އިންސާފުގެ މަގަށް ކުރި ދަތުރު ކާމިޔާބު އެބަވޭ: ވައްޑެ

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބަށް ފަހު، ދައުލަތުގެ މުއައްސަސާތައް މިނިވަންވެ، އަދުލު އިންސާފުގެ މަގަށް ކުރި ދަތުރު ކާމިޔާބުވަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) މިއަދު ވިދާޅުވެއްޖެ އެވެ.


ވައްޑެގެ ގޮނޑިއާ މެދު ސުވާލު އުފެދިފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން، އޭނާގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމާ ގުޅިގެން އެ ކޯޓުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވައްޑެ ވިދާޅުވީ ހުކުމުގެ ސަބަބުން އެންމެ ބޮޑު އުފަލެއް ލިބިވަޑައިގަތީ ދާއިރާގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުވެގެން ދިއުމުން ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު، ވައްޑެ ކޯޓުން މިއަދު ނުކުމެވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވައްޑެ ވިދާޅުވި ގޮތުގައި، މިއީ އޭނާ އަށް ލިބިވަޑައިގަތް ކާމިޔާބީއަކަށް ވުރެ ބޮޑަށް ދާއިރާގެ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެކެވެ. ވޭތުވެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި ތުލުސްދޫ ދާއިރާ އަށް ވަޑައިގަތުމުގެ ފުރުސަތު ނުދީ، ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން ހިފަހައްޓާފައި އޮތް އޮތުމަށް ނިމުމެއް އައިސްފައިވާތީ އެކަމާ ވެސް އުފާ ކުރައްވާ ކަމަށް ވައްޑެ ވިދާޅުވި އެވެ.

ވައްޑެ ވިދާޅުވީ ރިޔާސީ އިންތިޚާބަށް ފަހު މުއައްސަސާތަކަށް ވަރަށް ބޮޑު މިނިވަން ކަމެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އަދި އިންސާފު ލިބޭނެ ކަމާއި އަނިޔާވެރިކަން ނިންމައި އަދުލު އިންސާފުގެ މަގަށް ކުރި ދަތުރު ކާމިޔާބުވާކަން ސާބިތުވަމުންދާ ކަމަށް ވެސް ވައްޑެ ވިދާޅުވި އެވެ.

ރައީސް ޔާމީނަށް މާފް ކުރައްވާނަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން، ވައްޑެ ވިދާޅުވީ މާފު ކުރުމާއި ނުކުރުމަކީ ދާއިރާގެ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށެވެ.

"ދާއިރާގެ މެމްބަރެއްގެ ގޮތުގައި ކަނޑައެޅީ ރައްޔިތުން. އެހެންވީމަ ރައްޔިތުން މާފު ކުރުމާއި ނުކުރުން އެއީ އަޅުގަނޑުގެ ކިބައިގައި އޮތް ކަމެއް ނޫން،" ވައްޑެ ވިދާޅުވި އެވެ.

ވައްޑެ ވިދާޅުވި ގޮތުގައި އަނިޔާވެރިކަމަކީ ދާއިމީ އެއްޗެއް ނޫން ކަން މިހާރު ދަނީ އެނގެމުންނެވެ. އަދި އިދިކޮޅު 12 މެމްބަރަކަށް މަޖިލިހަށް ނުވެންނެވޭނެ ކަމަށް ވިދާޅުވެ، ބައެއް ބޭފުޅުން އަޑު އުފުލި ކަމުގައިވިޔަސް، އެއީ ރަނގަޅަށް ވިދާޅުވި ވާހަކައެއް ނޫން ކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވައްޑެ ވިދާޅުވީ 12 މެމްބަރުންނަށް މަޖިލިހަށް ނުވެންނެވޭނެ ކަމަށް ޕީޕީއެމްގެ މެމްބަރުން ނިންމަވައިގެން ތިއްބެވީ ގަދަބާރު ދެއްކުމުގެ ނިޔަތުގައި ކަމަށެވެ. އަދި ޕީޕީއެމްގެ ބައެއް މެމްބަރުންގެ ވާހަކަތަކުން އަނިޔާވެރިކަމުގެ ހައްދެއް ނެތް ކަން އެނގިގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއް އަހަރާއި ދެ މަހެއްހާ ދުވަސް ވަންދެން މަޖިލިހަށް ވެންނެވުމުގެ ފުރުސަތު ވައްޑެ އަށް ދީފައި ނުވާތީ ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތް ކުރައްވާނަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ވައްޑެ ވިދާޅުވީ ގެއްލުމުގެ ބަދަލާ ދޭތެރޭގައި މަޝްވަރާކޮށްފައި އެ ހޯދަން ދައުވާ ކުރައްވާނެ ކަމަށެވެ.

ވައްޑެގެ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ޕީޕީއެމާއި އިލެކްޝަންސް ކޮމިޝަނުން ގޯސްކޮށް ނިންމާފައިވާ ނިންމުން ދިފާއު ކުރުމުގައި ބަންޑާރަ ނައިބުގެ އޮފީހުން 14 މަސް ދުވަހު ހުންނެވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށެވެ. އަދި ބަންޑާރަ ނައިބަކީ ދައުލަތުގެ އެންމެ މަތީ މަސްލަހަތު ދިފާއު ކުރުމުގައި ހުންނަވަން ޖެހޭ ބޭފުޅެއް ކަމަށް ހިސާން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނީ ވައްޑެ ޕީޕީއެމުން ވަކިވީ ސުޕްރީމް ކޯޓުގެ ހުކުމްގެ ކުރިން ކަން "ސާފުކަން ބޮޑު ގޮތެއްގައި" އެނގެން އޮންނަ ކަމަށެވެ. އަދި ވައްޑެގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައެޅީ ހުކުމްގެ ކުރިން ވައްޑެ ކުރެއްވި އަމަލެއްގެ މައްޗަށް ބިނާކޮށް ކަމަށް ހުކުމުގައިވެ އެވެ.

އެހެންވެ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އިއްވެވި ހުކުމުގައި ވަނީ ވައްޑެގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި، ބައި އިލެކްޝަން ބޭއްވުމަށް އެ ކޮމިޝަނުން ނިންމި ނިންމުން ބާތިލު ކުރުމަށެވެ. އަދި ވައްޑެގެ ގޮނޑި ހުސް ނުވާ ކަމަށް ފަނޑިޔާރުން ކަނޑައެޅުއްވި އެވެ.