ގޯތި ވިއްކަން އުޅެނީ ފުރައްސާރައަކަށްވާ ގޮތަށް: މާރިޔާ

ހުޅުމާލޭން ގޯތި ވިއްކަން ހައުސިން މިނިސްޓްރީން އިއުލާނުކުރީ ރައްޔިތުންނަށް ފުރައްސާރައަކަށްވާ ގޮތަށް ކަމަށް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.


މާރިޔާ ބާއްވަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި ގޯތި ވިއްކަން ހުޅުވާލުމަކީ ރައްޔިތުންނަށް ފުރައްސާރަކުރުމުގެ އަމަލެއް ކަމަށެވެ. އެހެންވެ ވަކި ބަޔަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް އެ ކަންކަން ކުރިއަށް ނުގެންދިއުމަށް މާރިޔާ އެދިވަޑައިގެންނެވި އެވެ. އަދި މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ރައްޔިތުން ނިންމި ނިންމުމަށް ފުރައްސާރަނުކުރަން ހައުސް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ގޮވައިލެއްވި އެވެ.

ހައުސިން މިނިސްޓްރީން ވަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ދޫކުރަން މިއަދު ނިންމައިފަ އެވެ. މާލޭ ރައްޔިތުންނަށް ހާއްސަކޮށްފައިވާ އެ ފުރުސަތުގެ ދަށުން ގޯއްޗެއް ވިއްކަން ހަމަޖައްސާފައިވަނީ ހަތަރު ލައްކަ ރުފިޔާ އަށެވެ.

ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވެވަޑައިގެން، ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތް ފެށިފައި ވަނިކޮށް މި މަޝްރޫއު ފެށީ، މި މަރުހަލާގައި އެއްވެސް މަޝްރޫއެއް ނުހިންގަން އިންތިޚާބީ ރައީސްގެ އޮފީހުން މުއައްސާތަކުގައި އެދިފައި ވަނިކޮށެވެ. އެހެންވެ އެކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ސަމާލުކަމަށް ގެންނާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ރައްޔިތުންނަށް ފުރައްސާރަ އެ ކުރައްވަނީއޭ ހީވާގޮތަށް އެކަަން އެގޮތަށް ނުކުރައްވާ، ރައްޔިތުންނަށް އިހުތިރާމްކުރައްވައިގެން އުޅުއްވަން ދަސްކުރައްވަން ޖެހޭ. ކިތަންމެ މޮޅު ވަޒީރެއްގެ ގޮތުގައި ހުންނެވިކަމުގައި ވިޔަސް ރައްޔިތުންނަށް އިހުތިރާމްކުރުމަކީ ހަމަ ގައިމު ވެސް ދައުލަތުގެ ކޮންމެ މަގާމެއްގައި ހުންނެވި ބޭފުޅަކު ވެސް ދަސްކުރަންޖެހޭ ކަމެއް. އެހެންވީމާ އެގޮތަށް އެ ބޭފުޅާ [ހައުސިން މިނިސްޓަރު މުއިއްޒު]ގެ އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވަން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ފަސް އަހަރު ދުވަސް ވެގެން ދިޔަ އިރު ވެސް މި ބިން މިގޮތަށް އޮތް ކަމަށާއި އެހެންވެ މި ގޮތަށް ކަންތައް ކުރުމަކީ ފުރައްސާރައެއް ކަމަށެވެ.