އިންތިޚާބު ބާތިލްކުރަން ފުލުހުންގެ ދޮގު އިންޓެލިޖެންސް ރިޕޯޓެއް ނެތް ކަމަށް ފުލުހުންގެ ބަޔާނެއް މުހިއްމު: ނަޝީދު

ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންނެވި ރިޔާސީ އިންތިޚާބު ބާތިލްކުރަން ހެކީގެ ގޮތުގައި ފުލުހުންގެ ދޮގު އިންޓެލިޖެންސް ރިޕޯޓެއް ނުހިމެެނޭނެ ކަމަށް ބުނެ ފުލުހުންގެ ފަރާތުން ބަޔާނެއް ދިނުން ވަރަށް މުހިއްމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ މަހުގެ 23ގައި ބޭއްވި އިންތިޚާބުގައި ރައްޔިތުން ނިންމި ގޮތް، ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވައި ނާކާމިޔާބުވެވަޑައިގެންނެވި ރައީސް ޔާމީން ވަނީ ބަލައިގެންފައި ކަމަށެވެ. އެހެންވެ، އެ އިންތިޚާބު ކާމިޔާބުކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަންނަ މަހުގެ 11 ވަނަ ދުވަހު ހުވާކުރައްވަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އިންތިޚާބާ ގުޅޭ މައްސަލަތަކެއް ހުރި ކަމަށް ބުނެ އެ އިންތިޚާބު ބާތިލްކުރަން ރައީސް ޔާމީން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ ބަލައިގަނެ އަންނަ އާދިއްތަ ދުވަހު ވަނީ އެ މައްސަލައާ ގުޅޭ އަޑުއެހުމެއް ބާއްވަން ތާވަލުކޮށްފަ އެވެ. ކޯޓަށް މައްސަލަ ހުށަހެޅި އިރު ފުލުހުން ދިން މައުލޫމާތުގެ މައްޗަށް ވެސް ބެލުމަށް ފަހުގައި ކަމަށް ޕީޕީއެމްގެ ވަކީލުން ވަނީ ބުނެފަ އެވެ.

ނަޝިދުގެ ޓްވީޓް

މީގެ ކުރިން 2013 ވަނަ އަހަރުގެ އިންތިޚާބު ބާތިލްކުރަން ހުށަހެޅި ހެކިތަކުގެ ތެރޭގައި ފުލުހުންގެ ރިޕޯޓެއް ހިމަނާފައިވެ އެވެ. އެފަހަރު ސުޕްރީމް ކޯޓުން ވަނީ އިންތިޚާބު ބާތިލްކޮށްފަ އެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓު ކަރުދާހުގެ މައްސަލަތަކެއް އުޅޭކަމަށް ބުނެ ކޯޓުގައި ހެކި ބަސް ދިނުމަށް، އެ ކަރުދާސްތައް ޗާޕުކުރި އެމް ސެވަން ޕްރިންޓާސްގެ މުވައްޒަފުންނަށް ޕީޕީއެމުން ރިޝްވަތު ހުށަހެޅި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަަށް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް އެއްވެސް މީހަކަށް ރިޝްވަތު ދީފައިނުވާނެ ކަމަށް އެ ޕާޓީން ބުންޏެވެ.