އިސްވެރިޔާ، ޖިންސީ ފުރައްސާރަކުރާ މައްސަލަ ފުރަތަމަ ނުބެލި!

ފޮރިން މިނިސްޓްރީގެ އިސް ވެރިއަކު އެތަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު ކޮމެޓީ އަށް ހުށަހަޅައި ބަލަމުންދާ ކަން އެތަނުން ހާމަކުރިއިރު، އެ މައްސަލަ ފުރަތަމަ ހުށަހެޅުމުން ނުބަލައި ދޫކޮށްލި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.


މި މައްސަލަ ބަލަން ފަށައިފި ކަމަށް ބުނެ ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެން މަޖުބޫރުވީ، އެކަން އޮއްބާލި ގޮތާ ގުޅޭ ގޮތުން ސޯޝަލް މީޑިއާގައި ނުރުހުންފާޅުކުރަން ފެށުމުންނެވެ. އިސްވެރިޔާއާ ދެކޮޅަށް ފުރަތަމަ މައްސަލަ ހުށަހެޅީ ގާތްގަނޑަކަށް މީގެ ހަ މަސް ކުރިންނެވެ. އެކަން ހިނގައިދިޔަ ގޮތް ނުބަލައި އަނިޔާ ލިބުނު އަންހެން މުވައްޒަފު ބަދުނާމުވާ ގޮތަށް ދެއްކި ވާހަކަތަކަކާ އެކު މިހާތަނަށް އެ މައްސަލަ އޮތީ ނުބަލަ އެވެ.

އެ ވެރިޔާގެ ފަރާތުން އެ މިނިސްޓްރީގެ އެހެން ދެ މުވައްޒަފަކަށް ވެސް ޖިންސީ ފުރައްސާރައިގެ އަމަލުތަކެއް ކުރިމަތިވި ކަމަށް ވެ އެވެ. އެކަމަކު ދިފާއުގައި ނުކުތުމުގެ ހިތްވަރު ނުލިބުނީ، ކޮމެޓީއަށް ހުށަހެޅި މައްސަލަ ވެސް ނުބަލައި ދޫކޮށްލުމުން ކަމަށް މައުލޫމާތު އެނގޭ ބަޔަކު "މިހާރު" އަށް ކިޔައިދިނެވެ.

ފޮރިން މިނިސްޓްރީގައި އޮތް ކޮމެޓީގައި، އިސްވެރިޔާގެ މައްސަލަ ޖެއްސުމުން އެއްބާރުލުމެއް ނުލިބި މައްސަލަ ނިމުނީ "އެއީ، ބަލަން ނުޖެހޭ" ކަމެއްގެ ގޮތުގަ އެވެ. އެނގިފައިވާ ގޮތުގައި، އެ ކޮމެޓީ ވެސް ފަހުން "އުވުނީ" އެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވުނީ، ސަރުކާރުގައި ނުފޫޒުގަދަ އަދި އދ. ގެ ހިއުމަން ރައިޓްސް ކައުންސިލް ފަދަ މަޖިލީސްތަކުގައި، ރާއްޖޭގެ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރައްވައި އަންހެނުންނަށް ފުރައްސާރަކުރުން ފަދަ މައްސަލަތަކާ ދެކޮޅަށް އަޑު އުފުއްލަވާ ބޭފުޅަކަށެވެ. މަގާމުގައި ހުންނެވިއިރު ބާރުގަދަ އެ ބޭފުޅާ އަށް ތުހުމަތު ކުރެވުނު އެ މައްސަލަތައް ބެލުމުގެ ހިތްވަރެއް މިނިސްޓްރީގައި ދެން ތިއްބެވި ވެރިންނަކަށް ވެސް ނުލިބުނީ ކަމަށް ތުހުމަތު ކުރެ އެވެ.

ފޮރިން މިނިސްޓްރީ: އެތަނުގެ އިސްވެރިއަކު އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ވަނީ ފެންމަތިވެފައި. --ފޮޓޯ/މިހާރު

މުވައްޒަފަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުކުރާ އިސްބޭފުޅާގެ ނަން "މިހާރު" އިން ނުލިއުނީ، އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުންނެވެ. އެ ތުހުމަތަކާ ގުޅޭ ގޮތުން އެ ބޭފުޅާ އަށް "މިހާރު" އިން ގުޅުމުން ފޯނެއް ނުނަންގަވަ އެވެ. މެސެޖުކުރުމުން ޖަވާބެއް ވެސް ނުދެއްވި އެވެ.

އޭނާއާ ދެކޮޅަށް މައްސަލަ ބަލަން ފެށީ، ޕާމަނަންޓް ސެކްރެޓަރީ، މިދިޔަ އަންގާރަ ދުވަހު، އާ ކޮމެޓީއެއް އެކުލަވާލައިގެންނެވެ. ފޮރިން މިނިސްޓްރީން ކޮމެޓީ ވެސް މި އެކުލަވާލީ، ވެރިކަން ބަދަލުވެ، ގާނޫނީ ގޮތުން ހުއްޓުން އަރާފައި ހުރި ކަންކަން ގާނޫނީ އިމުގެ ތެރެއިން ހިނގަން ފެށުމުންނެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން، ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުމާ ބެހޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި ތަހުގީގުކޮށް ފިޔަވަޅު އެޅުމަށްޓަކައި، 30 މުވައްޒަފުންނަށް ވުރެން އިތުރުވާ ކޮންމެ ތަނެއްގައި "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ" ކޮމެޓީއެއް އުފައްދަން ޖެހެ އެވެ. މިނިސްޓްރީތަކާއި މިނިވަން މުއައްސަސާތަކާއި ކޯޓުތަކާއި އެ ކޮމެޓީ އުފައްދަން އޮތީ ލާޒިމްކޮށްފަ އެވެ. އެ ކޮމެޓީ އުފައްދާފައި ނޯންނަ އެއްވެސް ހާލަތެއް އޮންނަން ނުޖެހޭއިރު، ފޮރިން މިނިސްޓްރީގައި ކަންތައްވެގެން ދިޔައީ އެހެނެއް ނޫނެވެ. ވަކި ހިސާބަކުން ކޮމެޓީ އަށް ވީނުވީއެއް ވެސް ނޭނގުނީ އެވެ.

ތިން މެމްބަރުންގެ ކޮމެޓީ އަށް ގާނޫނުން ބޮޑެތި ބާރުތަކާއި އިޚްތިޔާރުތަކެއް ވެސް ދީފައިވެ އެވެ. އޭގެތެރޭގައި، ޖިންސީ ފުރައްސާރައިގެ މައްސަލަ ބެލުމަށް ފަހު، އެކަން ހިނގި ކަން ސާބިތުވެއްޖެ ނަމަ އެ މީހަކު ވަޒީފާ އިން ވަކިކުރަން ނިންމުމުގެ ބާރު ވެސް ލިބިގެންވެ އެވެ.

އެނގިފައިވާ ގޮތުގައި، އިސްވެރިޔާ އަށް ކުރި ތުހުމަތު ޖެންޑާ މިނިސްޓްރީން ވެސް މިހާރު ތަހުގީގު އެބަކުރެ އެވެ. ރަސްމީކޮށް އެކަން ކަށަވަރުކޮށް ނުދީ ޖެންޑާ މިނިސްޓްރީން މިރޭ ބުނީ "އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އޮންނަ އުސޫލުން، ގާނޫނާ އެއްގޮތަށް ބަލާނެ" ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ހަތަރު ފާރުން ބޭރުވެ، އާއްމުންގެ ސަމާލުކަމަށް މައްސަލަ އައުމުން، އެ މިނިސްޓްރީގެ މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަ އަށް އެއްވެސް ޖާގައެއް ނުދިނުމަށާއި މުވައްޒަފުން މިފަދަ ފުރައްސާރައިން ރައްކާތެރިކުރުމާއި ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.