37 މިލިއަން "ފެނަށް"، އެމްޑަބްލިއުއެސްސީގެ ޖަވާބެއް ނެތް!

މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކުރި މަޝްރޫއަށް 34 މިލިއަން ރުފިޔާ ހޭދަކުރިއިރު، އެކަން ނާކާމިޔާބުވި ސަބަބާ މެދު އެ ކުންފުނިން ވާހަކައެއް ނުދެއްކި އެވެ.


ވާރޭ ވެހުމާ އެކު މާލޭގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރަން ހަތަރު ފިޔަވައްސަކަށް ބަހާލައިގެން 2014 ގައި ފެށި މަޝްރޫއުގައި ފެން ހިންދުމުގެ ނިޒާމު ވަރުގަދަކުރަން ޕަންޕްތައް ބެހެއްޓުމާއި މަރާމާތުކުރުން ވެސް ހަވާލުކުރީ އެމްޑަބްލިއުއެސްސީއާ އެވެ.

މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރިއިރު ވެސް މައްސަލަ ހައްލެއް ނުވި އެވެ. ބޯކޮށް، ވާރޭ ވެހޭ ދުވަސްތަކުގައި ކުރިއެކޭ އެއްގޮތަށް މާލޭގެ ގިނަ ސަރަހައްދުތަކެއް އޮންނަނީ ފެނު އަޑީގަ އެވެ. ވޭތުވެދިޔަ ދެތިން ދުވަހު، އާއްމުންނަށް ވަނީ މި ތަކުލީފު އުފުލަން ޖެހިފަ އެވެ.

މި މައްސަލައިގައި، އާއްމުން ރުޅިގަދަވުމުން، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފެންބޮޑުވުމުގެ މައްސަލަ ހައްލު ނުވީ އެ މަޝްރޫއުގެ ދަށުން ބެހެއްޓި ޕަމްޕްތަކެއް ބަޔަކު ގަސްތުގައި ހަލާކު ކޮށްލުމުންނެވެ. މިއީ، ޒިންމާދާރު ޖަވާބެއް ނޫން ކަމަށް ބުނެ، މި މައްސަލައިގެ ފާޑުކިއުން އަދިވެސް ނުނިމެ އެވެ.

މި މަޝްރޫއު ނާކާމިޔާބުވީ ސަބަބެއް އެމްޑަބްލިއުއެސްސީއަކުން އަދި ނުބުނެ އެވެ. ތަފްސީލުތައް ހޯދަން، އެދުމުން މީޑިއާއާ ވާހަކަ ދައްކަން އެ ކުންފުނިން ބޭނުމެއް ނުވި އެވެ.

މަޝްރޫއުގެ ތަފްސީލުތައް އާއްމުކުރައްވައި މިނިސްޓަރު މުއިއްޒު ކުރެއްވި ޓުވީޓް.

ބަޔަކު ޒިންމާ ނުނެގިއަސް، ހައުސިން މިނިސްޓަރު މުއިއްޒު ރޭ އޭނާގެ ޓްވީޓްގައި އާއްމުކުރެއްވި މި މަޝްރޫއާ ގުޅޭ ތަފްސީލުތަކުން އެނގުނީ 34 މިލިއަން ޚަރަދުކުރި މަޝްރޫއަށް ބަޔަކު އިހުމާލުވެފައިވާ ކަމެވެ.

މުއިއްޒުގެ ޓްވީޓްގައި ހިމެނޭ މައުލޫމާތުތަކުގައިވާ ގޮތުން، އެމްޑަބްލިއުއެސްސީއާ ހަވާލުކުރީ މާލޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 15 ޕަމްޕު ބަހައްޓާށެވެ. މި މަޝްރޫއުގެ ހަތަރު ވަނަ ފިޔަވަހީގެ މަސައްކަތް އަދިވެސް ހިނގަމުން އަންނަ ކަމަށް އެ މައުލޫމާތުތަކުގައިވެ އެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އައި ނަމަވެސް މައްސަލަ ހައްލު ނުވާނެ ކަން ވޭތުވެދިޔަ ދެތިން ދުވަހު މާލެ އޮތް ހާލަތުން ވަނީ ސާފުވެފަ އެވެ.