ރައްޔިތުން ޝައްކު ނުކުރައްވާ، ރައީސް ކަމުގެ ހުވާ ކުރައްވާނީ އިބޫ: ގާސިމް

ރައްޔިތުންގެ ފަހު ބަސް އިއްވުމުން ކުރެވޭނެ އިތުރު ކަމެއް ނޯންނާނެ ކަމަށާއި ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސް ކަމުގެ ހުވާ، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކުރައްވާނެ ކަމާ މެދު ރައްޔިތުން ޝައްކު ނުކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު އެދިވަޑައިގެންފި އެވެ.


މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އޮޅުވާލި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އާ ދެކޮޅަށް ވެރިކަން ކުރާ ޕީޕީއެމުން ވަނީ މާލޭގައި މުޒާހަރާތަކެއް ފަށައިފަ އެވެ. ޕީޕީއެމްގެ ބައެއް މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި، އިންތިޚާބުގެ ނަތީޖާ ބާތިލް ކުރުމަށް ފަހު، ދެ ފުށް ފެންނަ އިންތިޚާބެއް ބާއްވަން ޖެހެ އެވެ. އެކަމަކު، އީސީން ތަކުރާރުކޮށް ބުނަމުން ދަނީ ނަތީޖާ އޮޅުވާލާފައި ނުވާނެ ކަމަށެވެ.

ގާސިމް މިއަދު ރާއްޖެ ވަޑައިގެން، އޭނާގެ އާއިލާއާއެކު ވަޑައިގަންނަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އަހަރަކަށް ވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި އުޅުއްވުމަށް ފަހު، ރާއްޖެ ވަޑައިގެން ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ ރާއްޖޭގެ އޮއިވަރާއި މަންޒަރު ބަދަލު ކުރީ ދިވެހި ރައްޔިތުން ކަމަށެވެ. އަދި ރައްޔިތުން ނުކުމެ، ފަހު ބަސް އިއްވުމުން، އޭގެ ފަހުން "ބަޑި ބަޑި ޖަހަން އުޅުނަސް" ދެން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ނުސީދާކޮށް ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވަމުން، ގާސިމް ވިދާޅުވި ގޮތުގައި، "ތެޅުނު ވަރަކަށް ދެން ދާނީ ހުޅުނބެ"ވެ.

ރައްޔިތުންނަށް ވަރަށް ބޮޑަށް ހިތްވަރު ދެއްވައި ވާހަކަ ދައްކަވަމުން، ގާސިމް ވަނީ އެއްވެސް މީހަކު މާޔޫސްނުވެ، ގާނޫނީ ހަމަތަކުގެ މަތީގައި ދެމިތިބުމަށް އެދިވަޑައިގެންފަ އެވެ. ރައްޔިތުން އަނިޔާ އާއި ފަސާދަ އާއި ކޮރަޕްޝަނާއި ނާއިންސާފު ބަލައިނުގަންނަ ކަން ސާފުވެވަޑައިގެންފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް މިއަދު މާލެ ވަޑައިގެން، އާންމުންގެ މީހަކާ އެކު ސެލްފީއެއް ނަންގަވަނީ. - ފޮޓޯ: ނިޝާން އަލީ/ މިހާރު

އެހެންވެ، ރައްޔިތުންގެ ނިންމުމާ ދެކޮޅުވެ، ދެން ސިފައިންނާއި ފުލުހުންނާއި ޖުޑިޝަރީން ވެސް ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ކަންކަން ނުކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

އިންތިޚާބުގެ ނާކާމިޔާބީއަކީ ރައްޔިތުން ދިން އަދަބެއްގެ ގޮތުގައި ރައީސް ޔާމީން ސިފަކުރައްވާފައިވާތީ ރައްދު ދެއްވަމުން ގާސިމް ވިދާޅުވި ގޮތުގައި "ރައީސް ޔާމީނަށް ރައްޔިތުން އަދަބެއް ނުދެ" އެވެ. އެކަމަކު، ރައްޔިތުން، ރައީސް ޔާމީން ދޫކޮށްލެއްވީ ވިޔާނުދާ އަދި އަނިޔާވެރިކޮށް ކަންތައްތަކެއް ކުރެއްވުމުން ކަމަށް ގާސިމް ވިދާޅުވި އެވެ.

ރާއްޖޭގެ ވެރިކަން ވަކި ބޭފުޅަކާ ރައްޔިތުން ހަވާލުކުރަނީ، އެ ރައްޔިތުން ބޭނުންވާ ކަންކަން ކުރަން ކަމަށާއި މަޝްރޫއުތަކާއި ކަންކަން ކަމަކީ، އެ ބޭފުޅަކު ހެޔޮހިތުން ރައްޔިތުންނަށް ކޮށްދޭ ކަން ކަމެއް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"ލޯތްބާއި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރާ މީހަކު ރައްޔިތުން ދޫކޮށް ނުލާނެ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހްމު އުފައްދައި ހަމަޖެހުން ނަގާލުމަށް ދައްކާ ވާހަކަތައް އެއްވެސް ރައްޔިތަކު ގަބޫލު ނުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ހުރިހާ ކަމެއް ސުލްހަވެރިކަމާއެކު ކުރިއަށް ދާނެ ކަމަށާއި ނޮވެމްބަރު 11 އަކީ އިބޫ ހުވާ ކުރައްވާނެ ދުވަސް ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި، ރައީސް ޔާމީން އުޅުއްވީ ވެރިކަމަށް ކުރިމަތިލައްވާނެ ހެން ހީވާ ކޮންމެ ބޭފުޅަކު ޖަލަށްލައިގެންނެވެ. ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނެ ތިން އަހަރަށް ގާސިމް ޖަލަށް ލާން ހުކުމް ކުރިއިރު، އޭނާ އެފަދަ ކުށެއް ކުރައްވާފައި ނުވާނެ ކަމަށް ވިދާޅުވާ ވިދާޅުވުމުން މިއަދުވެސް ތަކުރާރު ކުރެއްވި އެވެ.

އަލީ ވަހީދު މިއަދު އެއާޕޯޓުގައި. އޭނާ ރާއްޖެއިން ބޭރުގައި ތިން އަހަރަށްވުރެ ގިނަ ދުވަހު ހުންނެވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ގާސިމާއެކު ރާއްޖެ ވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ރައީސް އަލީ ވަހީދު ވިދާޅުވީ އިންތިޚާބުން ކާމިޔާބު ލިބުމުގެ އަސްލަކީ ރައްޔިތުން ކަމަށެވެ. ގާސިމަށް ތައުރީފް ކުރައްވައި އަލީ ވަހީދު ވިދާޅުވި ގޮތުގައި ގާސިމަކީ ޑިމޮކްރަސީގެ ހަޔާތުގައި އެންމެ މުހިންމު ތަނބެވެ. އެގޮތުން ގާސިމްގެ ކުންފުނި، ވިލާ އަށާއި އާއިލާއަށް ބޮޑެތި ދުށްތުރާތަކެއް ކުރިމަތި ކުރުވި ކަން އަލީ ވަހީދު ފާހަގަ ކުރެއްވި އެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ގެއަށް ދިއުމަށް ރައްޔިތުން ނިންމީ ވަރަށް ބޮޑު އަޣުލަބިއްޔަތަކުންނެވެ. ކުރިއަށް އޮތް ތަނުގައި ގާސިމާއި އޭނާ އާ ހައްޔަރު ކުރިޔަސް، ކަންބޮޑުވެވަޑައިނުގަންނަވާ ކަމަށާއި "އުފުރާލަން ޖެހޭ މީހާ ރައްޔިތުން އުފުރާލާފައިވާ" ކަމަށް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ގާސިމްގެ މައްޗަށް ތިން އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ގާސިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގަތީ ސެޕްޓެމްބަރު 6، 2017 ގަ އެވެ. ސިންގަޕޫރުން ބޭސްފަރުވާ ކުރެއްވުމަށް ފަހު، އޭނާ ވަކި ހިސާބަކުން ޖަރުމަނަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދެވި ގޮތަށް އުޅުއްވީ ޖަރުމަނުގަ އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދެވީ، 2015 ވަނަ އަހަރުގެ މޭމަހު މާލޭގައި ބޭއްވި "މޭޑޭ" ބޮޑު މުޒާހަރާ އަށް ފަހު ޖަލު ބަންދުގައި ދުވަސްކޮޅަކު ހޭދަކުރެއްވުމަށް ފަހުގަ އެވެ.

ގާސިމާއި އަލީ ވަހީދު ރާއްޖެ ވަޑައިގަތުމުން، ގުޅިފައިވާ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުން ދެ ބޭފުޅުންނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ.