އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ކޮމިޓީން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އަމާޒުކޮށް ހެދި، އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން އެ ބިލް ދިރާސާކުރެއްވި މަޖިލީހުގެ ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.


މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުން ވަކިވާނެ ކަމަށް ކަނޑައަޅައި މަޖިލީހުން ހެދި އެންޓި ޑިފެކްޝަން ގާނޫނު އުވައިލަން ހުށަހެޅުއްވީ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.

ބިލް ދިރާސާ ކުރަން ނެގި ހަތް މެމްބަރުންގެ ކޮމިޓީގެ އިއްތިފާގުން ނިންމާފައި ވަނީ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް، ބިލް އުވައިލުމަށެވެ. ހަތް މެމްބަރުންގެ ވަގުތީ ކޮމިޓީން މިގޮތަށް ކަނޑައެޅި ނަމަވެސް، ކޮމިޓީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެން ފާސް ކުރަން ޖެހޭނެ އެވެ.

ރިޔާޒް ހުށަހެޅުއްވި ބިލަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ އެ ހުށަހެޅުމަށް ތާއީދު ވެސް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އިދިކޮޅު މެމްބަރުންނާއި ޕީޕީއެމް އަދި އެމްޑީއޭގެ ބައެއް މެމްބަރުން ހިމެނެ އެވެ.

މަޖިލީހުގެ ގިނަ މެމްބަރުން ވިދާޅުވި ގޮތުގައި އެންޓި ޑިފެކްޝަން ގާނޫނަކީ އޮންނަން ޖެހޭ ގާނޫނެއް ނޫނެވެ. މަޖިލީހުގެ މެމްބަރުން ވަކިކުރެވޭނެ ގޮތް ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތްއިރު، ފުރަތަމަ ކުރަން ޖެހޭ ކަމަކީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުން ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

އެންޓި ޑިފެކްޝަން ގާނޫނަކީ ބާތިލް ގާނޫނެއް ކަން ފާހަގަ ކުރައްވައި މެމްބަރުން ވިދާޅުވީ ގާނޫނު ފާސްކުރީ ބޭނުންވާ އަދަދަށް މެމްބަރުން ވެސް ނެތި އެވެ. އެ ގާނޫނު ފާސްވާނީ މަދުވެގެން 43 މެމްބަރުން، ވޯޓު ނަގާއިރު ތިއްބަވައިގެން ކަމަށް ވެސް ބައެއް އިދިކޮޅު މެމްބަރުން ވިދާޅުވި އެވެ.

މި އަހަރުގެ މާޗް މަހު އަމަލުކުރަން ފެށި އެންޓި ޑިފެކްޝަން ގާނޫނުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތަކުގެ ތެރޭގައި އެ މެމްބަރަކު ނިސްބަތްވާ ޕާޓީން ސުލޫކީ ފިޔަވަޅު އެޅުން ވެސް ހިމެނެ އެވެ. އަދި ޕާޓީގެ ވިޕްލައިނާ ހިލާފުވުމަކީ ވެސް މަޖިލީހުގެ ގޮނޑި ގެއްލޭނެ ހާލަތެއް ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވައިލުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ރިޔާޒް ވިދާޅުވީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް މަޖިލީހުގެ މެމްބަރުންނަށް ދަތިތަކެއް ހުރި ކަމަށް ފާހަގަ ކުރެވޭތީ އާއި ގާނޫނުއަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާ ކުރުމަށް މެމްބަރުންނަށް ހުރަހަކަށް ވާތީ ކަމަށެވެ.

މީގެ އިތުރުން، އެންޓި ޑިފެކްޝަން ގާނޫނަކީ ބަރުލަމާނީ ސިފަތައް އެކުލެވިގެންވާ ގާނޫނަކަށް ވެފައި، މި ގާނޫނުގެ ސަބަބުން ރައްޔިތުންގެ ހައްގުތަކެއް ގެއްލިގެންދާ ކަމަށާއި ގާނޫނު އެކުލަވާލާފައި ވަނީ މާޒީއަށް އަމަލު ކުރެވޭ ގޮތަށް ކަމުގައިވާތީ ގާނޫނު އެކުލަވާލާފައިވަނީ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު އެ ބޭފުޅަކު އިންތިޚާބުވި ޕާޓީން ވަކިވެއްޖެ ނަމަ، ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ، މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ ކަމަށް ޖުލައި 13، 2017 ގައި ސުޕްރީމް ކޯޓުން ހުކުމް ކުރީ ބަންޑާރަ ނައިބު ހުށަހެޅުއްވި ދުސްތޫރީ މައްސަލައަކާ ގުޅިގެންނެވެ. އެ ހުކުމުގައި އެންޓި ޑިފެކްޝަން ގާނޫނެއް ހަދަން މަޖިލީހަށް ލާޒިމް ވެސް ކުރި އެވެ.

އެންޓި ޑިފެކްޝަން ގާނޫނު މަޖިލީހުން ފާސްކޮށް ތަސްދީގުކޮށްފައިވަނިކޮށް، އެ ގާނޫނާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ސަބަބުން، އެއީ ބާތިލް ގާނޫނެއްގެ ގޮތުގައި ކަނޑައަޅަން އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހެޅި އެވެ. އެކަމަކު، ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނީ އެންޓި ޑިފެކްޝަން ގާނޫނަކީ ސައްހަ ގާނޫނެއްގެ ގޮތުގަ އެވެ.