މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް ބިލް ބަދަލުކޮށްފި

މަސްދަރު ސިއްރު ކުރުމުގެ ހައްގު ގާނޫނުއަސާސީގައި ދީފައިވީ ނަމަވެސް، ޚިޔާލުފާޅުކުރުން ހުއްޓުވާ ބިލްގެ އާ ޑްރާފްޓްގައި މަސްދަރު ހާމަކުރަން ޖެހޭ ހާލަތެއް ހިމަނައިފި އެވެ.


ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ހުށަހެޅުއްވި ޑްރާފްޓުގައިވާ ގޮތުން ނޫސްވެރިޔާ ދިފާއުވުމަށް ލިބޭ އިހްތިޔާރުތަކުގެ ތެރޭގައި ނޫސްވެރިޔަކު އޭނާ އެ ހަބަރު ހޯދި މަސްދަރު ހާމަކުރަން ޖެހިއްޖެ ނަމަ، އެ މަސްދަރު ހާމަކުރަން ވާނީ ސިއްރު މައުލޫމާތެއްގެ ގޮތުގަ އެވެ.

ހަމައެއާ އެކު އެ މައުލޫމާތު ލިބޭ ދައުލަތުގެ މުއައްސަސާއިން މައުލޫމާތުގެ ސިއްރުވެރިކަން އެންމެ ފުރިހަމަ ގޮތުގައި ހިފަހައްޓަން ވާނެ ކަމަށް ވެސް ބިލަށް ހުށަހެޅި އިސްލާހުގައިވެ އެވެ.

ހިޔާލު ފާޅުކުރުން ހުއްޓުވާ ބިލު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުން މިއަދު ކުރިއަށް ދަނީ: މި ރޭ ވެސް މި ކޮމިޓީ ބާއްވާނެ.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މީގެ އިތުރުން މަސްދަރު ހާމަކުރަން ޖެހޭނީ ޝަރީއަތުގެ މަޖިލީހެއްގައި ކަމުގައިވާ ނަމަ، އެ ޝަރީއަތުގެ މަޖިލީހަކީ ސިއްރު މަޖިލީހަކަށް ހަމަޖައްސަންވާނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.

ނަމަވެސް ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައި ވަނީ ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. މީގެ ތެރޭގައި ހަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ހިޔާލުތައް ފާޅުކުރުމާއި، ޝާއިއުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެ އެވެ.

ޝާއިއުކުރާ ނުވަތަ ފަތުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް ވެސް ގާނޫނުއަސާސީގައި ވަނީ ބުނެފަ އެވެ.

އާރިފް ހުށަހެޅުއްވި ޑްރާފްޓްގައި ކުރީގެ ބިލާ ގުޅޭ ގޮތުން މީޑިއާތަކާއި އެ ނޫން ވެސް ފަރާތްތަކުން ފާޅުކުރި އެއްވެސް ކަންބޮޑުވުމަކަށް ހައްލު ހޯދައިދީފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ހުރީ ހިޔާލު ފާޅުކުރުން ހުއްޓުވާ ބިލަށް އިތުރު ބައިތައް ހިމަނައިގެން ހަރުކަށިކޮށް އަދި ފަސޭހަކަމާ އެކު ކުށްވެރިވެދާނެ ފަދަ ގޮތަކަށެވެ.

އަބުރުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ޖައުފަރު ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި. ބިލަށް ބައެއް އިސްލާހުތައް ގެނައިއިރު، ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުގެނޭ. - ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

އެގޮތުން އަބުރާ ބެހުން ކަމަށް ބަލާނީ މީހަކަށް ނިސްބަތްކޮށް، ދައްކާ ވާހަކައެއް، ބުނާ ބަހެއް، ލިޔާ ލިޔުމެއް، ކުރަހާ ކުރެހުމެއް، ތަސްވީރެއް، ކުރާ އިޝާރާތެއް، ދައްކާ ހަރަކާތްތަކެއް، ނުވަތަ އިއްވާ އަޑެއްގެ ސަބަބުން މީހެއްގެ ނަމާއި ގަދަރަށާއި އިއްޒަތަށް އުނިކަން ލިބޭނެ އެއްޗެއް ވިސްނިގެން، ދޭހަކުރެވިގެން، އިހްސާސް ކުރެވިގެން ނުވަތަ ސިފަ ކުރެވިގެންދާ ކޮންމެ ބަހެކެވެ. އަދި ތިން ވަނަ ފަރާތެއްގެ ނަޒަރުގައި ނުވަތަ މުޖުތަމައުގެ ކުރިމަތީގައި މީހެއްގެ ކަރާމާތަށް އުނިކަން ނުވަތަ އިހްސާސް ކުރެވިގެންދާ ކޮންމެ ބަހެއް، ލިޔުމެއް، ކުރެހުމެއް، ތަސްވީރެއް، އިޝާރާތެއް، ހަރަކާތެއް ނުވަތަ އަޑެކެވެ.

ހަމައެއާ އެކު ވަކި މީހަކަށް ނިސްބަތްނުވާ ގޮތަށް މުއައްސަސާއެއްގެ މަސައްކަތަށް ފާޑު ކިޔުމަކުން، އެއީ އެ މުއައްސަސާއެއްގައި އެވަގުތެއްގައި ތިބި ބައެއްގެ އަބުރާ ބެހުން ކަމަށް ނުހިމެނޭނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު މުއައްސަސާގައި ހުރި މީހަކަށް ފާޑު ކިޔައިފި ނަމަ، އެމީހަކު ކުށްވެރިވާނެ އެވެ.

ޑްރާފްޓުގައިވާ ގޮތުން ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތަކުގެ ޝަކުވާ، މީޑިއާގެ ކަންތައްތައް ބަލަހައްޓާ ދައުލަތުގެ މުއައްސަސާއަށް ހުށަހެޅުމުން ނުވަތަ، އަމިއްލަ އިސް ނެގުމަށް މައްސަލަ ބަލާއިރު، ޖަވާބުދާރީވުމުގެ ހައްގާއި ގާނޫނުއަސާސީ އާއި ކަމާ ބެހޭ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ހައްގުތައް، މައްސަލާގައި ހިމެނޭ ދެ ފަރާތަށް ލިބިދޭ ގޮތުގެ މަތިން އެ މައްސަލައެއް ތަހުގީގުކުރަން ވާނެ އެވެ.

އަލީ އާރިފު ހުށަހެޅުއްވި ޑްރާފްޓުގައި ކުރީގެ ބިލާ ގުޅޭ ގޮތުން މީޑިއާތަކާއި އެ ނޫން ވެސް ފަރާތްތަކުން ފާޅުކުރި އެއްވެސް ކަންބޮޑުވުމަކަށް ހައްލު ހޯދައިދީފައެއް ނުވެ އެވެ. އެ ގޮތުން، ކުރިއެކޭ ވެސް އެއްގޮތަށް މީޑިއާތަކުން މި ގާނޫނާ ހިލާފު ވެއްޖެ ނަމަ 50،000 ރުފިޔާ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ. ކުރިން މި ބިލުގައި ނެތް ވަރަށް ނުރައްކާތެރި މާއްދާއެއް ވެސް މިހާރު ވަނީ ހިމަނާފަ އެވެ. އެ ގޮތުން، ކަނޑައަޅާ މުއްދަތުގެ ތެރޭގައި ޖޫރިމަނާ ފައިސާ ނުދައްކާ މީޑިއާތަކުގެ ލައިސަންސް ސަސްޕެންޑް ކުރަން ނުވަތަ ބާތިލް ކުރަން، މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކަށް މަޖުބޫރުވެ އެވެ. އެކަމަކު ވަކިވަކި ނޫސްވެރިންނަށް ވަކިން ޖޫރިމަނާގެ އަދަދުތަކެއް ކަނޑައަޅާފައިވެ އެވެ. އެ ގޮތުން، ވަކިވަކި ނޫސްވެރިން ޖޫރިމަނާ ކުރެވޭނީ 50،000 ރުފިޔާ އާއި 150،000 ރުފިޔާއާ ދެމެދުގެ އަދަދަކުންނެވެ. އެ ޖޫރިމަނާ ނުދައްކައި، މި ޑްރާފްޓްގައި ވެސް ހިމަނާފައި ވަނީ، އިސްތިއުނާފް ނުކުރެވޭ ގޮތަށެވެ. މިއީ ވެސް ކުރިން ނޫސްވެރިން ފާޅުކޮށްފައިވާ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އެ ހާލަތުގައި ކުރިން ވެސް އޮތް ގޮތަށް ތިން މަސްދުވަހާއި ހަ މަސްދުވަހުގެ މުއްދަތަަކަށް އެ ނޫސްވެރިއަކު ޖަލަށް ލެވޭނެ އެވެ.