ފުލުހުންގެ ބެލުމުގެ ދަށުން، ސައުދު ވެހިކަލަށް އަރައިވަޑައިގަންނަވަނީ. - ފޮޓޯ: މިހާރު
01 އޮކްޓޯބަރ 2018 - 15:16
ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އެ މަގާމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މައްސަލައިގައި ސުޕްރީމް ކޯޓުން އަދުލުވެރި، ހުކުމެއް ވީ އެންމެ އަވަހަކަށް އިއްވައިދެއްވުމަށް އެ ކޯޓުގެ ފަނޑިޔާރުންނަށް ސައުދު މިއަދު ގޮވާލައްވައިފި އެވެ.
ޕީޕީއެމް ދޫކޮށް އިދިކޮޅާ ގުޅުމުން، 12 މެމްބަރެއް މަޖިލީހުން ވަކިވެފައިވާ ކަމަށް، ސުޕްރީމް ކޯޓުގެ އަމުރަކަށް ބިނާކޮށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ސައުދާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)ގެ މައްސަލަ ސުޕްރީމް ކޯޓުން ވަނީ ބަލަން ފަށައިފަ އެވެ.
އެ މައްސަލަތައް މިހާރު ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު އަބްދުލްޣަނީ އާއި ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ސައުދު ވިދާޅުވީ 12 މެމްބަރުންގެ ގޮނޑި ގެއްލުވައިލި ކަމަށް ނިމިގެންދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު، ރައީސް އަބްދުﷲ ޔާމީން އިއުތިރާފްވެވަޑައިގެންނެވި ކަމަށެވެ. ނަމަވެސް، އުއްތަމަ ފަނޑިޔާރު ވަނީ ސައުދުގެ ވާހަކަތައް ހުއްޓުވައި، ސިޔާސީ ގޮތުން އެކި ބޭފުޅުން ދައްކަވާ ވާހަކަތައް މައްސަލަތަކަށް ނިންމާ އިރު، އެ ކޯޓުން ރިއާޔަތް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
ސައުދު ވިދާޅުވި ގޮތުގައި، ވިލިނގިލީ ދާއިރާގެ ރައްޔިތުންގެ ހައްގުގައި، މި މައްސަލައިގައި އަދުލުވެރި ހުކުމެއް ސުޕްރީމް ކޯޓުން އިއްވަން ޖެހެ އެވެ. އަދި މަޖިލިހުގެ މަސައްކަތްތައް ހުއްޓިފައި އޮންނާތީ އެކަމަށް ވެސް އަވަސް ފަރުވާއެއް ހޯދަން ޖެހޭ ކަމަށް ވެސް ސައުދު ވިދާޅުވި އެވެ.
"މަޖިލިސް ހުއްޓިފައި އޮތް މައްސަލަ އަށް އަވަސް ފަރުވާއެއް ހޯދައިދިނުމުގެ ގޮތުން ވީހާ ވެސް އަވަހަކަށް އަދުލުވެރި، އިންސާފުވެރި ހުކުމެއް އިއްވައި ދިނުމަށް އެދެން،" ސައުދު ވިދާޅުވި އެވެ.
ސައުދުގެ ވަކީލު އަލީ ޝާހް ވިދާޅުވީ ސައުދުގެ ގޮނޑިއާ މެދު ނިހާއީ ހުކުމެއް ނީއްވައި އަހަރަކަށްވުރެ ގިނަ ދުވަސްވުމުން ވިލިނގިލި ދާއިރާގެ 6000 އެއްހާ ރައްޔިތުންގެ ހައްގަށް އުނިކަން ލިބިފައިވާ ކަމަށެވެ. އަދި ސައުދުގެ ބަހެއް ނެތި ވަރަށް ގިނަ ގާނޫނުތަކާއި ނިންމުންތައް މަޖިލީހުގެ ތެރެއިން ފާސް ކޮށްފައިވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝާހް ވިދާޅުވި ގޮތުގައި ސައުދު ޕީޕީއެމުން ވަކި ކުރީ އޭޕްރީލް 13، 2017 ގަ އެވެ. އޭގެ ފަހުން، އެ ޕާޓީއާ ސައުދު ދެ ވަނަ ފަހަރަށް ގުޅިވަޑައިގެންފައި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ދައުލަތުގެ ވަކީލުން ވިދާޅުވީ ސައުދު ވަކި ކުރީ މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު ކަމަށެވެ. އެހެންވެ، ހުކުމްގެ ފަހުން ޕާޓީން ވަކި ކުރީމަ ސައުދުގެ ގޮނޑި ގެއްލުނު ކަމަށް ގަބޫލު ކުރައްވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ދައުލަތުގެ ވަކީލުން ވިދާޅުވި ގޮތުގައި، 13 އޭޕްރީލްގައި ސައުދު ވަކި ކުރިކަން ޕީޕީއެމުން ކަށަވަރުކޮށެއް ނުދެ އެވެ. އަދި ޖުލައި 10ގެ ކުރިން، ޕާޓީން ވަކިވާން އިލެކްޝަންސް ކޮމިޝަނަށް ސައުދުގެ ފަރާތުން އެއްވެސް ސިޓީއެއް ހުށަހަޅާފައި ނުވާ ކަމަށް ވެސް ދައުލަތުގެ ވަކީލުން ފާހަގަ ކުރެއްވި އެވެ.
ސައުދުގެ އިތުރުން، ވަހީދުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލައިގައި އަޑުއެހުންތައް މިއަދު ވަނީ ނިންމާލައިފަ އެވެ. ސައުދާއި ވަހީދުގެ ގޮނޑީގެ މައްސަލައިގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުން ކަމަށާއި ވަރަށް އަވަހަށް ހުކުމް އިއްވުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އަޑުއެހުން ބާއްވާނެ ތާރީހެއް އުއްތަމަ ފަނޑިޔާރު ވިދާޅެއް ނުވެ އެވެ.
ހަތަރު މެމްބަރުންގެ މައްސަލަ ސުޕްރީމް ކޯޓުގެ އާ ބެންޗުން ވަކި ވަކިން ބަލަމުން އަންނަ އިރު، ކޮންމެ މައްސަލައެއްގައި އޮންނާނީ އެންމެ އަޑުއެހުމެއް ކަމަށް ބެލެވެ އެވެ.
މި މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތަކެއް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ އޭރުގެ ފުލް ބެންޗުން މީގެ ކުރިން ބާއްވާފައިވެ އެވެ. އަދި އެ މައްސަލަ ބަލައި ނިންމިކަން ވެސް އޭރު ކޯޓުން އިއުލާންކުރި އެވެ. ނަމަވެސް ހުކުމަކާ ހަމައަށް ގޮސްފައެއް ނުވެ އެވެ.
ނަމަވެސް ފެބްރުއަރީ 1 ގައި، 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމާއި ސިޔާސީ ބައެއް ކުށްވެރިން ދޫކުރަން ނެރުނު އަމުރާ ގުޅިގެން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރި ޖިނާއީ އެއް ދައުވާ ސާބިތުވެ، މަގާމުން ވަކިވުމާ ގުޅިގެން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަނީ ސުޕްރީމް ކޯޓަށް އައްޔަންކޮށްފަ އެވެ.
އެހެންވެ، މިއީ އެ މެމްބަރުންގެ މައްސަލަތައް ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ހުކުމްކޮށްފައިވާތީ އާއި ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައިވާތީ އިޖުރާއަތުތައް ފުރިހަމަކުރުމުގެ ގޮތުން ބާއްވާ އަޑުއެހުންތަކެކެވެ.
މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ލަތީފާއި އަމީތާއި ސައުދާއި ވައްޑެގެ އިތުރުން އެހެން އަށް މެމްބަރެއްގެ ގޮނޑި ވެސް ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެކޭމީހާކިޔާމީހާ
02 October 2018
ސިޔާސީގޮތުންނަމަވެސް މީހަކުދެއްކިވާހަކައެއް ވާނީ ދެއްކިވާހަކައަކަށެވެ. އަދި އެވާހަކައަކީ ހަދައިގެންދެއްކި ދޮގުވާހަކައަކަށްވާނަމަ، ޝަރީޢަތެއްގެ މަރުޙަލާގައި އެމީހާ ޙާޟިރުކޮށް ދެއްކިވާހަކައިގެ ތެދުދޮގު އޮޅުންފިލުވައި، އޭގެމައްޗަށް ރިޢާޔަތްކޮށް އެމީހާއެވާހަކަދެއްކީ ހަދައިގެންކަމުގައިވާނަމަ، އެވާހަކަދެއްކިމީހެއްގެހެކި ޝަރީޢަތެއްގައި ބަލައިގަންނާނެތޯއެވެ. ސިޔާސީމީހުން ދޮގުހަދައިގެން މީހުންގެޙައްޤު ނިގުޅުވައިގަތަސް ޝަރީޢަތަށް އޯކޭވަނީބާވައެވެ!
އަހަންމާބެ
01 October 2018
ޢަދުލުވެރިވެވޭ ވަރު ކޮށްދެވިއްޖެތަ؟ ކުރިންތިބި މީހުން ޢަދުލުވެރިވިގޮތް އެއޮތީ ފެންނަން، ދެން މިހާރު ތިބި މީހުންނަށްވެސް އެވަރަށް ޢަދުލުވެރިވެވޭނީ އެވަރުކޮށްދީގެން ކަމަށް ފެނޭ!
ޙުސެން
01 October 2018
މަޖުލިސް މެމްބަރުން ވަނީ ތިބުނާ ސްޕުރީމް ކޯޓުގެ ޔާމިން ބުނެގެން މެމްބަރުން ގޮނޑި ގެއްލުވާ ހުކުމް އައުމުގެ ކުރިން ވަކިވެފަ ތިބި މެމްބަރުން ވީމާ ޢަދުލުއިންސާފުން ހުކުމް ކުރަންޏާ ގޮނޑި ނުގެއްލޭނެ. ޕާރޓީން ވަކިވާން ޕާރޓީގެ މެމްބަރަކު ލިޔުމުން ހުށަހެޅީމަ އެހިސާބުން ވާކިވާ ގޮތަށް އޮންނަނީ. ޕާރޓީން ވަކިނުކުރަންޏާ އެއީމައްސަލައެއް.އެހެންވާނަމަ މަގާމަކުން އިސްތިއުފާ ނުދެވޭނެ އެއްޕާރޓީން އަނެއްޕާރޓީއަށް އެކަކަށްވެސް ނުދެވޭނެ.