މެމްބަރު ފަޒާދުގެ ގޮނޑި ގެއްލިއްޖެ

އިދިކޮޅު ފަރާތްތަކާއެކު ގުޅިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ކަނޑައަޅައިިފި އެވެ.


މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބަށް ދެ ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް، ރައީސް އަބްދުﷲ ޔާމީނާއި ސަރުކާރުގެ އަމަލުތައް ގޯސް ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް ފަޒާދަކީ ޕީޕީއެމްގެ ޓިކެޓްގައި 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތް ބޭފުޅެކެވެ. އެ ޕާޓީގެ ސުލޫކީ ކޮމިޓީން އޭނާ ޕާޓީން ވަކިކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު 6 ގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން، ރައްޔިތުންގެ މަޖިލިހަށް އިއްޔެ ފޮނުވާފައިވާ ސިޓީގައިވާ ގޮތުން، ފަޒާދުގެ ނަން ޕީޕީއެމްގެ ދަފްތަރުން އުނިކުރުމާ ގުޅިގެން އޭނާގެ ގޮނޑި ވަނީ ގެއްލިފަ އެވެ. އިލެކްޝަންސް ކޮމިޝަންގެ ސިޓީއާ ގުޅިގެން، މަޖިލިހުގެ ސައިޓުން ވެސް ފަޒާދުގެ ނަން ވަނީ އުނިކޮށްފަ އެވެ.

ފަޒާދަކީ ފުވައްމުލަކުގެ ތިން މެމްބަރުންގެ ތެރެއިން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތް ދެވަނަ މެމްބަރެވެ. ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހު ވެސް މިދިޔަ އަހަރު ޕީޕީއެމުން ވަކިވުމާ އެކު އޭނާގެ ގޮނޑި ގެެއްލިފައިވާ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

ފުވައްމުލަކުގެ މެމްބަރުންގެ ތެރެއިން މިހާރު ޕީޕީއެމްގައި ހުންނެވީ އެ ރަށު ދެކުނު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އެކަންޏެވެ.

ރައީސް ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވައި އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތީ، ގާނޫނީ އިމުން ބޭރުން ގިނަ ކަންތައްތަކެއް ސަރުކާރުން ކުރަމުން ގެންދާތީ ކަމަށް ފަޒާދު ވަނީ ވިދާޅުވެފަ އެވެ.

ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރިއިރު، އެ ހުކުމުގައި އެންޓި ޑިފެކްޝަން ގާނޫނެއް ހަދަން މަޖިލިހުގެ މެމްބަރުންނަށް ލާޒިމްކޮށްފައިވެ އެވެ. އެކަމަކު، މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް މެމްބަރުންގެ އިއްތިފާގުން ނިންމެވި އެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ 1ގެ އަމުރު ނެރުނީ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިއްތިފާގުންނެވެ.

އެކަމަކު، ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމުން، އެ ކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން، ފެބްރުއަރީ 1ގެ އަމުރުގެ ބައެއް ބައިތައް ބާތިލްކޮށް، 12 މެމްބަރުންނާ ގުޅޭ ގޮތުން އޮތް ބަޔަށް އަމަލު ކުރުން މަޑު ޖައްސާލަން އެންގި އެވެ. އަދި މިދިޔަ ޖުލައި 25 ވަނަ ދުވަހު އިދިކޮޅު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން އެ ކޯޓުން ބާތިލް ކުރި އެވެ.