ ސައިކަލުގެ ފަހަތުގައި އިނީ އަދި އަހަރެއް ފުރުނުހެން ވެސް ހީނުވާ ތުއްތު ކުއްޖަކު އުރަށް ލައިގެންނެވެ. ބާރު ސްޕީޑުގައި ދަތުރުކުރާ އުޅަނދުތަކަށް، އެ މީހުންގެ މާބޮޑު ސަމާލުކަމެއް ހުރިހެނެއް ހިޔެއް ނުވެ އެވެ.

ތުއްތު ކުއްޖަކު އުނގަށް ލައިގެން ސައިކަލް ފަހަތުގައި

ތުއްތު ކުދިން ނުރައްކަލަށް ހުށަހެޅޭ މި ފަދަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު ގިނަ ބައެއްގެ ލޮލުގައި އެކަން އަޅައިގަތެވެ. ގިނަ ބައެއްގެ ސުވާލަކަށްވީ ބައެއް މީހުން ހަމަ އެހާ ހޭލުންތެރިކަން ކުޑައީ ހެއްޔެވެ؟ ނޫނީ އޭގެ ނުރައްކާތެރިކަން އެނގި ހުރެ، މޮޅުކަން ދައްކާލަން ބޭނުންވީ ހެއްޔެވެ؟

"ދަރިފުޅު އެހާ ބޮޑު ނުރައްކަލެއްގެ ތެރެއަށް ވައްޓާލުމަކީ މޮޅުކަމެއް ނޫނެވެ. އެއީ ވަރަށް ދަށުދަރަޖައިގެ ފިނޑި އަމަލެކެވެ." ކުޑަކުއްޖަކު ލައްވާ ސައިކަލް ދުއްވި ވީޑިއޯ، ސޯޝަލް މީޑިއާގައި އާއްމުވުމާއެކު މީހަކު ކުރި ޓްވީޓެއްގައި ބުންޏެވެ.

"ބައެއް މީހުންނަށް ގަވައިދުތަކަށް ބޯލަނބަންް ހަމަ ނޭނގެނީ އެވެ."

އެކަމާ ގުޅޭގޮތުން ފޭސްބުކްގައި ކޮމެންޓް ކުރި މީހަކު ބުނީ، "އަލިފާނާއި ފެން ވަކިވާވަރުގެ ބޮޑެތި މީހުން މިގޮތަށް އަމަލުކޮށްފައި އެކްސިޑެންޓް ވީމައި އޭގެ ޒިންމާ އަޅުވާނީ މަގުތައް ހަދާފައި ހުރި ގޮތާ މެދު" ކަމަށެވެ. އަދި ގަވައިދުތައް ލިޔެ، ބޮޑު ބިލްބޯޑެއްގައި ހަރުކުރި ނަމަވެސް ބައެއް މީހުންނަށް ނުފެންނާނެ ކަމަށް ބުނެ އޭނާ ފާޑުކިޔެވެ. ބައެއް މީހުން އަންނަނީ މި މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ގޮވާލަމުންނެވެ.

ރިންގް ރޯޑާއި ބްރިޖް ހުޅުވާލުމާ އެކު މާލެ އާއި ހުޅުމާލެ އަށް އައި ހަލަބޮލިކަމުގައި، އެންމެ ފުރަތަމަ ދުވަހު ވެސް ގިނަ އެކްސިޑެންޓްތަކެއް ވަނީ ހިނގައިފަ އެވެ. އޭގެެ ފަހުން ވެސް ނުރައްކާތެރި ބޮޑެތި އެކްސިޑެންޓުތައް ހިނގި އެވެ. އެކަމަކު ބައެއް މީހުން އަދިވެސް ހައިވޭ އަށް އަރަނީ ކުޑަކުދިން ގޮވައިގެންނެވެ.

މިކަން ހުއްޓުވުމަށް ފުލުހުން މިހާރު ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ. އެކްސިޑެންޓުތައް މަދުކޮށް، ހައިވޭ އަދި ބްރިޖްގެ ގަވައިދުތަކާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށް ބްރިޖް ކައިރީގައި މިހާރު ފުލުހުން ތިބެ އެވެ. ކުޑަކުދިން އަރުވައިގެން ބްރިޖަށް އަރަން ދިޔަ ގިނަ ސައިކަލްތަކެއް ފުލުހުން ވަނީ ހުއްޓުވައި، އަނބުރާ ފޮނުވާލާފަ އެވެ.

މި ގަވައިދުތަކާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ވަނީ ދީފަ އެވެ.