ސިނާނާއި އަބްޅޯގެ ގޮނޑީގެ މައްސަލައިގެ ޝަރީއަތް ބުރާސްފަތި ދުވަހު ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ތިބި އިދިކޮޅު އަށް މެމްބަރުންގެ ތެރެއިން ދެ މެމްބަރެއްގެ ގޮނޑީގެ މައްސަލައިގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށަން ތާވަލް ކޮށްފި އެވެ.


މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވި ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ އަހަރު ކަނޑައެޅި އެވެ. އޭގެ ތެރެއިން، ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް އިއްޔެ ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ބާކީ ތިބި އަށް މެމްބަރުންގެ ތެރެއިން މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދުގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމައި، ކޯޓުން މިހާރު ވަނީ ޗިޓް ފޮނުވައިފަ އެވެ. ދެން ތިބި ހަ ބޭފުޅުންގެ ޝަރީއަތް ބާއްވާ ދުވަހެއް އަދި ސާފެއް ނުވެ އެވެ.

ގޮނޑި ގެއްލުނު ކަމަށް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމްގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ.

އެ ހުކުމާ އެކު، ދެން ތިބި އަށް މެމްބަރުންގެ ގޮނޑި ވެސް ނުގެއްލޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފަ އެވެ.

އެ މައްސަލަތައް ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް، 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް މިދިޔަ ހަފުތާގައިި އިލެކްޝަންސް ކޮމިޝަނުން ނިންމި އެވެ. އެކަމަކު ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެ، ކޮމިޝަންގެ އެ ނިންމުން ބާތިލްކޮށް، އެކަމުގައި ގޮތެއް ނިންމޭނީ އެ ކޯޓަށް އެކަނި ކަމަށް ކަނޑައަޅައިފަ އެވެ.