ގޯތި ވިއްކުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިއްޖެ

ހުޅުމާލެ އިން 400 ގޯތި ވިއްކުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި މިއަދު އެދިއްޖެ އެވެ.


ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400،000 ރުފިޔާގެ މަގުން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކާލަން ހުޅުވާލައި، ގާނޫނާއި ގަވާއިދާ ޚިލާފަށް ވަކި ބަޔަކަށް ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކަންތައްތަކެއް ކުރިއަށްދާ މައްސަލަ ހުއްޓުވައިދޭން ސިވިލް ކޯޓަށް ހުށަހެޅީ އެޓާނީ ޖެނެރަލް އޮފީހުގެ ކުރީގެ ސީނިއާ ވަކީލެއް ކަމަށްވާ މަރިޔަމް ސުނާނާ އެވެ.

ސުނާނާ ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ހުޅުމާލެ އިން ގޯއްޗަށް އެދުމަށްޓަކައި ފޯމު ބަލައިގަތުމަށް ހައުސިން މިނިސްޓްރީން ނިންމާފައިވާ އުސޫލަކީ ގާނޫނުއަސާސީ އާއި ގާނޫނީ އުސޫލްތަކާ ޚިލާފު އުސޫލެއް ކަމަށެވެ. އެ އުސޫލު އޮތީ ބޯހިޔާވަހިކަމުގެ ފުރުސަތަށް އެދެން ބޭނުންވާ ގިނަ ރައްޔިތުންތަކެއް އެ ފުރުސަތުން މަހްރޫމްވާ ގޮތަށް ކަމަށް، މައްސަލާގައިވެ އެވެ. އަދި އެ އުސޫލަކީ، ރެ އާއި ދުވާލު ނިދުމާއި ކެއުމާއި ޒަރޫރީ އެހެން ބޭނުންތައް ކުރުން މަހްރޫމްވާނެ ފަދަ ލާއިންސާނީ އަނިޔާ ލިބޭ ގޮތަށް އެކުލަވާލާފައިވާ އުސޫލެއް ކަމަށް ވެސް އެ މައްސަލައިގައި ބުނެފައިވެ އެވެ.

ސުނާނާ އެދިވަޑައިގެންފައި ވަނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދައުވާ އަށް ވަކި ގޮތެއް ކަނޑައެޅެންދެން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯއްޗަށް ފޯމު ބަލައިގަތުމާއި އިވެލުއޭޓް ކުރުމާއި ގުރުއަތުލުން ވަގުތީ ގޮތުން ހުއްޓުވަން ހައުސިން މިނިސްޓްރީ އަށް އަމުރުކޮށްދިނުމަށެވެ.

ވަގުތީ އަމުރަކާ ނުލައި އަސްލު މައުޟޫއީ ދައުވާ ލަސްވެގެން ހިނގައްޖެ ނަމަ، ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ނުރައްކަލާއިި ގެއްލުން ކުރިމަތިވެދާނެ ކަމަށް ވެސް މައްސަލައިގައިވެ އެވެ.

ހުޅުމާލެ އިން ގޯތި ވިއްކަން ހުޅުވާލުމާ އެކު އޭސީސީން ވަނީ އެކަމުގައި ހިމެނޭ މައްސަލަތަކެއް ބަލައިފަ އެވެ. އެ މައްސަލަތަކާ ގުޅިގެން އޭސީސީން އަންގާފައި ވަނީ ގޯތިދޫކުރުމާ ގުޅޭ އާ އުސޫލެއް އެކުލަވާލައި އަލުން އިއުލާންކޮށްގެން ކުރިއަށް ގެންދިއުމަށެވެ.

އެނގިފައިވާ ގޮތުގައި، އޭސީސީގެ އެންގުމާ ޚިލާފަށް، ގޯތި ވިއްކުން ކުރިއަށް ގެންދާތީ، އެކަން އެގޮތަށް ނުކުރަން އޭސީސީން ވަނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަށް އިއްޔެ އަންގައިފަ އެވެ. އެކަން އެގޮތަށް ކުރިއަށް ގެންދާނަމަ ކޯޓަށް ގޮސްގެން ހުއްޓުވާނެ ކަން ވެސް އޮތީ އަންގައިފަ އެވެ.