ބޮން ގޮއްވަން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހަކު ދޫކޮށްލައިފި

މާލޭގައި ބޮން ގޮއްވަން އުޅުމުގެ ތުހުމަތުގައި މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ފަހުކޮޅު ހައްޔަރު ކުރި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު، ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.


އެ ހަތަރު މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކުރިން އަމުރުކޮށްފައިވާ ބައެކެވެ. އެނގިފައިވާ ގޮތުގައި އެ ދެ މީހުން ކޯޓުން ދޫކޮށްލީ އެ މީހުންގެ ސިއްހީ ހާލަތަށް ރިއާޔަތް ކޮށްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް ވަނީ އެ މައްސަލާގައި ދެ މީހަކު ދޫކޮށްލަން އަމުރު ކުރުމުން ދޫކޮށްލާފައިކަން ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ. އެހެންކަމުން އެ މައްސަލަ އިސްތިއުނާފު ކުރާކަން ނުވަތަ ނޫންކަން ވެސް ވަނީ އަދި ނޭނގެ އެވެ.

ޓެރަރިޒަމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތަކެއް ހިންގަން އުޅުމުގެ ތުހުމަތަށް ފުލުހުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ހަތަރު ތަނެއް ފާސްކުރި އެވެ. އެއީ މއ. ކިނާރާ ހައުސް އާއި މއ. އެނބޫގައި ހުންނަ އެޓިކް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ އޮފީހާއި މއ. ނަމޫނާގޭގެ އިތުރުން މ. ވޯލްނަޓް ކިޔާ ގެ އެވެ. އެ ތަންތަން ބަލައ ފާސްކުރުމަށް ފަހު ހައްޔަރު ކުރީ ހަތަރު ދިވެހި ފިރިހެނެކެވެ.

ފާސްކުރި ބައެއް ތަންތަނުން، މައްސަލައާ ގުޅުން ހުރި ބައެއް ތަކެތި ވެސް ފުލުހުން ހޯދި އެވެ. އޭގެ ތެރޭގައި، ބޮން ހެދުމަށް ބޭނުންކުރާ ކެމިކަލް އާއި އެހެން ބައެއް ސާމާނު ހިމެނެ އެވެ. އެ މީހުން ހައްޔަރުކޮށްފައި ވަނީ ބޮން ހެދުމުގެ ކުރިންނެވެ.

އެ އޮޕަރޭޝަނުގައި ފާސްކުރި ވޯލްނަޓްގެ އަކީ، ސަލްޓަން ޕާކް ބޮމުގެ ހަމަލާ އަށް ފަހު ފިލައިގެން ޕާކިސްތާނަށް ގޮސް އުޅުމަށް ފަހު ވަގު ޕާސްޕާޓެއްގައި ލަންކާ އަށް ގޮސް އުޅެނިކޮށް ހައްޔަރު ކުރުމަށް ފަހު ދޫކޮށްލާފައި ހުރި މީހަކު އުޅޭ ގެއެކެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންނަކީ އިސްލާމިކް ސްޓޭޓް (އައިސިސް) އަށް ތާއީދުކޮށް، ރާއްޖެ އިން ބޭރަށް ހަނގުރާމަ އަށް މީހުން ފޮނުވުމުގައި ޝާމިލްވާ ބައެއް މީހުންނެވެ. އޭގެ ތެރެއިން އެކަކީ ސީރިއާގެ ހަނގުރާމާގައި ބައިވެރިވާން އަނބިމީހާއާ އެކު ރާއްޖެ އިން ފުރަން އުޅެނިކޮށް ހައްޔަރުކުރި މީހެކެވެ. އަދި ޓްވިޓާގައި ޓެރަރިޒަމަށް ހިތްވަރުދީ ލިޔުންތައް ލިޔާތީ ޓްވިޓާ އިން ވެސް އޭނާ ވަނީ ސަސްޕެންޑް ކޮށްފަ އެވެ.