މާރާމާރީގައި ޒަހަމްވި ދެ ޒުވާނުން ސީރިއަސް ހާލަތެއްގައި

އައްޑު އާއި މާލޭގައި ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލަދީ، ޒަހަމް ކޮށްލާފައިވާ އައްޑޫ ދެ މީހުންގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.


އައްޑޫ މަރަދޫގައި މިދިޔަ ހޮނިހިރު ދުވަހު ހިންގި މާރާމާރީގައި ޒަހަމް ކޮށްލާފައިވާ އުމުރުން 22 އަހަރުގެ މުހައްމަދު އީވާނަށް އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނައިރު، އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ޒުވާނާއަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށެވެ.

"އޮޕަރޭޝަނެއް ވެސް ކޮށްފި. ހާލު ވަރަށް ސީރިއަސް،" އީވާންގެ ހާލަތާ ގުޅޭ ގޮތުން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އީވާންގެ ބުރަކައްޓަށާއި ކަރަށް އަދި ބޮލަށް ވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީފަ އެވެ. ފުއްޕާމެއަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައި ކަމަށް ހޮސްޕިޓަލުން ބުނެ އެވެ.

އެ މާރާމާރީއާ ގުޅިގެން އައްޑޫން ފަސް ޒުވާނަކު ވަނީ ހައްޔަރުކޮށްފަ އެވެ. އީވާނަށް ހަމަލާދީފައިވަނީ ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ކަމަށް ފުލުހުން ބުނެ އެވެ.

މާލޭގައި ރޭ ހިންގި މާރާމާރީގައި މެއަށް ވަޅިހަރައި ޒަހަމް ކޮށްލާފައިވާ ޝާން 19، އަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭގެ އައިސީޔޫގަ އެވެ. އެ ހޮސްޕިޓަލުން ބުނީ އެ ޒުވާނާގެ ހާލު ވެސް ވަރަށް ސީރިއަސް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

މަޖީދީމަގުން އޮލިމްޕަސް ކައިރީގައި ރޭ ހިންގި މާރާމާރީގައި ޝާން ޒަހަމްކޮށްލާފައި ވަނިކޮށް، ނަގާފައިވާ ފޮޓޯ އިން ފެންނަ ގޮތުގައި، ވަޅި ހެރުމުން އޭނާ މަގުމައްޗަށް ވެއްޓިފައި އޮތްއިރު، ބިންމަތީގައި ވެސް ވަނީ ލޭކޯރު ދެމިފަ އެވެ. ކައިރީގައި ސައިކަލެއް ވެއްޓިފައި އޮތެވެ.