ނޮވެމްބަރު 11 ގައި އިބޫއަށް ހުވާ ކުރެއްވޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް ވަހީދު އެދިވަޑައިގެންފި

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު، ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އިދިކޮޅު ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަންނަ ނޮވެމްބަރު 11 ގައި ރައީސް ކަމުގެ ހުވާކުރެއްވޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ގޮވާލައްވައިފި އެވެ.


ރާއްޖޭގައި އަމަލު ކުރަމުން އަންނަ ގޮތުން، ރިއާސީ އިންތިޚާބު ބާއްވާ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން އާ ރިޔާސީ ދައުރު ގުނަމުން އައި ނަމަވެސް، ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ރިޔާސީ ދައުރު ނިމޭނީ އަންނަ ނޮވެމްބަރު މަހުގެ 17 ގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ބުނެފަ އެވެ. އެއީ ރައީސް ޔާމީން، 2013 ގައި ރައީސް ކަމުގެ ހުވާ ކުރެއްވުން ފަސްވެފައިވާތީ އެވެ. ތަފާތު ސަބަބުތަކާ ހެދި، އިންތިޚާބު ބާތިލްކޮށް އަދި އެ އަހަރު ދެ ފަހަރަށް އިންތިޚާބު ފަސްކުރުމުގެ ސަބަބުން ރައީސް ޔާމީން ހުވާކުރެއްވީ ނޮވެމްބަރު 17 ގަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވަނީ، ރައީސް ޔާމީންގެ ރިޔާސީ ދައުރު ފެށިފައި ވަނީ ނޮވެމްބަރު 11، 2013 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން އޭރު އިއުލާން ކޮށްފައިވާ ކަމަށް ވިދާޅުވެ އެ އިއުލާނުގެ ކޮޕީއަކާ އެކު ޓްވީޓެއް ކުރައްވައިފަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނައިބަކަށް 2008 ގައި އިންތިޚާބުވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު އިސްތިއުފާ ދެއްވުމުން 2012 ގައި ރައީސް ކަމާ ހަވާލުވެވަޑައިގެންނެވި ވަހީދު، ފުއާދުގެ ޓްވީޓަށް ޖަވާބު ދެއްވަމުން ވިދާޅުވީ 2013 ގެ ރިޔާސީ އިންތިޚާބު ފަސްވީ ހައްލު ކުރެވެން ނެތް ކަންތައްތަކެއް ދިމާވެގެން ކަމަށެވެ. އެހެންވެ، ރައީސް ޔާމީންގެ ސިޔާސީ ތަޖުރިބާ އާއި ހެޔޮވިސްނުންފުޅުގެ ތެރެއިން ނޮވެމްބަރު 11 ގައި އިބޫ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް ވަހީދު އެދިވަޑައިގަތެވެ. އަދި އެއީ ދިވެހި ޖުމްހޫރިއްޔާއަށް 50 އަހަރު ފުރޭ ދުވަސް ކަން ވެސް އެމަނިކުފާނުގެ ޓުވީޓުގައި ފާހަގަކުރެއްވި އެވެ.

ވަހީދު ކުރެއްވި ޓްވީޓް---

ރައީސް ޔާމީން ނޮވެމްބަރު، 17، ގައި ވެރިކަމުގެ ހުވާ ކުރެއްވީ، 2013 ގެ ރިޔާސީ އިންތިޚާބުގައި ކުރިމަތިވި މައްސަލަތަކަކާ ގުޅިގެން، ދެ ފަހަރަށް އިންތިޚާބު ފަސްކޮށް، ނޮވެމްބަރު 11 އަށް ރައީސްގެ މަގާމަށް ބޭފުޅަކު އިންތިޚާބު ނުކުރެވުމުންނެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީނާ ވާދަކުރެއްވި، އިބޫ އިންތިޚާބު ކާމިޔާބުކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

ރައީސް ޔާމީން ވަނީ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުފުޅު ކުރައްވައި ނޮވެމްބަރު 17 އާ ހަމައަށް ރައީސް ކަމުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.