ކޮރަޕްޝަނާ ގުޅުން އޮތް ނަމަ ވެރިކަމަށް ކުރިމައްޗެއް ނުލާނަން: ރައީސް ޔާމީން

ކޮރަޕްޝަނާ ގުޅިފައި ހުރި ނަމަ ރައްޔިތުންނަށް ހިދުމަތްކުރަައްވަން ރައީސްގެ މަގާމަށް ކުރިމަތި ނުލެއްވީސް ކަމަށާއި ރާއްޖޭގައި މިހާރު ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރޭގައި އެ މަނިކުފާނާ ގާތް ކުރާ ވަރުގެ ނަޒާހަތްތެރިކަމެއް ހުރި ބޭފުޅަކު ވެސް ނުހުންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.


ޓީވީއެމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ އެ މަނިކުފާނަކީ "އަމިއްލަ އިންޓެގްރިޓީ ކޮމްޕްރޮމައިޒް ނުކޮށް" މިނިވަންކަމާ އެކު މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ.

އާދީއްތަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި، ރިޔާސީ ދެ ވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް ޔާމީން ވިދާޅުވީ ސިޔާސީ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންނަކީ ކޮންމެވެސް ވިޔަފާރިވެރިއެއްގެ ޖީބު ތެރެއަށް ވެއްޓިވަޑައިގެން އޮންނަވާ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑުގެ އަބުރު ކަތިލަން [އެއްވެސް ބަޔަކު] މަސައްކަތް ކުރާނެ ކަމެއް ނެތް އިނގޭތޯ؟ އެއީކީ ވާނެ ކަމެއް ނޫން. އަޅުގަނޑު މިއަދު މި ހިސާބަށް އަންނާކަށް މިއަދު މި ގޮނޑީގައި އިންނާކަށް ކުރިމަތި ނުލީސް އަޅުނޑުގެ ފަހަތުގައި ކޮރަޕްޝަން އޮތް ކަމަށް ވަންޏާ،" ރައީސް ވިދާޅުވި އެވެ. "އަދި އަޅުގަނޑު މި ގޮނޑި އަށް ކުރިމައްޗެއް ނުލީސް އެއްވެސް މީހެއްގެ، އެއްވެސް ވިޔަފާރިވެރިއެއްގެ ޖީބުގައި އަޅުގަނޑު ހުރި ނަމަކާ. [އެހެންވީމާ] އެއިން މީހަކަށް އަޅުވެތިވާ ގޮތަކަށް އެފަދަ މީހެއްގެ ފަރާތުން އަޅުގަނޑު އެއްވެސް އެހީއެއް ހޯދާފައި ހުރި ނަމަ ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރާކަށް ކުރިމައްޗެއް ނުލާނަން."

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނަކީ "ކެރެކްޓާ ކޮމްޕްރަމައިޒް ކުރައްވާނެ" ބޭފުޅެއް ނޫނެވެ. އެކަމަކު ސިޔާސީ ދާއިރާގައި ތިބި ބައެއް މީހުން "މުއްސަނދިންގެ އަޅުންނަށްވެގެން އުޅުއްވަނީ ކީއްވެތޯ" ރައީސް ސުވާލު އުފެއްދެވި އެވެ.

"އެހެންވީމާ މިއަދު ވެސް މި ދަންނަވަނީ މިހާރު މިއުޅޭ ލީޑަރުންގެ ތެރޭގައި އަޅުގަނޑުގެ ކެރެކްޓާ ނޫނީ އަޅުގަނޑުގެ އިންޓެގްރިޓީއާ ކައިރިކުރާ ވަރުގެ މީހަކު ވެސް ނާންނާނެ އިނގޭތޯ؟" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު ހަމަ ސިންގަލް ހެންޑެޑްލީ ނުކުމެ އަޅުގަނޑު ވެރިކަން ކުރަން ބޭނުންވާ ގޮތަށް މި ކުރަނީ. އަޅުގަނޑު ކުރާ ކަމެއްގައި އަޅުގަނޑަށް ވުރެ މޮޅަށް އެކަމެއް ކުރެވޭނެ ކަމަށް ވިދާޅުވާ ބޭފުޅަކު ހުރިއްޔާ މަޝްވަރާ ދެއްވާ. އެކަމަކު އަޅުގަނޑުގެ ކެރެކްޓާ ނޫނީ އަޅުގަނޑުގެ އިންޓެގްރިޓީ ކޮމްޕްރަމައިޒްވެގެން އެ ދައްކާނެ މީހަކު ނާންނާނެ. އެކަމެއް ނުކުރެވޭނެ އިނގޭތޯ؟ އެއީ ވާނެ ކަމެއް ނޫން."

ރައީސް ޔާމީން ވިދާޅުވި ގޮތުގައި ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް އިހުލާސްތެރިކަމާ އެކު ހިދުމަތްކޮށްދީ، ގައުމު ތަރައްގީކޮށް ކުރިއަރުވާށެވެ. އެގޮތުން އަބަދުވެސް އެންމެ ބޭނުންފުޅުވެވަޑައިގަންނަވަނީ ޗެލެންޖިން، ބޮޑެތި ކަންކަމާ ކުރިމަތިލައްވައިގެން އެ ކަންކަން ހާސިލުކުރައްވަން ކަމަށް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ އެންމެ އުފާވާ އަދި އެންމެ ހިތްހަމަޖެހިވަޑައިގަންނަވާ ކަމަކީ ވެސް ކުރައްވަން ބޭނުންވާ ކަންކަން ހާސިލުވާ ތަން ފެނިވަޑައިގަތުމުން ކަމަށެވެ.

އެހެންވީމާ މިއަދު ވެސް މި ދަންނަވަނީ މިހާރު މިއުޅޭ ލީޑަރުންގެ ތެރޭގައި އަޅުގަނޑުގެ ކެރެކްޓާ ނޫނީ އަޅުގަނޑުގެ އިންޓެގްރިޓީއާ ކައިރިކުރާ ވަރުގެ މީހަކު ވެސް ނާންނާނެ އިނގޭތޯ؟ -- ރައީސް ޔާމީން

އެގޮތުން ބްރިޖް އެޅުމާއި އާ ބޮޑު ރަންވޭއެއް އަޅައި ބޮޑެތި ބޯޓުފަހަރު ޖެއްސުމާއި މާލޭގެ ތޮއްޖެހުން ކުޑަކޮށް ހިތްފަސޭހަ ތަންތަން ގާއިމުވެގެން ދިއުމާއި މާލޭގައި ބޮޑުވެފައި އޮތް ކުނީގެ މައްސަލަ އިންޑަސްޓްރިއަލް ވިލެޖަކާ އެކު ހައްލު ކުރުމާއި ބޯހިޔާވަހިކަމުގެ ދަތިކަން ފިލުވައި ދިނުމާއި ޒުވާނުންނާ ގުޅުން ހުރި ކަންކަމުގައި ކާމިޔާބީތައް ހާސިލުވުމާއި ރާއްޖެއަކީ ކަންކަން އަމިއްލަ އަށް ނިންމުމުގެ ބާރާއި ގާބިލިއްޔަތު އޮތް ގައުމެއްކަން ދައްކުވައި ދެވުމުން އުފާވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ މިހާރު ދުނިޔޭގެ ގައުމުތަކުން ވެސް ބުނާހާ ގޮތަކަށް ކަންކަން ކުރާނެ ގައުމެއް ނޫން ސާބިތުކޮށްދީ، ގައުމުގެ ޝުހުރަތު ނެގެހެއްޓިފައިވާ ކަމަށެވެ.

"އެހެންވީމާ މިހެން ބޮޑެތި މައްސަލަތަކަށް ހައްލު ލިބުމަކީ އަޅުގަނޑު ހަމަ ހަގީގަތުގައި ވެސް އެންމެ އުފާވާ ކަންތައް،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑު ހިތަށް [މިކަންކަން] ހަމަ މީހުންނަށް އެޕްރިޝިއޭޓް ކުރެވޭބާއޭ. ހަނދާން ހުރޭ ބާއޭ މީގެ ފަސް އަހަރު ކުރިން މިކަހަލަ ކަންތައްތައް ހުރި ގޮތް."

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ކަންކަން ކުރެވޭ ކަމުގެ އަޒުމާއި ހިތްވަރު ހުރެގެންނެވެ. އަދި އެހާ އަވަހަށް ބަލި ގަބޫލުކުރުމަކީ އެ މަނިކުފާނުގެ މިޒާޖެއް ނޫން ކަމަށް ވިދާޅުވި އެވެ.

ކޮފީ އާއި ފުޓްބޯޅަ އަށް ވަރަށް ބޮޑަށް ލޯބިކުރައްވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަމިއްލަޒާތީ ދިރިއުޅުމުން ވަރަށް އުފާވެރިވެފައި ހިތްހަމަޖެހޭ ކަމަށެވެ. އަދި ކާފަ ދަރިކަލުންނާ އެކު ވަގުތު ހޭދަކުރުމަކީ ވަރަށް ޝައުގުވެރިވާ ކަމެއް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މާޒީން ދުވަސްތަކެއް އަނބުރާ ގެނެވޭ ނަމަ ކުރަން ބޭނުންވާނެ ކަމަކީ އެކުގައި އުޅުނު މީހުންނާއި ވަކިވެ ދިޔަ މީހުންގެ ޝަހުސިއްޔަތު ދަސްކުރެވޭތޯ ބެއްލެވުމެވެ.

"އެއީ ހަމަ އަޅުގަނޑަށް ނުކުރެވުނު ކަމެއް. ކޮންމެ މީހަކު ވެސް އަޅުގަނޑު ކައިރީގައި އުޅޭ އިރު ގޯސްތަކެއް ހަދަންދެން އެބަ ފުރުސަތު ދެން. އަނެއްކާ ވެސް ރަނގަޅުވީ ކަމަށް ބަލައިފައި ފުރުސަތު އެބަ ދެވޭ. އެހެންވީމާ މީގެ ތެރޭގައި އަޅުގަނޑު ވަރަށް ގިނަ މިސްޓޭކްސް ހަދައިފިން،" ރައީސް ވިދާޅުވި އެވެ. "އެހެންވީ ރަސްމީ މަސައްކަތުގައި އަޅުގަނޑު އެބަހުރި ފިލާވަޅުތަކެއް ހޯދަން ޖެހޭ ކަންކަން."

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނާ އެކު މަސައްކަތް ކުރެވޭނީ "އެފިޝަންޓްކޮށް" މަސައްކަތް ކުރައްވާ ބޭފުޅުންނަށެވެ. އަދި ޑްރީމް ޓީމެއް ނަންގަވާ ނަމަ ކޮންމެ ދާއިރާއަކުން ވެސް ނަގާނީ ކަންކަމަށް ގާބިލް ކިޔަވައިގެން ތިބި މީހުން ކަމަށް ވިދާޅުވި އެވެ. އަދި މަޝްވަރާ ބޭނުންވާ ކަންކަމުގައި މަޝްވަރާ ހޯއްދެވުމަކީ ވެސް ކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ މި ވެރިކަމުގެ ފަސް އަހަރުގެ ދައުރުގެ ތާރީހު ލިޔާ ނަމަ އެ މަނިކުފާނުގެ ދައުރު ލިޔަން ޖެހޭނީ ރައީސަކަށް އެންމެ އުނދަގޫ ދައުރުގެ ގޮތުގައި ކަމަށެވެ. އެގޮތުން އެ މަނިކުފާނަކީ މަގާމުގައި ހުންނަވަނިކޮށް މަރާ އެންމެ ގާތަށް ގެންދެވި ރައީސް ކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނާއި އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީ ދަތުރު ކުރެއްވި ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާއާ ބެހޭ ގޮތުން ރައީސް ވިދާޅުވީ އެ ވާހަކަ އެހާ ބޮޑަށް ދައްކަވަން ބޭނުންފުޅު ނުވާ ކަމަށެވެ. އެކަމަކު އެ ހާދިސާގެ ހުރިހާ ކަމެއް ހިނގައި ދިޔައިރު އެ މަނިކުފާނަށް އެނގިވަޑައިނުގަންނަވާ ކަމަށް ބަޔަކަށް ހީވި ނަމަ އެއީ ވަރަށް ބޮޑު ގޯހެއް ކަމަށް ވިދާޅުވި އެވެ.

"އެއީ އަޅުގަނޑު ވަރަށް ދައްކާ ހިތް ނުވާ ވާހަކައެއް. އަދި އަޅުގަނޑު ގަބޫލެއް ނުކުރަން މިހާރަކު ރާއްޖޭގައި މީހުންގެ ވިސްނުން އައިސްފައި ހުރި ވަރުން އާއިލާއަކަށް ފަރުދަކަށް ދެވޭ މިކަހަލަ އުނދަގޫ ކަމެއް ޝޮކަކީ ރައްޔިތުން މާ ގިނަ ދުވަހު ދައްކާ ވާހަކައެއް ކަމަކަށް،" ރައީސް ވިދާޅުވި އެވެ. "އޭގައި ހުރީ އަޅުގަނޑުގެ ވަރަށް ޕާސަނަލް ޝުއޫރުތަކެއް. ދެން އަޅުގަނޑު ބޭނުމެއް ނޫން އެ ވާހަކަ ރައްޔިތުންގެ ކައިރީގައި ދައްކާކަށް. އެއީ ރައްޔިތުން ތެރޭގައި އެވަރުގެ ރަހުމެއް މިކަހަލަ ކަންކަމުގައި ހުރި ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން."