އެޗްޑީސީން ރައީސް ޔާމީންގެ ކެމްޕޭނަށް މިލިއަނުން ހޭދަކުރި!

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މާލީ ތަނަވަސްކަން ވަރަށް ބޮޑަށް ދަށްވި އެއް ސަބަބަކީ، ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެމްޕޭނަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކުރުން ކަން ފަޅާ އަރަައިފި އެވެ.


ބޮޑެތި ހޭދަތަކުގެ ސަބަބުން މާލީ ދަތިކަމާ ކުރިމަތިވެފައިވާ އެޗްޑީސީން މިހާރު ވަނީ އަމިއްލަ އޮޑިޓެއް ވެސް ފަށައިފަ އެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހިން 400،000ރ.ގެ މަގުން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކަން ސަރުކާރުން ނިންމީ، އެޗްޑީސީ އަށް މާލީ ދަތިތަކެއް ކުރިމަތިވުމާ ގުޅިގެން އެކަމަށް ހައްލެއް ހޯދުމަށެވެ. މި ހާލަތަށް ކުންފުނި ވެއްޓުނީ، އެ ކުންފުނިން ހިންގަމުން އައި މަޝްރޫއުތަކުގެ އިތުރުން، ޕީޕީއެމްގެ ކެމްޕޭނަށް ގަވާއިދާ ޚިލާފަށް ކުރި ހޭދަތަކާ ހެދި އެވެ. މި ތުހުމަތު ކުރާ މީހުންގެ ތެރޭގައި ކުންފުނީގެ އިސް މުވައްޒަފުން ވެސް ހިމެނެ އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭނަށް ބޮޑެތި ހޭދަތަކެއް އެޗްޑީސީން ކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތައް އެ ކުންފުނިން މިހާތަނަށް ދޮގެއް ނުކުރެ އެވެ. އަދި، އެޗްޑީސީ އޮޑިޓާ ގުޅޭ ގޮތުން އެ ތަނުގެ އެއްވެސް ވެރިއަކު ރަސްމީކޮށް އެއްޗެއް ވިދާޅެއް ނުވި އެވެ. އެކަމަކު އޮޑިޓް ކުރަމުންދާ ކަން، އެޗްޑީސީން ވަނީ ބައެއް މީޑިއާތަކުގައި ބުނެފަ އެވެ.

ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވެވަޑައިގަތް އިންތިޚާބުގައި ޕީޕިއެމްގެ މައި ޖަގަހަ އަކީ އެޗްޑީސީ ކަމަށް ހަދައިގެން، ކެމްޕޭނަށް ޚަރަދުކުރި ގޮތާއި ބައެއް ތަފްސީލުތައް އިތުބާރު ހުރި ފަރާތަކުން ވަނީ "މިހާރު"އާ ހިއްސާ ކުރައްވައިފަ އެވެ. އެ މައުލޫމާތުތަކުގައި، ކެމްޕޭނަށް ހޭދަވީ ފައިސާގެ ސައްހަ އަދަދެއް އެނގެން ނަމަވެސް މިލިއަނުން ހޭދަކޮށްފައިވާ ކަން ބައެއް ލިޔެކިޔުންތަކުން އެނގެ އެވެ.

ހުޅުވާލާފައިވާ ބަޖެޓަކުން އެޗްޑީސީން ކެމްޕޭނަށް ކުރި ޚަރަދުތަކުގެ ތަފްސީލް ދެއްވަން، "މިހާރު" އަށް ވާހަކަ ދެއްކެވި ބޭފުޅާ ފެއްޓެވީ، ޕީޕީއެމްގެ ހުޅުމާލެ ކެމްޕޭން އޮފީސް ހުޅުވި ހިސާބުންނެވެ. އިންތިޚާބުގެ ދެ މަސް ކުރިން، ހެދި އެތަނުގެ ވެސް ހުރިހާ ޚަރަދެއް ކުރީ އެޗްޑީސީން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ އޮފީހުގެ ސެޓަޕް ހެދުމާއި ފޯން ލައިންތަކާއި ނެޓްވޯކާއި އެސްއެމްއެސް ޕޯޓަލްތަކާއި ކޮމްޕިއުޓަރާއި އެހެން ފޮތް ފަންސުރަށް ދާންދެން ވެސް އެޗްޑީސީގެ ބަޖެޓުން ހޯދާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފޮޓޯފުޅު ހަރުކުރަން އެޗްޑީސީން ހެދި ބޯޑެއްގައި، އިދިކޮޅު ކެންޑިޑޭޓާއި ރަނިން މޭޓުގެ ޕޯސްޓަރެއް ހަރުކުރުމުން އެޗްޑީސީގެ ދެ މުވައްޒަފަކު އެ ޕޯސްޓަރު ނައްޓާލަނީ. --ފޮޓޯ/ސޯޝަލްމީޑިއާ

ކެމްޕޭން އޮފީހަށް ވަގުތީ މުވައްޒަފުންތަކެއް ނެގި ނަމަވެސް މައިގަނޑު މަސައްކަތްތަކުގައި ހަރަކާތްތެރިވީ އެޗްޑީސީގެ މުވައްޒަފުންނެވެ. އެ ހުރިހާ އެންމެންގެ ވެސް މުސާރަ އާއި އިތުރުގަޑި އެޗްޑީސީގެ ބަޖެޓަށް ފެއްތި އިރު އެ މީހުންގެ މަސައްކަތަކީ ޕީޕީއެމްގެ ނަމުގައި އެސްއެމްއެސް ފޮނުވުމާއި މީހުންނަށް ގުޅުމާއި ދޮރުން ދޮރަށް ހިނގުމުގެ އިތުރުން ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވުމެވެ.

ޕީޕީއެމް އޮފީހަށް ނެގި މުވައްޒަފުން އިތުރު ގަޑީގައި ވެސް މަސައްކަތް ކުރަން ޖެހުނު ކަން ފާހަގަކުރައްވައި ވިދާޅުވީ އާއްމުކޮށް، 10،000ރ. ލިބޭ މުވައްޒަފުންނަށް ކެމްޕޭން އޮފީހުގައި މަސައްކަތް ކޮށްގެން އިތުރުގަޑީގެ ގޮތުގައި، 30،000ރ. ލިބިފައި ހުރި ކަމަށެވެ. ކެމްޕޭންގެ އެންމެ ފަހު ދުވަހު ވެސް އެ އޮފީހަށް ގިނަ އަދަދެއްގެ މުވައްޒަފުން ވެއްދި އިރު އެ އެންމެންގެ އެލަވަންސް ވެސް ހަމަޖެއްސީ އެޗްޑީސީގެ ބަޖެޓުންނެވެ.

ހުޅުމާލެ ވަށައިގެން ހޮޅިދަނޑިތަކުގައި ޖަހާފައިވާ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯފުޅުތައް ޕްރިންޓްކޮށް، ދަގަނޑުން ފްރޭމެއް ހަދައި އެ އަށް ކަރަންޓް ދިނީ ވެސް އެޗްޑީސީގެ ޚަރަދުގަ އެވެ.

ކެމްޕޭންގައި އެންމެ ބޮޑު ޚަރަދެއް ހިނގީ، މުވައްޒަފުންގެ ކެއުންބުއިމަށެވެ.

"ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 40،000-50،000 ރުފިޔާ ހޭދަވި ތިން އިރުގެ ކެއުމަށް. އެ ވެސް އެޗްޑީސީގެ ބަޖެޓުން ހޭދަކުރާ ގޮތަށް ހަމަޖައްސާފައި އޮތީ،" "މިހާރު" އަށް ވާހަކަ ދެއްކި ބޭފުޅާ ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމްގެ ނަންފުޅުގައި، ބޭއްވި ޚިތާނީ ކޭމްޕަށް ވެސް އެޗްޑީސީން ބޮޑެތި ހޭދަތަކެއް ކުރި ކަމަށް ތުހުމަތު ކުރެ އެވެ. އެކަމަކު އެ ހޭދަކުރީ ހަމައެކަނި އެޗްޑީސީއަކުން ނޫނެވެ. ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް އެކަމަށް ހޭދަކޮށްފައިވެ އެވެ.

ރައީސް ޔާމީނަށް ތާއީދު ހޯދަން ހުޅުމާލޭގައި ޕީޕީއެމުން ބޭއްވި ކެމްޕޭން ހުރިހާ ހަރަކާތެއް ވެސް އިންތިޒާމް ކުރީ އެޗްޑީސީންނެވެ. އެ ތަނުގެ މުދަލާއި ވަސީލަތްތައް ބޭނުންކޮށްގެން ޖަލްސާތައް ބާއްވާފައިވާ އިރު، އެ ޖަލްސާތަކުގައި ބޭނުންކުރަން ސްޕީކަރުތަކާއި ސައުންޑް ސިސްޓަމް ވެސް ހޯދީ އެޗްޑީސީން ޚަރަދުކުރާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ޚިތާނީ ކޭމްޕް އެކަންޏެއް ނޫން. އީދު ފާހަގަކުރުމާއި ކުޑަކުދިންގެ ހަވީރުތަކަށް ވެސް ހަދިޔާބެހުން ވެސް އެޗްޑީސީގެ ބަޖެޓުން ހޭދަކޮށްފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

މިކަންކަން ހިނގާފައި ވަނިކޮށް، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ގޯތި ވިއްކުމާ ދެކޮޅަށް، އެޗްޑީސީގެ 169 މުވައްޒަފަކު ސޮއިކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް މިދިޔަ ހަފުތާގައި ހުށަހެޅި ޕެޓިޝަންގައި ވެސް ކުންފުނީގެ ވިޔަފާރި ހިންގަން ޖެހޭނީ ކަނޑައެޅިފައިވާ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަން ފާހަގަކޮށްފައިވެ އެވެ. އަދި އެ ކުންފުނީގެ އަމާޒު އެ މިސްރާބުން ނެއްޓިފައިވާ ކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށްފައިވެ އެވެ.

އޭސީސީގެ އޮފިޝަލަކު ވިދާޅުވީ މުވައްޒަފުން ހުށަހެޅި ޕެޓިޝަންގައި ހިމެނޭ ހުރިހާ ކަމެއް އަންނަނީ ބަލަމުންނެވެ.

އެ ޕެޓިޝަންގައި މުވައްޒަފުން ބުނެފައިވާ ގޮތުގައި، މާލީ ހާލަތު ރަނގަޅު ކުރަން ގޯތި ވިއްކަން ނިންމާފައިވާއިރު، އެކަން ކޮށްގެން އެއްފަހަރާ ކުންފުންޏަށް ލިބޭނީ 10،000،000ރުފިޔާ އެވެ. އެއީ ކުންފުނި މިހާރު އޮތް ހާލަތުން އަރައިގަނެވޭ ވަރަށް ވުރެ ކުޑަ އަދަދެއް ކަން ވެސް ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ.