ހޯރަފުށީގައި މިރޭ ބޭއްވި އިބޫގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދެއްކެވުމަށް ފަހު، އިބޫ އާއި ފަޒާދު ސަލާމް ކުރައްވަނީ.---ފޮޓޯ: އެމްޑީޕީ
06 ސެޕްޓެމްބަރ 2018 - 00:06
ރައީސް އަބްދުﷲ ޔާމީނަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވައި އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތީ، ގާނޫނީ އިމުން ބޭރުން ގިނަ ކަންތައްތަކެއް ސަރުކާރުން ކުރަމުން ގެންދާތީ ކަމަށް ފުވައްމުލަކު މެދު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަލީ ފަޒާދު މިރޭ ވިދާޅުވެއްޖެ އެވެ.
މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ކެމްޕެއިން ޖަލްސާއެއް ހއ. ހޯރަފުށީގައި މިރޭ ބާއްވާފައިވާއިރު، އެ ޖަލްސާގައި ފަޒާދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މިއީ އިދިކޮޅު ކެމްޕެއިން ޖަލްސާއަކުން އޭނާ ފެނުނު ފުރަތަމަ ފަހަރު ވެސް މެ އެވެ. އިބޫ ހއ. އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ފަޒާދު ބައިވެރިވެވަޑައިގަންނަވަ އެވެ.
ފަޒާދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކާ މިއަދު ރަސްމީކޮށް ގުޅިވަޑައިގެންނެވި ނަމަވެސް އޭނާ އިދިކޮޅު އިއްތިހާދާ އެކު މަސައްކަތް ކުރައްވާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ގާނޫނީ އިމުން ބޭރުން ކަންކަން ކުރުމާއި ރައްޔިތުންނަށް އޮޅުވައިލުމެވެ.
"ގާނޫނުގައި ލިޔެފައިވީ ނަމަވެސް އެ ގާނޫނަށް އަމަލު ނުކުރާ ބައެއްގެ ފަހަތުގައި ތިބޭނީ ޖާހިލުން. އަޅުގަނޑު ބިރެއް ނުގަނޭ،" ޖޯޝާއި ފޯރީގައި ވާހަކަ ދައްކަވަމުން ފަޒާދު ވިދާޅުވި އެވެ.
ހޯރަފުށީގައި މިރޭ ބޭއްވި އިބޫގެ ކެމްޕެއިން ޖަލްސާގައި ފަޒާދު ވާހަކަ ދައްކަވަނީ.---ފޮޓޯ: އެމްޑީޕީ
އޭނާ ވިދާޅުވިގޮތުގައި، މި އަށް ވުރެ ބޮޑަށް ޒުވާނުންނަށް އޮޅުވައިލި ސަރުކާރެއް ދެކެވަޑައެއް ނުގަންނަވަ އެވެ.
މި ސަރުކާރުން ހުށަހެޅި މެނިފެސްޓޯގައި ސްޕޯޓްސް އެރީނާ ތަކެއް ހަދާނެ ކަން އިއުލާން ކޮށްފައިވީ ނަމަވެސް ރައީސް ޔާމީންގެ ރިޔާސީ ދައުރު ނިމޭއިރު، އެންމެ ރަށެއްގައި ވެސް އެފަދަ އެރީނާއެއް ގާއިމް ނުކުރެވޭ ކަމަށް ފަޒާދު ވިދާޅުވި އެވެ.
"ސްޕޯސްޓް އެރީނާ އަކީ ހަމަ އެކަނި ފުޓްސަލް ދަނޑެއް ނޫން. އެތައް ކުޅިވަރެއް ކުޅެވޭނެ ކަމަށް މެނިފެސްޓޯގައި ހިމަނާފައިވޭ. ރާއްޖޭގެ އެއް ރަށެއްގައި ވެސް އެފަދަ އެރީނާއެއް ނޭޅޭ،" ރިޔާސީ އިންތިޚާބަށް ދެ ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް، ސިޔާސީ ފިކުރު ބަދަލުކުރެއްވިކަން ރަސްމީކޮށް އިއުލާން ކުރެއްވި ފަޒާދު ވިދާޅުވި އެވެ.
ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ދޫކުރާ ގެޓްސެޓް ލޯން ހޯދުމަށް ވެސް ޒުވާނުން ޖެހުނީ އާދޭސް ކުރުމަށް ކަމަށް ފަޒާދު ވިދާޅުވި އެވެ. އެކަމަކު، އެއީ ޒުވާނުން ބޭނުންވާ ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭނުން ވަނީ ވަކި ބަޔަކަށް އާދޭސް ނުކޮށް އުޅެވޭނެ ޖަޒީރާ ރާއްޖެއެއް. އެކަން ކުރެވޭނީ އިބޫ އަށް،" ޖަލްސާގެ ކުރީ ސަފުގައި އިންނެވި އިދިކޮޅު ކެންޑިޑޭޓު އިބޫ އަށް އަތުން އިޝާރާތް ކުރައްވަމުން ފަޒާދު ވިދާޅުވި އެވެ.
ހޯރަފުށީގައި މިރޭ ބޭއްވި އިބޫގެ ކެމްޕެއިން ޖަލްސާގެ ތެރެއިން.---ފޮޓޯ: އެމްޑީޕީ
ފަޒާދު ވިދާޅުވީ، ރަށްރަށުގެ ކައުންސިލްތަކަށް ބާރުވެރިކަން ދިނުމާއި ސިޔާސީ ތަފާތު ފިކުރުތަކަށް ވަޒީފާގެ ފުރުސަތު ލިބުން ފަދަ ކަންކަން ހަމަޖައްސަވައި ދެއްވާނެ ކަމަށް އިބޫ ވައުދުވެ ވަޑައިގަންނަވާއިރު، އާންމުން ބޭނުންވަނީ އެ ކަންކަން ކަމަށެވެ.
އިދިކޮޅު އިއްތިހާދުގެ ޖަލްސާއަކަށް ދިއުމުން، ފުވައްމުލަކު އެސްޓީއޯގެ ޑްރައިވަރު ހޯރަފުއްޓަށް ފޮނުވާލާފައިވާކަން ފާހަގަ ކުރައްވައި ފަޒާދު ވަނީ އެއީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ވަޒީފާގެ ގާނޫނާ ޚިލާފަށް އެތައް މުވައްޒަފުންނަކާ ދޭތެރޭ އަޅަމުންދާ ފިޔަވަޅުތައް ހުއްޓައިލުމަށް ގޮވާލެއްވި އެވެ.
ފަޒާދު އިދިކޮޅު ހަރަކާތްތަކާ ގުޅުމުން އޭނާއާ މެދު ފިޔަވަޅު އަޅައި ޕީޕީއެމުން ވަކިކޮށްދިނުމަށް އެ ޕާޓީގެ ސުލޫކީ ކޮމެޓީއަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. ޕާޓީން ވަކިކުރުމާ އެކު، ފަޒާދު ރައްޔިތުންގެ މަޖިލީހުގައި ތަމްސީލް ކުރައްވާ ފުވައްމުލަކު މެދު ދާއިރާގެ ގޮނޑި ހުސްވާނެ އެވެ.
އެކަމަށް އިޝާރާތް ކުރައްވައި ފަޒާދު މިރޭ ވިދާޅުވީ، ސުލޫކީ ކޮމެޓީން އަޅާނެ އެއްވެސް ފިޔަވަޅަކަށް އޭނާ ބިރު ނުގަންނަވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
06 September 2018
ބިރުނުގަންނަކަން އެގިގެންދާނެ ފިޔަވަޅު އަޅާ ވަކިކުރީމާ ، އޭރުން ތިއީ ބޭކާރު މީހަކަށް ވާނީ އިބޫވެސް ހިއެއްނުވޭ ދެން ބޭނުންވާނެހެން ގޮޑި ގެއްލިފައިވާ މިންބަރެއް
އަޙުމަދު
06 September 2018
ފަޒާދު ތިޔަ ޑެސިސަން ނަގަންވިތާ މާގިނަދުވަސް ވެއްޖެ، އިއްތިހާދުން ފަޒާދު ބަލާގަތް ނަމަވެސް، ޤައުމުގެ ހާލާތު މިދަރަޖަ އަށްގޮސް އިންތިހާބު ބޯމަތިވެ އިދިކޮޅު ފަރާތް ތަކުން އިންތިހާބު ކާމިޔާބުކުރާނެކަން ޔަޤީންވުމާ ހަމައިން ފަޒާދުގެ ތިގޮތަށް ނިންމެވިނަމަވެސް ކުރިއަށް އޮތް މަޖިލިސް އިންތިހާބުގަ ރައްޔިތުން ބަލާގަންނާނެ ކަމާމެދު ޝައްކު. ދެންއަތްޖަހާ.
ސަރީފް
06 September 2018
މީނައަކީ ކޮން ތާއީދެއް އޮތްމީހެއްތޯ ފުރަތަމަ އަމިއްލައަށް ސުވާލުކޮށްބަލަ. ހީވާކަހަލަ ލައްކައޭ.
ޔަންސް
06 September 2018
ފައިސާއަށް ހެއްލުމުން ލިބޭނީ ގެއްލުން. ﷲ ގެ އިރާދަފުޅާއެކު ރައީސް ޔާމީން ހޮވޭނެ. އާމީން
ޕަކާސް
06 September 2018
ދެން ކިޔާ ތިހެން. ތީ އަބަދުވެސް އެމްޑީޕީ ކޮޅައް ހުންނަ މީހެއް ގޮނޑިގެއްލިދާނެތީ ދާން ނުކެރިފަ.
މޮހޯ
06 September 2018
ފަހު ވަގުތުދެއަތް ތަޅާފަ ދުއްވައިގަންނާކަށް ނުވާނެ. މަސައްކަތް ކުރަންވާނީ އިޚްލާސް ތެރިކަމާއި އެކު.
ޓާސް
06 September 2018
ކާށިދޫ ގޮނޑިއަކީ ފުވައްމުލަކު ރައްޔަތުން ކުރިމަތިލާން ހިބައިންދީފައިވާ ދާއިރާއެއްތަ؟؟
އެމްޕީއެލްގެ މުވައްޒަފެއް.
06 September 2018
ސަރުކާރާއި ޚިޔާލުތަފާތުވުމަކީ މައްސަލައެއްނޫން. އަދި، ޕީޕީއެމްއަށް ތާޢީދުނުކުރުމަކީ ވެސް މައްސަލައެއް ނޫން. އެއީ، ﷲ ތަ.؟ އަޖައިބެއް ފަހެނުވާނެ. އަނިޔާވެރިވުމަކީ މީހުން އެންމެ ރުޅިއަރާކަންތައްކަން ނޭގެނީތަ.؟ ބިރުދައްކަން ނޫޅޭ. 23 ގައި ކައިރީގަ ތިބެފަ ކެނޑިޑޭޓް ނަމްބަރ 2 ވޯޓް އަޅާ ފިސާރަ ރަނގަޅަށް މި އަނިޔާވެރި ސަރުކާރު ބަލިކުރާނަން.
އައުލާ
06 September 2018
ކާށިދޫ ގޮނޑި ލިބޭނެ ކަމުގެ ޔަގީންކަން ދިނީމަތޯ ދިޔައީ
ކިޔުންތެރިއެއް
06 September 2018
ކޮންމެމީހަކީވެސް އަލިއްލަނަފުސުގެ މައްޗަށް ބާރުފޯރުވޭފަދަ މީހެއް ކަމުގައިވާންވާނެ