ހަތަރު މިލިއަން ހޭދަކުރީ ބޮޑު ޖަލްސާއަށް މީހުން އުފުލަން، އެއް މިލިއަން ދައްކައިފި

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) އަށް ދަރާފައި އޮތް 4.8 މިލިއަން ރުފިޔާ އަކީ ރައީސް އަބްދުﷲ ޔާމީންގެ ކެމްޕޭންގައި މާލޭގައި ބޭއްވި ބޮޑު ޖަލްސާ އަށް މަތިންދާބޯޓުގައި މީހުން އުފުލަން ކުރި ހޭދައެއް ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.


ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި، މޯލްޑިވިއަން ހިންގާ އައިއޭއެސްގެ އޮފިޝަލަކު މިއަދު ވިދާޅުވީ، އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ ޕީޕީއެމުން މިހާރު ދައްކާފައިވާ ކަމަށެވެ.

"އެ މީހުން އެއް މިލިއަން ދައްކާފައި، އަނެއް ބައި އަންނަ ހަފުތާގައި ދައްކާނަމޭ ބުނީ،" އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އެ ޕާޓީގެ ކެންޑިޑޭޓު ރައީސް ޔާމީންގެ ކެމްޕެއިންގެ ބޮޑު ޖަލްސާއަށް މާލެ ސަޕޯޓަރުން އުފުލުމަށް ކުރި ޚަރަދުތަކަށް ފައިސާ ނުދައްކައިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވެސް އައިއޭއެސް އިން ހުށައެޅި އެވެ. އެ ކުންފުނިން އެދުނީ އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ދޭ ފައިސާގެ ތެރެއިން ޕީޕީއެމަށް ދޭން ޖެހޭ އެއްޗަކުން 4.8 މިލިއަން ރުފިޔާ ލިބޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށެވެ. އެކަމަކު، އީސީން ބުނީ އެގޮތަށް ކަންތައް ނުކުރެވޭނެ ކަމަށެވެ.

އައިއޭއެސް އިން އީސީއަށް މައްސަލަ ހުށައެޅުމާ އެކު ޕީޕީއެމުން އެއް މިލިއަން ރުފިޔާ ދެއްކުމުން ބަކީ އަދިވެސް 3.8 މިލިއަން ރުފިޔާ ދައްކަން އެބަ އޮތެވެ.

އައިއޭއެސްގެ އޮފިޝަލް ވިދާޅުވި ގޮތުގައި އެ ފައިސާ އަކީ މާލޭގައި ޕީޕީއެމުން ބޭއްވި ބޮޑު ޖަލްސާއަށް ރާއްޖޭގެ އެކި ރަށްރަށުން އުފުލު މީހުންގެ ދަތުރަށް ދައްކަން ޖެހޭ ވަރެވެ. އެގޮތުން ބައެއް ފްލައިޓްތައް ޕީޕީއެމުން ޗާޓަރު ކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ، އެއީ އެއްގޮތަކަށް ވެސް ގިނަ ދުވަހަށް ކްރެޑިޓް ދީގެން ލިބެން ޖެހޭ ފައިސާއެއް ނޫން ކަމަށެވެ. އެއީ އެ ދުވަހުން އެދުވަހަށް ދައްކަން ޖެހޭ އެއްޗެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ކަމާ ބެހޭ ބައެއް އިދާރާތަކަށް މައްސަލަ ހުށަހެޅީ ފައިސާ ނުދައްކާ ގިނަ ދުވަސް ވާން ފެށުމުންނެވެ.