ކުރީގެ އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު މިނިވަންކުރާނަން: އިބޫ

ސުޕްރީމް ކޯޓުން އަމުރެއް ނެރެ، ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު މިނިވަން ކުރައްވަން އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ސ. މީދޫގައި ވައުދުވެވަޑައިގެންފި އެވެ.


އަންނަ އާދީއްތަދުވަހު ބާއްވާ ރިޔާސީ އިންތިޚާބަށް ޖުލައި 13 ގައި އައްޑޫން ފެށި "ޖަޒީރާ ދަތުރު" ކެމްޕޭން ހަމަ އެ ސިޓީން ނިންމެވުމަށް ވަޑައިގެން އުޅުއްވާ އިބޫ ވިދާޅުވީ އައްޑޫ ދެ ބޭފުޅުން ކަމަށްވާ އަބްދުﷲ ސައީދާއި އަލީ ހަމީދު ޖަލަށް ލީ އިންސާފުން ނޫން ކަމަށެވެ. ޖަލުގައި، ދެ ބޭފުޅުންނަށް އަނިޔާ ދެނީ ބޭއިންސާފުން ކަަމަށް ވިދާޅުވި އެވެ.

"އެއީ ވަކި މީހަކު ބޭނުންވާ ގޮތަށް ކުރި ކަމެއް ނޫން، ފަސް ފަނޑިޔާރުން އިއްތިފާގުވާ ހުކުމެއް،" ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިިނިވަންކުރަން ފެބްރުއަރީ 1 ގައި ކުރެއްވި އަމުރަށް އިޝާރާތް ކުރައްވައި އިބޫ ވިދާޅުވި އެވެ.

އެ އަމުރަށް ފަހު އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކޮށް އުފުލާފައިވާ ދައުވާތަކުގެ ތެރެއިން އަލީ ހަމީދުގެ މައްޗަށް، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމާއި ފުލުހުންގެ ތަހުގީގަށް ފޯނު ނުދިން މައްސަލާގައި ކުރި ދައުވާ ވަނީ ސާބިތުވެފަ އެވެ. އަދި އަބްދުﷲ ސައީދުގެ މައްޗަށް ވެސް މި ދެ ދައުވާ އާއި ދައުލަތް ހިންގުމަށް ހުރަސް އެޅުމުގެ ކުށް ވަނީ ސާބިތުވެފަ އެވެ. އެ މައްސަލަތަކުގައި އެ ދެ ބޭފުޅުންގެ މައްޗަށް ވަނީ 1 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފަ އެވެ.

ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވަނީ ފެބްރުއަރީ 1 ގައި އަމުރު ނެރުނީ ސީދާ އެމަނިކުފާނުގެ ވެރިކަން ވައްޓާލުމަށް ކަމަށެވެ. ފަސް ފަނޑިޔާރުން އިއްތިފާގުވެފައިވީ ނަމަވެސް އެއީ އިދިކޮޅު ޕާޓީތަކުން ރިޝްވަތު ހުށަހަޅައިގެން އެ ދެ ފަނޑިޔާރުން ނެރުއްވި ހުކުމެއް ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ދެ ފަނޑިޔާރުން ހައްޔަރުކުރީ، އިބޫ ތުހުމަތު ކުރެއްވި ގޮތުގައި، މިނިވަން މުއައްސަސާތަކަށް ނާޖާއިޒު ނުފޫޒު ފޯރުއްވައިގެންނެވެ. މާލިއްޔަތު ގާނޫނާއި ކައުންސިލްތަކުގެ ގާނޫނު ފަދަ ގާނޫނުތަކަށް މަޖިލީހުގެ ތެރެއިން އިސްލާހު ގެނައީ ވެސް އެ ބާރުގެ ބޭނުން ކުރައްވައިގެން ކަމަށް އިބޫ ވިދާޅުވި އެވެ.

"ރައީސް ޔާމީން، މުޅި ނިޒާމް މިވަނީ ފުނޑުފުނޑު ކޮށްލާފައި. ރައްޔިތުންގެ މަޖިލީހުގައި ވެސް ތަޅުއަޅުވާފައިވާއިރު، އެ ތަޅު އަޅުގަނޑުމެން 23 ސެޕްޓެމްބަރުގައި ހުޅުވާނަން،" އިބޫ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީސް އަލުން ހުޅުވާނީ، އިދިކޮޅު ޕާޓީތަކުގެ އަޣުލަބިއްޔަތާ އެކުގަ އެވެ.

މީދު އަށް އިބޫގެ ބައެއް ވައުދުތައް؛

- ގިރާ ސަރަހައްދު ހިމާޔަތްކޮށް، ބަނދަރު މަރާމާތުކުރާނަން.

- ސިއްހީ މަރުކަޒުގެ ފެންވަރު މަތިކުރާނަން.

- ހުޅުދޫގައި އޮތް ބޯޅަދަނޑު ރަނގަޅު ފެންވަރަކަށް ތަރައްގީކޮށްދޭނަން.

- ބަންދުކުރި ޕްރައިވެޓް ކެމްޕަސްތައް އަލުން ހުޅުވައި، ޔުނިވާސިޓީގެ ކެމްޕަހެއް ހުޅުދޫގައި ހުޅުވާނަން.

- އާސަންދައިގެ ޚިދުމަތަށް ބޭނުންވާ ހުއްދަ މީދު އިން ލިބޭނެ ގޮތް ހަމަޖައްސާނަން.

- ދަނޑުވެރިންނަށް ސަބްސިޑީ އާއި ލޯނުދީ، އެ ދާއިރާ އިން ނަފާ ހޯދައިދޭނަން.

- ޓޫރިޒަމަށް ބިން ދޫކުރުމުގެ ހުއްދަ ސިޓީ ކައުންސިލަށް ދޭނަން.

އިބޫ ވިދާޅުވި ގޮތުގައި އައްޑޫ ސިޓީގެ ތަރައްގީ އަށް އިދިކޮޅު ޕާޓީތަކުގެ މެނިފެސްޓޯގައި ގިނަ ކަންތައްތަކެއް ހިމަނާފައިވެ އެވެ. އެކަންކަން މިރޭ ހިތަދޫގައި އޮންނަ ޖަލްސާގައި އިއުލާންކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.