އަބްދުﷲ ސައީދާއި އަލީ ހަމީދަށް ކުރި ރިޝްވަތުގެ ދައުވާ ބާތިލްކޮށްފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރި ރިޝްވަތުގެ ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.


މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ހައްޔަރުކޮށް، އެކި ދައުވާތައް އުފުލާފައިވާ އަބްދުﷲ ސައީދާއި އަލީ ހަމީދަށް ރިޝްވަތުގެ ދައުވާ ދައުލަތުން ކުރީ އެ ދެ ބޭފުޅުންނާ ގުޅުން ހުރި ފަރާތްތަކަކުން މެލޭޝިއާ އިން ގަނެފައިވާ ފްލެޓްތަކަކަށް ވިލާ ކުންފުނިން ފައިސާ ދެއްކި ކަމަށް ބުނެ އެވެ. އެ މައްސަލައިގައި ކުރީގެ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް ވެސް ދައުލަތުން ކުރި އެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދުގެ އިތުރުން ހަސަން ސައީދަށް ކުރި އެ ދައުވާ ކްރިމިނަލް ކޯޓުން މިއަދު ބާތިލްކުރީ ހުށަހަޅާފައިވާ ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު އެ ދައުވާ ކުރިއަށް ގެންދެވެން ނެތުމުންނެވެ.

އެ ތިން ބޭފުޅުންނަށް ކުރި ދައުވާ ބާތިލް ކުރިއިރު، އެ ބޭފުޅުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތުގައި ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދުގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ވެސް ކްރިމިނަލް ކޯޓުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ. އެ ދައުވާ ވެސް ބާތިލްކުރީ އެ ތިން ބޭފުޅުންނަށް ރިޝްވަތު ދިނުމުގެ ގޮތުން، އެ ބޭފުޅުންނާ ގުޅުންހުރި ފަރާތްތަކުން ގަތް ފްލެޓްތަކަށް ވިލާއިން ފައިސާ ދެއްކި ކަން އެނގޭނެ ހެކި ދައުލަތުން ހުށަހަޅާފައި ނެތުމުންނެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދާއި ހަސަން ސައީދަށް ކުރި ރިޝްވަތުގެ ދައުވާ ބާތިލް ކުރިއިރު، އެ ބޭފުޅުން މިހާރު ވެސް ގެންދަވަނީ އެހެން މައްސަލަތަކެއްގައި ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ. އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ، ތިން އަހަރަށް ވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އައިސްފައިވާއިރު، ހަސަން ސައީދުގެ މައްޗަށް އެއް ދައުވާ ސާބިތުވެ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް ވަނީ އައިސްފަ އެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާއެއް ވެސް ކުރެ އެވެ. އެކަމަކު އެ މައްސަލަ އަދި ނުނިމެ އެވެ.