ބިދޭސީ ޑޮކްޓަރުންނާއި ނަރުހުން މަދު ކުރެވިފައެއް ނުވޭ: އޮޑިޓް

ދިވެހި ޑޮކްޓަރުންނާއި އަޅާބަލާއިރު ބިދޭސީ ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު 2014 އިން 2016 އަށް މަދެއް ނުކުރެވޭ ކަމަށް ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.


ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކުރުމުގެ މަގްސަދު ހާސިލްވެފައިވާ މިންވަރާ ގުޅޭ ގޮތުން އޮޑިޓް އޮފީހުން އާދިއްތަ ދުވަހު ނެރުނު ޕާފޯމަންސް އޮޑިޓްގައި ބުނެފައި ވަނީ ޑޮކްޓަރުންނާއި ނަރުހުންގެ ދާއިރާ އިން ކިޔެވުމަށް ގިނަ ފުރުސަތުތަކެއް ސަރުކާރުން ހޯދައިދިން ކަމަށެވެ. އެކަމަކު ވެސް ތަމްރީނުވި ދިވެހިންގެ އަދަދަށް މާބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.

އެ ރިޕޯޓުގައިވާ ގޮތުން، 2014-2016 އަށް ދިވެހި ޑޮކްޓަރުންގެ ނިސްބަތަކީ 21 ޕަސެންޓެވެ. މި މުއްދަތުގައި، ބިދޭސީ ނަރުހުންގެ ނިސްބަތް އުޅެނީ 53 ޕަސެންޓުގަ އެވެ.

އޮޑިޓް އޮފީހުން ބުނީ 2014 ގައި ރާއްޖޭގައި 465 ބިދޭސީ ޑޮކްޓަރުން ތިބިއިރު، ދިވެހި ޑޮކްޓަރުންގެ އަދަދަކީ 138 ކަމަށެވެ. އަދި 2015 ވަނަ އަހަރު 537 ބިދޭސީ ޑޮކްޓަރުން ތިބިއިރު އެ އަހަރު ތިބި ދިވެހި ޑޮކްޓަރުންގެ އަދަދަކީ 121 ކަމަށެވެ. މީގެއިތުރުން، 2016 ވަނަ އަހަރު 538 ބިދޭސީ ޑޮކްޓަރުން ރާއްޖޭގައި ތިބިއިރު ދިވެހި ޑޮކްޓަރުންގެ ގޮތުގައި ޚިދުމަތް ދެމުން ދިޔައީ 139 ދިވެހި ޑޮކްޓަރުން ކަމަށް ވެސް ރިޕޯޓުގައިވެ އެވެ.

ނަރުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2014 ވަނަ އަހަރު ރާއްޖޭގައި 842 ބިދޭސީ ނަރުހުން ތިބިއިރު، ދިވެހި ނަރުހުންގެ ގޮތުގައި 946 މީހަކު ދިޔައީ ހިދުމަތް ދެމުންނެވެ. އަދި 2015 ވަނަ އަހަރު 967 ބިދޭސީ ނަރުހުން ތިބިއިރު 1031 ދިވެހި ނަރުހުން ތިއްބެވެ. ދެހާސް ފަނަރަ ވަނަ އަހަރު ބިދޭސީ 955 ނަރުހުން ތިބިއިރު ދިވެހި ނަރުހުންގެ ގޮތުގައި 1214 މީހަކު ދިޔައީ ހިދުމަތް ދެމުންނެވެ.

ނަރުހުންނާއި ޑޮކްޓަރުން ތަމްރީނު ކުރުމަށް އެކަށޭނަ މަސައްކަތްތަކެއް ސަރުކާރުން ކޮށްފައިވީ ނަމަވެސް ސްކޮލާޝިޕްތަކާއި ލޯނުތައް ހޯދައިގެން އެ ދާއިރާއިން ކިޔެވި މީހުންގެ އަދަދު މަދުކަން އޮޑިޓްގައި ފާހަގަ ކޮށްފައިވެ އެވެ.