ހަވާލުވި ފޮށިގަނޑަކުން ކިލޯއެއްގެ މަސްތުވާތަކެތި ފެނިގެން އުމުރަށް ޖަލަށް ލި ދެ މީހަކު ސަލާމަތްވެއްޖެ

ރާއްޖެ ގެނައި މޭވާ ފޮށިގަނޑުތަކަކުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލައެއްގައި އުމުރަށް ޖަލަށްލި ދެ މީހެއްގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން އެ ދެ މީހުން މިއަދު މިނިވަން ކޮށްފި އެވެ.


ޏ. ފުވައްމުލަކު ޑެއިލީބްލޫ، އަބްދުއްލަތީފް މުހައްމަދާއި ދަފްތަރު 3033 ހަސަން އަލީ އުމުރަށް ޖަލަށްލީ ޑިސެމްބަރު 2010 ގައި އެހެން މީހަކު މެދުވެރިކޮށް ރާއްޖެ ގެނައި މޭވާ ފޮށިގަނޑުތަކަކުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި ފެނުނު މައްސަލައިގަ އެވެ. އެ ދެ މީހުން ހައްޔަރުކުރީ ޓީ ޖެޓީ ސަރަހައްދުން އެ ފޮށިގަނޑުތަކާ ހަވާލުވެ ކާރަކަށް އަރުވައިގެން ދާން އުޅެނިކޮށެވެ.

އެ މައްސަލާގައި ދެ މީހުންނަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން 2011 ގައި ހުކުމް ކޮށްފައި ވަނިކޮށް، އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި، އެ މީހުން އުމުރަށް ޖަލަށްލާން ހައި ކޯޓުން ހުކުމްކުރީ 2014 ގަ އެވެ.

އެ ދެ މީހުން ޖަލަށްލާން ހައި ކޯޓުން ކުރި ހުކުމް ބާތިލްކޮށް، ސުޕްރީމް ކޯޓުން އެ ދެ މީހުން މިއަދު މިނިވަންކުރީ އެ މީހުންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކުރުމުންނެވެ. އެ ދެ މީހުންގެ ފަރާތުން ފާހަގަ ކުރަމުން އައީ އެ ފޮށިގަނޑުތަކާ ހަވާލުވީ އޭގައި މަސްތުވާތަކެތި ހުރިކަން އެނގިގެން ނޫން ކަމަށާއި އެއީ އިންޑިއާ މީހަކު ދިވެއްސަކު ލައްވައި އެ މީހުންނަށް ފޮނުވި މޭވާ ފޮށިގަނޑުތަކެއް ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ފޮށިގަނޑުތަކާ ހަވާލުވުމަށް ލަތީފާއި ހަސަން ޓީ ޖެޓީ ސަރަހައްދަށް ގޮސް ތިބުމަކީ އޭގައި މަސްތުވާތަކެތި ހުރިކަން އެ މީހުންނަށް ކުރިން އެނގޭ ކަމެއް ކަމަށް ދައުލަތުން ބުނެފައި ވިޔަސް، އެކަން ސާބިތުވާނެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި އެ ފޮށިގަނޑުތަކުގައި މަސްތުވާތަކެތި ހުރިކަން އެ ދެ މީހުންނަށް އެނގޭ ނަމަ، އަމިއްލަ ނަފްސު ނުރައްކަލެއްގެ ތެރެއަށް ހުށަހަޅައިގެން އެ ތަކެއްޗާ އަމިއްލަ އަށް ހަވާލުވާން ހިނގައިދާނެ ކަމަށް ބުއްދީގެ ހަމަތަކުން ބަލާއިިރު ވެސް ގަބޫލު ނުކުރެވޭ ކަމަށް އެ ހުކުމުގައިވެ އެވެ.

"އެފަދަ ނުރައްކަލެއްގެ ތެރެއަށް އަމިއްލަ ނަފްސު ހުށަހަޅާފާނެ ކަމަށް ބުއްދީގެ ހަމަތަކުން ގަބޫލު ކުރެވޭނީ އެ ފޮށިގަނޑުތަކުގައި މަސްތުވާތަކެތި ހުރިކަން އަބްދުއްލަތީފް މުހައްމަދާއި ހަސަން އަލީއަށް ކުރިން އެނގިފައިވާ ކަމުގެ މައްޗަށް ހަރުދަނާ ދަލީލުތަކެއް ނުވަތަ ގަރީނާތަކެއް ހުރެގެން." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި އެ ހުކުމުގައިވެ އެވެ.

ފޮށިގަނޑުތައް ލިބުން ލަސްވާތީ، އެ އަވަހަށް ހޯދުމަށް އެ ތަކެތި އެތެރެކުރި ދިވެހި މީހާއަށް އެ ދެ މީހުން ގުޅައި، ބިރު ދައްކާފައިވާ ކަމަށް ދައުލަތުން ބުނެފައި ވިޔަސް، އެ ހުކުމުގައިވާ ގޮތުން އެފަދަ ގޮތަކަށް އެ މީހުން ބިރު ދެއްކިކަން އެ ތަކެތި އެތެރެކުރި މީހާގެ ހެކިބަހުން ވެސް އެނގޭކަށް ނެތެވެ. އަދި އެ ތަކެތި އަވަހަށް ހޯދަން އެ މީހުން މަސައްކަތް ކުރީ އެ ފޮށިގަނޑުތަކުގައި މޭވާ ހުރުމުން އެ ތަކެތި ހަލާކުވިޔަ ނުދިނުމަށްޓަކައި ކަން އެތެރެކުރި މީހާގެ ހެކިބަހުން ވެސް އެނގޭ ކަމަށް އެ ހުކުމުގައިވެ އެވެ.

މީގެ އިތުރުން މަސްތުވާތަކެތި ފެނުނު ފޮށިގަނޑުތައް އެތެރެކުރި ކުންފުނީގެ ނަމުގައި އިތުރު ފޮށިގަނޑުތަކެއް ވެސް އޭރު ރާއްޖެ ގެނެސްފައި ވާއިރު، މަސްތުވާތަކެތި ފެނުނު ތިން ފޮށިގަނޑަކީ ލަތީފާއި ހަސަން އޯޑަރު ދިނުމުން ގެނެސްފައިވާ ތަކެތިކަން އެނގޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.

ހުކުމުގައި އިތުރަށް ބުނެފައިވަނީ މަސްތުވާތަކެތި ގެންގުޅުމަކީ "މުތުލަގު މަސްއޫލިއްޔަތު" އުފުލަންޖެހޭ ކުށެއް ކަން ކަމަށް ވާއިރު، އެ އެފަދަ ކުށެއް މީހެއްގެ މައްްޗަށް ސާބިތުވާ ކަމަށް ކަނޑައަޅަން ޖެހޭނީ ސައްހަ ދަލީލުތަކާއި ހަރުދަނާ ގަރީނާތަކެއް ގާއިމް ކުރެވިގެންނެވެ. ސަބަބަކީ އެފަދަ އެއްޗެއް ބަރީއަ ގޮތެއްގައި މީހެއްގެ އަތަށް އެރުމުގެ ފުރުސަތު އޮންނާތީ ކަމަށް އެ ހުކުމުގައިވެ އެވެ.

ގާނޫނީ ބައެއް އުސޫލުތަކަށް ރިއާޔަތްކޮށް، އެ ހުކުމުގައިވާ ގޮތުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކަމެއް ސާބިތުވުމަށް ހުރަސް އެޅޭ ފަދަ ޝައްކުތައް މާނަ ކުރަންވާނީ ތުހުމަތު ކުރެވިފައިވާ ފަރާތުގެ މަސްލަހަތުގަ އެވެ. އަދި ދައުލަތުން ހުށަހަޅާ ހެކިތަކާއި ދަލީލުތަކުން ނެރެވޭ ނަތީޖާއާ މެދު ޝައްކެއް އުފެދިފައިވާ ނަމަ، އެ ޝައްކެއް ފިލުވާލެވޭ ފަދަ ހެކިތަކެއް ދައުލަތުން ހުށަހަޅަން ޖެހޭނެ ކަމަށާއި އެކަމަކު އެ މައްސަލާގައި އެފަދަ ހަރުދަނާ ދަލީލުތަކެއް ހުށަހެޅިފައި ނެތް ކަމަށް އެ ހުކުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، އެ ހުކުމުގައިވަނީ އެ މީހުން އުމުރަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކާ މެދު އުފެދިފައިވާ ޝައްކުތަކާ މެދު ގާނޫނީ ގޮތުން ބަލަންޖެހޭ ކަންކަމަށް ފުރިހަމަ އަށް ރިއާޔަތް ކުރެވިގެން ނޫން ކަމަށާއި އެހެންވެ، ހައި ކޯޓުގެ ހުކުމް ބާތިލްކުރާ ކަމަށެވެ.

އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ.