އިބޫގެ ވަރުގަދަ މެސެޖެއް ރައީސް ޔާމީނަށް: "ވޯޓާ ނުކުޅުއްވާތި"!

ރިޔާސީ އިންތިޚާބުގެ ވޯޓަކީ ރައްޔިތުންގެ ހައްގެއް ކަމަށް ވިދާޅުވެ، އެ ހައްގު ނިގުޅައިގަތުމަށް "ވޯޓާ ކުޅުއްވަން ނޫޅުއްވާތި" ކަމަށް ވިދާޅުވެ ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު އިންޒާރެއް ދެއްވައިފި އެވެ.


އިންތިޚާބުގެ ކެމްޕޭނަށް ފެއްޓެވި "ޖަޒީރާ ދަތުރު" ނިންމާލެއްވުމަށް އައްޑު އަށް ވަޑައިގެން މީދޫގައި ވިދާޅުވީ އާދީއްތަ ދުވަހުގެ ނަގާ ވޯޓުގެ ނަތީޖާ މިހާރު އޮތީ އެނގިފައި ކަމަށެވެ. މުޅި ރާއްޖެ އޮތީ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން ކަން މަންޒަރުތަކުން ވަރަށް ސާފު ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ރައީސް ޔާމީނަށް ދަންނަވާލާނީ، އިންތިޚާބާ ކުޅެން ނޫޅުއްވާށޭ. އޮޅުވާލަން ކަންތައްތައް ކުރަން ދެން ނޫޅުއްވާށޭ، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބޫ ވިދާޅުވި އެވެ.

"ގާނޫނާ ޚިލާފަށް، ބާރުގެ ބޭނުން ކުރައްވައިގެން އެ ނަތީޖާ ބަދަލުކުރަން ވެސް، ނަމަނަމަ ކަމެއް ކުރަން ނޫޅުއްވާށޭ. ރައްޔިތުން އެ ފުރުސަތެއް ނުދޭނެއޭ."

އިބޫ މިއަދު ސ. ފޭދު އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން މީހުން އެއްވެފައި. --ފޮޓޯ/ އިބޫ

މި އިންތިޚާބު ރައްޔިތުން ހޯދީ، އިބޫ ވިދާޅުވި ގޮތުގައި، ވަރަށް މަސައްކަތުންނެވެ. އޭގެ ތެރޭގައި، އިންތިޚާބު ނުބާއްވަން ސަރުކާރުން ކުރިމަތި ކުރުވި ހުރިހާ ހުރަސްތަކެއްގެ މައްޗަށް ކުރި ހޯދުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"މިހާތަނަށް އިންތިޚާބު އޮޅުވާލަން، ކުރި ހުރިހާ ކަމެއް، އޭގެ ތެރޭގައި ނުފޫޒު ފޯރުވުން ފަދަ ހުރިހާ ކަމެއް އަޅުގަނޑުމެން ގިރާ ކޮށްފިން،" އިބޫ ވިދާޅުވި އެވެ.

މި އިންތިޚާބަށް ރައްޔިތުން ކުރި މަސައްކަތުން، މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ބޭނުންވެފައި ތިބި މިންވަރު ވެސް ހާމަވެފައިވާ ކަމަށް އިބޫ ވިދާޅުވި އެވެ. ބަދަލުތަކެއް ގެންނަން އުއްމީދުގައި ތިބި އެތަކެއް ރައްޔިތުން އާދީއްތަ ދުވަހު ގެއަށް ވަންނާނީ، ވޯޓު ގުނައި ނިމުމުން ނަތީޖާއާ އެކު ކަަމަށް ވެސް ވިދާޅުވި އެވެ.

"ރައްޔިތުން ތިބީ ވޯޓުލައިގެން ވެރިކަން ބަދަލުކުރަން، "ކެތްމަދުވެފައި،" ކަމަށާއި އެ ބަދަލުގެ ފެށުމަކީ އާދީއްތަ ދުވަސް ކަމަށް ވިދާޅުވި އެވެ.

ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައި އިދިކޮޅު ސަޕޯޓަރުން ބައިވެރިވަނީ. --ފޮޓޯ: އެމްޑީޕީ

އިންތިޚާބުގައި އޮޅުވާނުލެއްވުމަށް އިބޫ، ރައީސް ޔާމީނަށް މި ގޮވައިލެއްވީ މިހާރު އޮތް އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުން ނުފޫޒު ފޯރުވައި، ރައީސް ޔާމީނަށް ކާމިޔާބުވާނެ ހުރިހާ ގޮތަކަށް ފަހު ވަގުތު އަމަލުކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުން ދަނިކޮށެވެ. ކުރިން އަމަލުކުރަމުން އަންނަ އުސޫލްތަކާ ޚިލާފަށް އަދި ރައްޔިތުންގެ ހިތުގައި ޝައްކު އުފެދޭ ގިނަ ކަންކަން މި އިންތިޚާބާ ހަމައަށް ކޮށްފައީވީ ނަމަވެސް އިލެކްޝަންސުން ބުނަނީ އިންތިޚާބު މިނިވަން ވާނެ ކަމަށެވެ.