ސައިކަލުގައި ދިޔަ އަންހެނެއްގެ ދަބަސް ފޭރިގަތް މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ދާދިފަހުން ސޯޝަލް މީޑިއާގައި ވައިރަލްވެގެން ދިޔަ ފޭރުމުގެ ހާދިސާ އާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފިރިހެނަކު ރޭ ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ސައިކަލްގައި ދިޔަ އަންހެނެއްގެ އަތްދަބަސް ފޭރުމުގެ މައްސަލައާ ގުޅިގެން 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ އިތުރު މީހުން ވެސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މި މައްސަލަ ތަހްގީގު ކުރަން ފެށީ ސައިކަލުގައި ދިޔަ އަންހެނެއްގެ ދަބަސް ދެ ފިރިހެނަކު ފޭރިގެން ދިޔަ ވީޑިއޯ ސޯޝަލް މީޑިއާގައި މި މަހު ކުރީކޮޅު ވައިރަލް ވުމުންނެވެ. މި މައްސަލަ ތަހްގީގު ކުރަން ފެށި އިރު، މި ކަހަލަ ވީޑީއޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރުމުގެ ބަދަލުގައި މައްސަލައާ ގުޅޭ މައުލޫމާތު ފުލުހުންނަށް ހިއްސާ ކުރުމަށް އެދިފައި ވެއެވެ.

ވައިރަލް ވެފައިވާ ވީޑީއޯގައި ފެންނަ ގޮތުގައި ސައިކަލުގައި ދިޔަ އަންހެން މީހާގެ ދަބަސް ފޭރި ނުގަނެވުމުން، އޭނާގެ ސައިކަލް ކުރިމަތީގައި މަޑުކޮށްލުމަށް ފަހު، އޭނާ ހުއްޓުވި އެވެ. އެއަށްފަހު ސައިކަލް ފަހަތުގައި އިން ފިރިހެން މީހާ ފައިބައިގެން ގޮސް، އެ އަންހެން މީހާގެ އަތުން ދަބަސް ޖަހައިގަނެގެން ދަނީ އެވެ. އެ މަގުގައި އެވަގުތު ތިބި މީހުން އެ އަންހެންމީހާ އެހީތެރިކަމަށް އެދި ގޮވި އިރު، އަޅާލާ ތަނެއް ނުފެނެ އެވެ.