އަންނަ އަހަރުގެ މާޗު މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޓިކެޓް ކަށަވަރު ކުރައްވަން ޕްރައިމަރީއެއްގައި ވާދަ ކުރައްވަން ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެ، އެކި މީސްމީހުން އަމާޒުކުރާ ފާޑުކިޔުންތަކަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ރައްދު ދެއްވައިފި އެވެ.
މަޖިލީހުގެ އިންތިޚާބުގެ ޕްރައިމަރީއަށް ތައްޔާރު ކަމަށް މުސްތަފާ މި ވިދާޅުވީ، ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި އިދިކޮޅު 12 މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓްދޭން ކޯލިޝަންގެ ލީޑަރުން އެއްބަސްވެވަޑައިގެންނެވި ކަމަށް ބުނާ މައްސަލަ ހޫނުވެފައި ވަނިކޮށެވެ. ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅައި، ދޮޅު އަހަރު ވަންދެން މަޖިލީހަށް ވެންނެވުމުގެ ފުރުސަތު ގާނޫނާ ޚިލާފަށް ނުދިން މެމްބަރުންގެ ތެރޭގައި އޭނާ ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެ 12 މެމްބަރުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައެޅި ކަނޑައެެޅުން ސުޕްރީމް ކޯޓުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.
މުސްތަފާ އަށް ފާޑުކިޔުން އަމާޒުވީ، 12 މެމްބަރުންނާ އެކު ނަޝީދު އިއްޔެ ބޭއްވެވި ބައްދަލުވުމުގައި، ޕްރައިމަރީއަކާ ނުލައި އެ މެމްބަރުންނަށް ޓިކެޓް ކަށަވަރުކޮށްދެއްވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް ކުރެއްވި ޓުވީޓާ ގުޅިގެންނެވެ.
އެމްޑީޕީގެ އިސް ބޭފުޅުން ވިދާޅުވަނީ، ޕްރައިމަރީއަކާ ނުލައި އެއްވެސް މެމްބަރަކަށް ޓިކެޓް ދެއްވުމުގެ ކަށަވަރުކަން، އެ ބައްދަލުވުމުގައި ނަޝީދު ނުދެއްވާ ކަމަށެވެ. އެއާ އެކު، ނަޝީދު ވެސް މިއަދު ވިދާޅުވީ އެހެން ފަހަރުތަކެކޭ އެއްގޮތަށް، މި ފަހަރު ވެސް އެމްޑީޕީގެ އުސޫލަކަށް ވާން ޖެހޭނީ، މަޖިލީހުގެ އިންތިޚާބުގެ ޓިކެޓް ޕްރައިމަރީއަކުން ކަނޑައެޅުން ކަމަށެވެ.
އެ ޓުވީޓް މުސްތޮފާ ކުރެއްވުމާ އެކު، ޕްރައިމަރީއަކާ ނުލައި މުސްތޮފާ އަށް ވެސް ޓިކެޓް ހައްގު ނޫން ކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ. ހަމަ އެގޮތަށް، ބާކީ ތިއްބެވި 12 މެމްބަރުންނަށް ވެސް ޓިކެޓް ލިބެން ޖެހޭނީ އޮންނަ އުސޫލަކުން، ވާދަކޮށް، ޕްރައިމަރީ ކާމިޔާބުކޮށްގެން ކަމަށާއި އެ އުސޫލާ ޚިާފަށް ނުގެންދެވޭނެ ކަމަށް ދަނީ ބުނަމުންނެވެ.
އެ ވާހަކަތަކާ ގުޅިގެން މުސްތޮފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕްރައިމަރީއަކަށް އޭނާ ބިރެއް ނުގަންނާނެ ކަމަށެވެ. އަދި ވިދާޅުވީ، އޭނާ އަކީ 2009 އިން ފެށިގެން މިހާތަނަށް މަޖިލީސް އިންތިޚާބުގައި އެންމެ ގިނައިން ވާދަކުރި ބޭފުޅާ ކަމަށެވެ.
"އަދި ކޮންމެ ދައުރެއްގައި ގޮނޑި ވެސް ގެއްލޭ ފަރާތް. ރައްޔިތުންގެ ވޯޓަށް އަބަދުވެސް މަރުހަބާ،" މުސްތޮފާ ވިދާޅުވި އެވެ.
މަޖިލީހުގެ އިންތިޚާބަށް މުސްތޮފާ ޝައުގުވެރިވެވަޑައިގަންނަވަނީ، އަނެއްކާވެސް އެމްޑީޕީގެ ޓިކެޓަށް ކަމަށް ވިދާޅުވި އެވެ. ނިމިގެން މިދާ މަޖިލީހުގެ ދައުރުގައި ވެސް އޭނާ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓުގަ އެވެ. އެކަމަކު، ގޮނޑި ގެއްލުނީ ފަހުން ޕީޕީއެމަށް ބަދަލުވެ، އިދިކޮޅު ފަރާތްތަކާ އެކު މަސައްކަތް ކުރައްވަން ފެއްޓެވެމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ޖެހެނީ، އިންސާފުން ބޭރުން ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިގެން، އެ މެމްބަރުންގެ ދާއިރާތައް ތަމްސީލު ނުކުރެވި ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވުމުން ކަމަށް އޭގެ ތެރެއިން ބައެއް މެމްބަރުން ދެކެވަޑައިގަންނަވަ އެވެ. މި ކަންބޮޑުވުން، އިދިކޮޅު ސިޔާސީ ލީޑަރުންނަށް ވެސް ހުށަހަޅައި، މަޝްވަރާކޮށްފައިވާ ކަމަށް ވެސް އެ މެމްބަރުން ވިދާޅުވި އެވެ. އެކަމަކު، ޕްރައިމަރީއަކާ ނުލައި 12 މެމްބަރުންނަށް ޓިކެޓް ދޭން ލީޑަރުން އެއްބަސްވެވަވަޑައިގެންނެވި ކަމަށް މިހާތަނަށް ވާހަކަފުޅު ދެއްކެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަންޏެވެ.
އެ މަނިކުފާނު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އަންނަ މާޗް މަހު ބާއްވާ މަޖިލީހުގެ އިންތިޚާބަށް ޕްރައިމަރީއަކާ ނުލައި ކުރިމަތިލާން އެ މެމްބަރުންނަށް އެހީތެރިވެދޭން އިދިކޮޅު ކޯލިޝަންގެ ހުރިހާ ފަރާތްތަކަކުން ކުރިންސުރެ ވަނީ އެއްބަސްވެފަ އެވެ. އެ މެމްބަރުންގެ ތެރޭގައި، ގިނައީ މައުމޫންގެ ޕާޓީ، ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. މަޖިލީހުގެ އިންތިޚާބުގެ ޓިކެޓް، ޕްރައިމަރީއަކާ ނުލައި އެއްވެސް މީހަކަށް ދިނުމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ. ވާދަކުރުމެއް ނެތި، ޓިކެޓް ކަށަވަރުކޮށް ދިނުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ސިފައެއް ކަމަށް ބުނެ، އެ މަގަށް މަޖިލީސް އިންތިޚާބުގެ ޓިކެޓް ދިނުމުގެ ކަންކަން ނުގެންދަން ވެސް ސޯޝަލް މީޑިއާގައި އާއްމުން ދަނީ ގޮވާލަމުންނެވެ.