ޑިއުޓީ ނުދައްކާ ބޭނުން ކުރި ޔޮޓެއްގެ މައްސަލަ ބަލަނީ

ޑިއުޓީ ނުދައްކާ ރާއްޖެ އެތެރެކޮށް ބޭނުން ކުރަމުންދިޔަ ޔޮޓެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.


"މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ޑިއުޓީ ނުދައްކާ ޔޮޓެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު މައުލޫމާތެއް ނުދެއްވަ އެވެ.

އެނގިފައިވާ ގޮތުގައި އެ ޔޮޓަކީ އަލްފާ ކިނަމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މެއި، 17، 2018 ގައި އެތެރެކޮށްފައިވާ "އައުފާ" ނަމަކަށް ކިޔާ ޔޮޓެކެވެ.

އަލްފާ ކިނަމް ހޯލްޑިންގްސްއަކީ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނެއް ކަމުގައިވާ، މީގެ ދުވަސްކޮޅެއް ކުރިން އަވަހާރަވެފައިވާ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު)ގެ ކުންފުންޏެވެ.

އެ ކުންފުނީގެ އެދުމުގެ މަތިން އެ ޔޮޓް ހުޅުމާލޭ ބަނދަރުގައި އަޅާފައި ބޭއްވުމުގެ ހުއްދަ މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ދީފައިވާކަން އެނގިފައިވެ އެވެ.

ޑިއުޓީ ނުދައްކާ ބޭނުން ކުރަމުން ދިޔަ އެ ޔޮޓުގެ މައުލޫމާތު ކަސްޓަމުން މި ވަގުތު ލިބޭ ގޮތެއްނުވި އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި ކަސްޓަމުން ވެސް މި މައްސަލަ އަންނަނީ ބަލަމުންނެވެ.

ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިން ދަތުރުފުޅުތައް ކުރެއްވުމަށް އެ ޔޮޓު ބޭނުން ކުރައްވާފައިވެ އެވެ. ނަމަވެސް މިކަން ކަށަވަރެއްނުވެ އެވެ.